ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ގ. ފަހިވާގެ، ބައްސާމް އަދީލް ޖަލީލުގެ މިލްކިއްޔާތުގައިވާ ހުޅުމާލޭ އަމީން އެވެނިއުގެ ދެ އެޕާޓްމެންޓު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި، މި ދެ އެޕާޓްމެންޓު އޮކްޓޯބަރު 6 ވަނަ ދުވަހުގެ ކުރިން ފުލުހުންނާ ހަވާލުކުރުމަށް ސެޕްޓެމްބަރު 28 ވަނަ ދުވަހު ކޯޓުން އަމުރުކޮށްފައިވެއެވެ. މިކަމާ ގުޅިގެން، އެ ދެ އެޕާޓްމެންޓު ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން އަންނަކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ހިޔާނާތާއި މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑަރިންގެ ކުށުގެ ތުހުމަތުގައިވާ ބައްސާމް މި ދެ ޕެންޓްހައުސް ގަތްކަމަށް ބެލެވެނީ ކޮވިޑްގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދިމާވި މާލީ ދަތިތަކުން އަރައިގަތުމަށް އެފްއޭއެމުން، ފީފާ މެދުވެރިކޮށް ނެގި ލޯނު ފައިސާއިންނެވެ. މި މައްސަލައިގައި ބައްސާމުގެ މައްޗަށް ދަޢުވާކޮށްދިނުމަށް ފުލުހުން ވަނީ މިދިޔަ މަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައެވެ.
އިތުރުން، މި މައްސަލައިގައި އެޕާޓްމަންޓް ވިއްކި އަމީން ކޮންސްޓްރަކްޝަނާއި، އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އަދި އެ އެސޯސިއޭޝަނުގައި އޭރު މަސައްކަތްކުރި ހަސަން ވަހީދުގެ މައްޗަށްވެސް ދަޢުވާކޮށްދިނުމަށް އެދިފައިވެއެވެ.
ފީފާއިން އެހީގެ ގޮތުގައި ދިން އެއް މިލިއަން ޑޮލަރު ދިވެހި ރުފިޔާއަށް މާރުކުރުމަށް އެފްއޭއެމުން އަމީން އެވެނިއުއަށް އެ ފައިސާ ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް 14 ވަނަ ދުވަހުއެވެ. ނަމަވެސް، މި ފައިސާ އަނބުރާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކޮށްފައި ނުވާކަމަށާއި، އޭގެ ބަދަލުގައި އެކި ކުންފުނިތައް މެދުވެރިކޮށް އެ ފައިސާ ދައުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގައި ފީފާގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި ފީފާއިން ވަނީ ބައްސާމް ނުވަ މަސްދުވަހަށް ސަސްޕެންޑް ކޮށްފައެވެ.

