މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އަށް މިހާތަނަށް 1333 ސަނަދެއް ވެލިޑޭޓްކޮށްފައިވާ ކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.
އެ ވުޒާރާއިން ހާމަކުރި ގޮތުގައި މިއަހަހަރުގެ މިހާތަނަށް އެމްކިއުއޭއަށް ޖުމްލަ 1621 ސަނަދެއް ވެލިޑޭޓްކުރުމަށް ހުޅަހަޅަފާއިވެއެވެ.
ކޮލިފިކޭޝަން ރިކޮގްނިޝަންގެ ޚިދުމަތަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮއްދޭ މަރުކަޒުތަކުންނާއި ބޭރު ގައުމުތަކުގައި މަތީ ތައުލީމު ފޯރުކޮއްދޭ މަރުކަޒުތަކުން ދަރިވަރުން ހާސިލުކޮށްފައިވާ ސަނަދުތަކަކީ އެމްކިޔުއޭއިން ކަނޑައަޅާފައިވާ އެމްއެންއެފްކިޔު ލެވެލްއަށް ފެތޭ ސަނަދެއްކަން ކަށަވަރުކުރުމުގެ ގޮތުން ދެވޭ ޚިދުމަތެކެވެ.
އެގޮތުން ދަރިވަރުން ވެލިޑޭޓްކުރުމަށް ނުވަތަ ޕްރޮގްރާމެއްގެ ފެންވަރު ކަނޑައެޅުމުގެ ޚިދުމަތަށް އެދި އެމްކިޔުއޭއަށް ސަނަދެއް ހުށަހެޅުމުން އެ އިދާރާއިން އެ ސަނަދެއްގެ ލެވެލް ބަލައި ޗެކްކުރުމަށްފަހު، އެ ސަނަދެއްގެ ލެވެލް އެނގޭ، އެމްކިޔުއޭގެ ތައްގަނޑު ހިމެނޭ ލިޔުމެއް ދަރިވަރާއި ހަވާލުކޮށްދޭނެއެވެ.
ަސަރުކާރުގެ އަމާޒަކީ މަތީ ތައުލީމުގެ ފެންވަރު ރަނގަޅުކޮށް، ރާއްޖޭގެ ޔުނިވާސިޓީތަކުގައި ބޭރުގެ ދަރިވަރުން ތައުލީމު ހާސިލުކުރުމަށް ރާއްޖެ އަންނާނެ ފަދަ ހަރުދަނާ ތައުލީމީ ނިޒާމެއް ބިނާކުރުމެވެ.
މި އަމާޒަށް ވާސިލުވުމަށް މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ފެންވަރު ކަށަވަރުކޮށް، ރާއްޖޭގެ ޔުނިވާސިޓީ އަދި ކޮލެޖް އިންސްޓިޓިއުޓް ތަކުން ނިކުންނަ ދަރިވަރުންގެ ތައުލިމީ ފެންވަރު ހަރުދަނާކުރުމަށް އެމްކިޔުއޭ އިން ގިނަ މަސައްކަތެއް ކުރަމުންދާ ކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.