އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުވުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހުޅުވާލައިފިއެވެ.
މިކަން ހާމަކޮށް އެ ކޯޕަރޭޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި އެފަރާތްތައް މަސައްކަތްކުރާ ދާއިރާތައް ދެނެގަނެ އެފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ކަށަވަރުކޮށް، އެފަދަ ވިޔަފާރިތައް ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށެވެ.
ބީސީސީ އިން ވަނީ އެ ފަރާތްތައް ދަފްތަރު ކުރުމައި އަމަލު ކުރާނެ އުސޫލެއް އެކުލަވާލާފައި، އެ އުސޫލަށް ވަނީ އަމަލު ކުރަން ފަށާފައިވެއެވެ.
ބީސީސީ އިން ބުނީ މިފަދަ ދަފްތަރެއް އެކުލަވާލުމަށް އުސޫލަތެއް އެކުލަވާފައިވަނީ ދިވެހި ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި، އެ ފަރާތްތައް ހަރަކާތްތެރިވާ ވިޔަފާރިތައް ދެނެގަނެ، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށް ދިވެހިރާއްޖޭގެ އިގުތިސާދުގައި އެ ފަރާތަކުގެ ދައުރު ފުޅާކުރުމަށް ކަމަށެވެ. އަދި އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ހަރަކާތްތެރިވާ ވިޔަފާރީގެ ދާއިރާތައް ދަފްތަރުކޮށް ބަލަހައްޓައި، އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ހަރަކާތްތެރިވާ ދާއިރާތަކާގުޅޭ ދިރާސާތައް ހެދުމާއި، ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި ބޭނުންވާ މައުލޫމާތު އެއްކޮށް ބެލެހެއްޓުން ހިމެނޭ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
މި ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވައިލާފައެވެ. ރަޖިސްޓްރީވާން ޖެހޭނީ އެކަމަށް ޚާއްސަ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
މި ޕޯޓަލްގެ ލިންކު ބީސީސީގެ މީސްމީޑިޔާގެ މަންސަތަކުންނާއި ބީސީސީގެ ވެބްސައިޓް www.bcc.mv އިން ފެންނަން ހުންނާނެއެވެ.
ދަފްތަރުގައި ރަޖިސްޓަރީވާން ފުރަންޖެހޭ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މާލޭގައި ހުންނަ ބީސީސީގެ މައި އޮފީހުންނާއި، އަތޮޅުތަކުގައި ގާއިމުކުރެވިފައިވާ ބިޒްނަސް ސެންޓަރުތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބީސީސީ އިިން ބުންޏެވެ.
މި ދަފްތަރު އެކުލަވާލައި، އަދާހަމަކޮށް މިކަމާބެހޭ އުސޫލުގައި ބަޔާންކުރާ ކަންކަން ހިންގައި ތަންފީޒުކޮށް ބަލަހައްޓާނީ ބީސީސީއިންނެވެ.