އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ.ގެ އާންމެ މަޖިލީހުގައި ތަގްރީރުކުރަން ފެށުމުން އެހޯލުގައިތިބި ރާއްޖޭގެ ވަފްދު އެތަނުން ނުކުމެއްޖެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ވަފްދު އެހޯލުން ނުކުތީ ފަލަސްތީނާމެދު ރައީސް ގެންގުޅުއްވާ ހާއްސަ ކަމާއި، ފަލަސްތީނުގެ ހައްގުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ހާއްސަ މަސައްކަތްޕުޅަށް އިހްތިރާމް ކުރެއްވުމުގެ ގޮތުން ކަމަށެވެ.
އދ.ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރައްވަމުން ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ހާލަތު ބަދަލުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ގުޅިގެން މަސައްކަތްކުރުމަށާއި އެފަރާތްތަކުން އެއްބާރުލުން ދެއްވުމަށް ގޮވާލައްވައިފަ އެވެ. ހަމައެހެންމެ ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރައްވައި، އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް، ރައީީސް ގޮވާލައްވާފައިވާކަން ފާހަގަކޮށްލެވެ އެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލުކުރައްވާ ރައީސް ވަނީ ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގްވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމި އޮންނާނެކަމުގެ ކަށަވަރުކަން ދެއްވާފަ އެވެ.