ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އުޅަނދުތަކެއް، އެ އުޅަނދުތަކުގެ ވެރިފަރާތްތަކުން ދެ މަސްދުވަހުގެ ގެންދަން އަންގައިފި އެވެ.
މިކަން އަންގައި ފުލުހުން ކުރި އިއުލާނެއްގައި ބުނީ އެ އިދާރާގެ ބެލުމުގެ ދަށުގައި އޮތް 21 އުޅަނދު، އޭގެ ވެރިފަރާތުން މިއަދުން ފެށިގެން 60 ދުވަހުގެ ތެރޭ ގެންދިޔުމަށް އަންގާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުންނަ އުޅަނދުތައް ގާނޫނުގެ ދަށުން ހަމަޖެހިފައިވާ އުސޫލުގެމަތިން ނައްތާލުމުގެ މަސައްކަތް ކުރާނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ނެރުނު 60 އުޅަނދުގެ ލިސްޓުގައި ހިމެނެނީ އަށް ސައިކަލާއި 13 ކާރެވެ. އެ ލިސްޓުގައި، ވެހިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ނެގި ތަނާއި، ވެހިކަލް ރެޖިސްޓާކޮށްފައިވާ ފަރާތުގެ އައިޑީކާޑު ނަންބަރުވެސް ހާމަކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.
ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތަކާއި، ގިނަ ދުވަސްތަކެއް ވަންދެން ނުދުއްވާ އެއްތަނެއްގައި ޕާކުކޮށްފައިވާ އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ހަވާލުނުވާ އުޅަނދުތައް ފުލުހުން ނައްތާލަ އެވެ.