ދިވެހި ރާއްޖެއަކީ ދެކުނު އޭޝިޔާގެ ހިންދު މާކަނޑުގެތެރޭގައި އުފެދިފައި އޮތް ކުޑަ ގައުމެކެވެ. މިއީ އޭޝީއާ ބައްރުގައި އުފެދިފަ އޮތް އެންމެ ކުޑަ ގައުމުވެސް މެއެވެ. ގިނަ އަތޮޅުތަކަށް ބެހިގެންވާ މި ގައުމުގައި ޖުމްލަ 26 އަތޮޅެއް އޮވެއެވެ. މުޅި ދިވެހިރާއްޖޭގެ ބިމުގެ ބޮޑުމިނަކީ 115 ކިލޯ މޭލެވެ. ދިވެހި ރާއްޖޭގެ އާބާދީގައި މިހާތަނަށް 517،887 (ފަސް ލައްކަ ސަތާރަ ހާސް އަށް ސަތޭކަ އަށްޑިހަ ހަތް) މީހުން އެބަތިއްބެވެ.

ކުޅުދުއްފުށި /ފޮޓޯ: ޒުވާން މަސްވެރިއާ
ދިވެހި ރާއްޖެއަށް ޖިއޮގްރެފިކަލް ގޮތުން ލިބިގެންވާ މައުނަވީ ސިފަތަކަށްބަލާއިރު، ރާއްޖެއަކީ ދުނިޔޭގެ އެހެންގައުމަތަކާއި ވަރަށްވެސް ތަފާތު ގައުމެކެވެ. ބިމާއި ޖައްވާއި ވަށައިގެންވާ ކަންތައްތަކެވެ. އިންސާނީ ޙަރަކާތްތައްވެސް މެއެވެ. އާބާދީތަކާއި ވަސީލަތްތަކާއި، ސިޔާސީ އަދި އިޤްތިޞާދީ ޙަރަކާތްތައް ހިންގުން ވެސް ހިމެނެއެވެ.
ރާއްޖޭގެ ތަންތަން ވަށައިގެން އެކުލެވިގެންވާ ސިފަތަކާއި އެ ސިފަތަކާ ގުޅުންހުރި ހުރިހާ ކަމަކީވެސް ރާއްޖެ އަށް ލިބިގެންވާ އަގުބޮޑު ތަރިކައެއްވެސް މެއެވެ.

ކަނޑުހުޅުދޫ /ފޮޓޯ: ސޯޝަލް މީޑިއާ
ރާއްޖޭގެ ބޮޑުބަޔަކީ ކަނޑުއަޑިއެވެ. ކަނޑު އަޑީގެ ރީތި މަންޒަރާއި، ގުދުރަތީ ފުރިހަމަކަމީވެސް ދުނިޔޭގެ އެހެންގައުމުތަކުގެ ކުރީ ސަފުން ރާއްޖެއަށް ޖާގަލިބޭ އެންމެ މުހިންމު ރައުސްމާލެވެ.

މުރަކަ އާލާ ކުރުމުގެ މަސައްކަތްތުގެ ތެރެއިން
ރާޅުތަކުގެ ހިތްގައިމު މިއުޒިކާއިއެކު، ގޮޑުދޮށްތަކުގެ ބީއްސާލީ ދޮންވެލީގެ ހުދުކަމާއި، އޭގެ ހިތްގައިމުކަމަކީވެސް ރާއްޖޭގެ ރީތިކަން ރަމްޒު ކޮށްދޭ ކަމެކެވެ. ރާޅާއި އެކު ވަކި ޕްލޭންއެއްގެ ދަށުން އެއްގަމަށް އަރާ ހިމުން ދޮންވެލީގެ ގޮދަނޑީގެ އަރާމު ފިނިކަމާއި، އަދި އެ ގޮނދަޑީގައި ފައި ބީއްސާލުން އެއީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމާއި، ވެސް ގުޅިފައިވާ ކަންކަމެވެ.
ފަޅާ ވިލާ މޫދަކީ މިއިން ކޮންމެ ތަނަކުން އެތައް އިބްރަތްތަކެއް ލިބޭނެ ތަނެކެވެ. ވިލުގެ ވިލުންވެރިކަމާއި، ވަށައިގެންވާ ނޫ ކަނޑުން ހަނގީގަތުގައިވެސް ލިބެނީ އަގު ނުކުރެވޭ ޖަވާހިރެއްފަދަ ހިތްގައިމު އުފާތަކެވެ. ޗާލު ޖަޒީރާ ވަންތަ ރާއްޖެއެއްގެ އުފާ ލިބޭ ހަމައެކަނި ތަނަކީވެސް ކަނޑާއި މޫދާ ފަޅާ ވަށައިގެންވާ ސަރަހައްދުއެވެ. މިއީ ރާއްޖޭގެ ރީތިކަމާއި ފުރިހަމަކަން ރަމްޒު ކޮށްދޭ އެންމެ އަގުބޮޑު އެއް ތަރިކަތައް ވެސް މެއެވެ.

ރާއްޖޭގެ ރަށެއް/ފޮޓޯ: ސޯޝަލް މީޑިއާ
މި ސުވަރުގެއެއްފަދަ ރާއްޖެ ހިމާޔަތް ކުރުމަކީ ކޮންމެ ދިވެއްސެއްގެ ފުރިހަމަ ޒިންމާއެކެވެ. މި ޒިންމާ އެންމެ އެދެވޭ ގޮތުގައި ހޯދުމާ ލިބިގަތުމަކީވެސް ކޮންމެ މީހަކުވެސް އެކަމުން އުފާ ހާސިލް ކުރެވޭނެ ކަމެކެވެ. ނަމަވެސް މި ޖަޒީރާ ސުވަރުގެ އަތުން ބީވެދާނެކަމުގެ ބިރުހީވާ ހީވުމަކީ މިއަދު ދެކެންޖެހިފައިވާ ހަގީގަތެވެ.
މި ހަޤީޤަތާއި ކުރިމަތިލާން ޖެހިފައިވާއިރު، މިއަދު އަޅުގަނޑުމެން ތިބެންޖެހެނީ މޫސުމަށް އަންނަ ބަދަލްތަކާއެކު ރަށް ގިރުންފަދަ ކަންކަމުން އެރަށްތައް ހިމާޔަތްކުރެވޭނެ ގޮތެއް ނޭގިފައެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރާއްޖޭގެ ހިމާޔަރުގަ ރައީސް ވާހަކަފުޅު ދައްކަވަނީ/ފޮޓޯ ރައީސް އޮފީސް
އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހައި-ލެވެލް ޕްލެނަރީ މީޓީންގ އޮން އެޑްރެސިންގ އެގްޒިސްޓެންޝަލް ތްރެޓްސް ޕޯޒްޑް ބައި ސީ-ލެވެލް ރައިޒްގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެއްވެސް ދިވެއްސަކު އަމިއްލަ ރުހުމުގައި އެމީހެއްގެ އަމިއްލަ ރަށް ދޫކޮށް ދާން ނޭދޭނެ ކަމަށާއި ދިވެހީން، ދިވެހީންގެ ރަށްތަކުގެ ޙިމާޔަތުގައި މަސައްކަތް ކުރާނެ ކަމުގައެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކަލާ އެއްވެސް ޤައުމެއް ގިނިކަންޏާ ކުރިމަތިލައި، ޙައްލު ހޯދަންޖެހިގެންނުވާނެ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަވެއެވެ. އަދި އެ މައްސަލައިގައި މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢުން މަސައްކަތް ކުރަންޖެހޭ ކަމެއްކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވާފަވެއެވެ.
އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކާއިއެކު ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ގުޅިގެން މަސައްކަތް ކުރެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ގައުމުތަކުގެ ކިބައިން އެދިލައްވާފައެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް
ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ބިންތިރި ގައުމެކެވެ. ވަށާއިގެންވާ ކަނޑުގެ ރާޅުތައް އުފުލި އެއްގަމަށްއަރާ މި ޖަޒީރާ ބީވެ ގޮސްދާނެ ކަމުގެ ބިރު އޮތީ ހީވެފައެވެ. ރަށް ގިރުމަކީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލައެވެ. ގިރާ ރަށެއް ކަމުގައިވާނަމަ ރަށުގެ އެއް ސަރަޙައްދު ގިރާ އިރު އަނެއް ސަރަޙައްދު ވެސް ގިރައެވެ. އަދި އެ ރާޅު އެނބުރި ވޮޑޭ ވޮޑުމަކީ މިފަދަ ރަށްތަކުގައި އެންމެ ނުރައްކާތެރި މައްސަލަވެސް މެއެވެ.
ނަމަވެސް އާދަޔާއި ޚިލާފަށް ރަށް ގިރުމުގެ މައްސަލަ ބޮޑުވެ މިކަމަށް ހައްލު ނުލިބި ރަށްތަކެއް ގެއްލިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ކަންމިހެންއޮތް އިރު، މޫސުމީ ބަދަލުތަކާ ތިމާވެއްޓާއި ބެހޭ މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެކަމުގެ ސަބަބުން އިޖުތިމާޢީ އަދި އިޤުތިޞާދަށްވެސް އަސަރު ކުރާ ކަމަށެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ސަމާލުކަން ކޮންމެހެން ބޭނުންވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކުގެ ސަބަބުން މުޅި އިންސާނިއްޔަތު ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށެވެ.

ރަށް ގިރުމުގެ މައްސަލަ ބޮޑަށް ކުރިމަތިވެފައިވާ އެއް ަރަށް ފުވައްމުލައް ސިޓީ/ފޮޓޯ : ސޯޝަލް މީޑިއާ
ހަމަހިމޭން އަމާން ދިވެހިރާއްޖެ ނެތިވެ ގޮސްދާނެކަމުގެ ބިރު ހީވެފަވާއިރު، ފަޅާ ވިލާ މޫދުގެ އުފާވެރިކަން ގެއްލި ވިހަތަކުން ސަލާމަތް ނުވެވޭ ގައުމެއްގެ ގޮތުގައި ފެނިދާނެ ކަމުގެވެސް ބިރު ހީވުމަކީ ހަޤީޤީ ނަޒަރުން ކަޅިއަޅަންޖެހޭ ކަމެވެ.

ރަށަކަށް ރާޅުއަރާފަ/ފޮޓޯ: ސޯޝަލް މީޑިއާ
ރީތި ވިލުގެ ވިލުންވެރިކަމާއި، ވަށައިގެންވާ ނޫ ކަނޑާއި، ޗާލު ޖަޒީރާ ރާއްޖެ ގެއްލިދާނެ ކަމުގެވެސް ބިރު ހީވެފަވާއިރު، ބޮޑެތި ގައުމުތަކުން މިކަމަށް އެއްބާރުލުން ނުދީފިނަމަ މި ސުވަރުގެ ބީވެދާނެ ކަމުގެ ސިގްނަލުގެ ރަތް ބޮކި ދަނީ ދިއްލަމުންނެވެ. އެލާމުގެ ބިރުވެރި ރަނގަބީލާއިއެކު، ފުން ނަޒަރަކުން ޤައުމާއި ދޭތެރޭ ވިސްނާލަން ޖެހެއެވެ.
ލޮސް އެންޑް ޑެމޭޖް ފަންޑު” ގެ ބޭނުން ހިފޭނެގޮތަށް މަގުފަހިކުރުމަށް ރައީސް ގޮވާލި ގޮވާލެއްވުމަށް އިޖާބަދޭން ޖެހެއެވެ. ކޮޕް 28 ވީހުގެ ލަނޑުދަނޑިތަކުން ކޮޕް 29 އާއިކުރިމަތިލާއިރު ވިސްނަންވީ ކަމަކީ ރާއްޖެފަދަ ކުދި ޤައުމުތަކަށް ކުރިމަތިވާ ނުރައްކާ ކުޑަ ކުރެވޭނެ ގޮތަކާ ދޭތެރޭގައި ވިސްނާލުމެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ތެރެއިން/ފޮޓޯ ރައީސް އޮފީސް
މި އަމާން ދިވެހި ރާއްޖޭގެ ބޭނުން ހިފޭނެ ގޮތަކާމެދު ފުންކޮށް ވިސްނާލަން ޖެހެއެވެ. ހިތްގައިމު މި ރާއްޖެ އަތުން ބީވެދާ މަންޒަރު ބަލަންތިބުމުގެ ބަދަލުގަ ރާއްޖޭގެ މި ވެށި އިޔާދަ ކުރެވޭނެ ގޮތެއް ފުންކޮށް ވިސްނާލަން ޖެހެއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޤައުމުތަކުގެ އެތައް އަހަރުތަކެއްގެ ކުރިއެރުންތައް ނެތިގެންދާކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ޤައުމުތަކުގެ ތަރައްޤީގެ ކަންކަމަށް ހޭދަކުރުމަށް ހުންނަ މަދު ވަޞީލަތްތައް ކުއްލި ޙާދިސާތަކުގެ ސަބަބުން ނެތިވެދާކަމަށެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ތެރެއިން/ފޮޓޯ ރައީސް އޮފީސް
ގައުމަށް ބޭނުންވާ އަމާންކަމާއި ހިތްގައިމުކަން ގެނައުމަށްޓަކާ ބައިނަލް އަގްވާމީ ދުނިޔެ އެކީ އެކައްޗަކަށް އަތުކުރި އޮޅާލަންޖެހެއެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިން ފާއިތުވި ދުވަސްތަކުގައި ނުލިބުނު އަމާންކަން ހޯދަންޖެހެއެވެ. ކޮޕް 29 އަށް ތައްޔާރުވާކަން ފާހަގަކޮށްފައިވާއިރު މިއީ މޫސުމަށް އަންނަ ބަދަލުތަކަށް ނިމުމެއްގެނެވޭ އަހަރުކަމަށް ހެދުމަށް ރައީސް ކުރައްވާ އުއްމިދުތަކަށް އާ ރޯކަން ގެނެވޭނެކަމަށް ބެލެވެއެވެ. މި ހިނގާ އދ. ގެ އާންމު މަޖިލީހުގެ ޙާއްސަ ސެޝަންތަކާއި ތަގްރީރުތަކުން ވެސް ރައީސް މި ވަނީ މި ކަންކަން ސާބިތުކޮށްދެއްވާފައެވެ.