ދިވެހި އަސްކަރިއްޔާގެ ގާބިލިއްޔަތު އިތުރުކުުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރެޔާދުވާލު ކެނޑިނޭޅި މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި، އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ މުޢިއްޒު އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ގައުމާ މުޚާތަބު ކުރައްވައި ރައީސް ވިދާޅުވީ އެންމެ ފުރަތަމަ އިސްކަން ދެއްވާނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތު ހިމާޔަތް ކުރައްވަން ކަމަށް ކަމަށެވެ.
މި ކަންކަން ހިމާޔަތް ކުރަން ވަރަށް ފަލަ ރަތް ރޮނގެއް ދަންމަވާފައި އެބަ އޮތް ކަމަށާއި އެ ރޮނގު ދަންމަވާފައިވަނީ
ބޭރުގެ އެއްވެސް ފަރާތަަކަށް ހުރަސް ނުކުރެވޭނެ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އދ. ގެ މަޖިލީހުގައި އެންމެ ބޮޑެތި ގައުމުތަކާ އެކީގައި އެ ގައުމުތަކުގެ ވެރިންނާ އެކީގައި އެއްހަމައެއްގައި އެތަނަށް ވަޑައިގެން އެބޭފުޅުންނާ މުޚާތަބުކުރައްވައި ތަގުރީރުކުރައްވައި ހައްދަވައި، ގެންގުޅުއްވާ ސިޔާސަތުތައް ހާމަކުރެއްވުމުން ދުނިޔޭގެ އެންމެންނަށް ދޭހަވެގެންދޭ ދިވެހިންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި މުސްތަގިއްލު ގައުމެއްކަން ކަމަށެވެ. އަދި ދިވެހިންނަކީ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރަން ތައްޔާރަށް ތިބި ބައެއްކަން ކަމަށާއި ދުނިޔޭގެ މުޖުތަމައުއާ ގުޅިގެން ތަރައްގީއަށް މަސައްކަތް ކުރަން ތައްޔާރަށް ތިބި އަދި ސިޔާސީ ގޮތުންނާއި ސަލާމަތީ ގޮތުން ދުނިޔޭގައި ދިވެހިރާއްޖެ އުފުލަންޖެހޭ ޒިންމާތައް އަމިއްލައަށް އުފުލަން ބޭނުންވާ ބައެއްކަން ކަމަށެވެ.
މީގެ ހަމަ ކުޑަ މިސާލެއް، އަޅުގަނޑުމެންގެ ރައީސް ބޭނުންފުޅުވަނީ ދިވެހި އަސްކަރިއްޔާގެ ގާބިލިއްޔަތު އިތުރުކުުރައްވައިގެން އަޅުގަނޑުމެންގެ ސަރަހައްދުގެ ސަލާމަތްތެރިކަން އަމިއްލައަށް ބަލަހައްޓާ މުސްތަގިއްލު ގައުމެއްގެ ގޮތުގަ އަޅުގަނޑުމެން މި ފުރަތަމަ ފަސް އަހަރު ތެެރޭގަ ފެނިގެން ދިއުން.
މިނިސްޓަރު ވިދާޅުވީ ރެޔާދުވާލު މެދުކެނޑުމެއްނެތި ރައީސް މި މަސައްކަތްޕުޅު ކުރައްވާ ތަން ފެނިގެންދާ ކަމަށެވެ. އެގޮތުން ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ވަސީލަތްތައް މިއަހަރުތެރޭގައި ވެސް އެމްއެންޑީއެފްއަށް ހޯއްދަވައިދެއްވާފައި އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އޭގެ ބައިވަރު މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.