ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ކޮންމެ ދާއިރާއަކުން އެހީތެރިވުމަށް ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ދީފިއެވެ.
މި ޔަގީންކަން ދެއްވީ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ބޭއްވެވި ބައްދަލުވުމުގައި ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ޝައިޚް ޢަބްދުﷲ ބިން ޒާއިދު އާލް ނަހްޔާނެވެ.
މި ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭގޮތުން މައުލޫމާތު ދެއްވަައި ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކުރައްވާފައެވެ. އަދި ޚާއްސަ ގޮތެއްގައި އިގުތިސާދީ ތަރައްގީއާއި، އިންވެސްޓްމަންޓް އަދި ސިއްހީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ އެހީތެރިކަން ފާހަކުރެއްވިއެވެ.
ެއެގޮތުން ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ކޮންމެ ދާއިރާއަކުންވެސް އެހީތެރިވުމަށް ޔޫއޭއީއިން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މުހިއްމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުން ނިންމަވައިލެއްވީ ދެ ގައުމުގެ ދެމެދުގަައި އޮތް ސިޔާސީ ގުޅުން ހަރުދަނާކޮށް، ދެ ގައުމުން އިސްކަންދޭ ކަންކަމުގައި އެކުގައި މަސައްކަތް ކުރެއްވުމާއެކު އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުންވެ.