އިސްރަށްވެހިންނަކީ އާއިލާތައް ބިނާކުރުމުގަޔާއި ގައުމު ބިނާކުރުމުގައި އިސްވާރުންގެ ގޮތުގައި ތިއްބެވި ތަޖުރިބާކާރުން ކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގިއާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ލަހުފާ ވިދާޅުވެއްޖެއެވެ.
ލަހުފާ މިހެން ވިދާޅުވީ އިއްޔެ ކުރިއަށްދިޔަ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްރައްވެހިންގެ ނާދީގައި ކުރިއަށްދިޔަ ހަރަކާތުގައެވެ. ލަހުފާ ވިދާޅުވީ އިސްރަށްވެހިންގެ އަގުވަޒަންކުރާ، އެމީހުންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަން ގާއިމްކުރުމަށް ހޭހަންކުރާނެ މަރުކަޒެއް ގާއިމްކޮށް މުޖުތަމައުގައި ތިބި ދޮށީއުމުރުގެ މީހުންގެ ދޮޅަހެޔޮކަމާ އުފާވެރިކަން ކަށަވަރުކުރުމަށް ނާދީއަށް ވުޖޫދަށް ގެނެސްދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރާ ކަމަށެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްރައްވެހިންގެ ނާދީގައި ކުރިއަށްދިޔަ ހަރަކާތުގައި ޑެޕިއުޓީ މިނިސްޓަރު ލަހުފާ ވާހަކަ ދައްކަފުޅު ދައްކަވަނީ
އަދި އިސް ރަށް ވެހިންގެ ނާދީގެ ފައިދާ ލިއްބައިދިނުމަށް އެކި ޖަމުއިއްޔާ ޖަމާއަތްތަކާއި، ކުންފުނިތަކާއި ވަކިވަކި ފަރުދުން ކުރައްވަމުން ގެންދަވާ މަސައްކަތައް ވެސް ފާހަގަކުރާ ކަމަށާއި، މިހާރު ވެސް އާއިލާތުގެ ލޯތްބާއި އަޅާލުމާ އެހީތެރިކަން އިސްރަށްވެހިންނަށް ލިބެމުންދާކަން ފާހަގަކަމަށެވެ.
“ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލާއި، އަމިއްލަ ދިރިއުޅުމުގައި އަޅުގަނޑުމެން މަޝްއޫލުވެ އުޅެން ޖެހޭ ގޮތާއި، ޓެކްނިލިޖީއާ، މިހެން ހުރި ކަންކަމާއި އެކު އަޅުގަނޑުމެންނަށް ދޮށީއުމުރުގެ މީހުންނަށް ދެވޭ ވަގުތު ކުޑަވޭ. އެމީހުނާއި ވާހަކަ ދައްކާލުން، އެކުގައި ވަގުތު ހޭދަކޮށްލުން ފަދަ ކަންކަން ކުރުމަކީ އެހާ މުހިންމު ކަމެއްގެ ގޮތުގައި ނުދެކެވޭ ފަހަރު ވެސް އާދޭ. ގަސްދުގައި ނޫން ނަމަވެސް އިހުމާލު ވެވޭ ފަހަރުތައް ވެސް އާދޭ.” ލަހުފާ
އެހެންކަމުން މިއީ އާއިލީ ގުޅުންތައް ބަދަހިކުރުމަށް އަޒުމް ކަނޑައަޅާނެ ދުވަހަކަށް ހަދަން ޖެހޭ ކަމަށާއި، ވަގުތު ހުސްކޮށްގެން ނަމަވެސް، މައިންބަފައިންނާއި، މާމަމެން އަދި ކާފަ މެންނާއެކު ދުވަހުގެ ކޮންމެސް ވަގުތުކޮޅެއް ހުސްކޮށްގެން ވަގުތު ހޭދަކުރަން ޖެހޭ ކަމަށްވެސް ލަހުފާ ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ކޮންމެ މީހަކީ އެމީހުންގެ މޫނުމައްޗަށް ހިނިތުންވުން ގެނައުމަށް، ކޮންމެވެސް ކަމެއް ކުރާނެ މީހެއްކަމުގައި ވާން ޖެހޭ ކަމަށްވެސް ލަހުފާ ވަނީ ވިދާޅުވެފައެވެ.

