ގއ. ކަނޑުހުޅުދޫ ލީލީގޭ އަސްމާ އިސްމާއިލް ވަނީ ވޭނީ ބައްޔަކާ ކުރިމަތިލާނެޖެހި އޭނާގެ ޒުވާންއުމުރު ގުނަންޖެހިފައެވެ. 34 އަހަރުގެ އަސްމާ ކަންފަތުގައި ޖެހުނީ ގަބޫލުކުރަންދަތި ހިތްދަތިއަޑެވެ. އެއްވެސް މީހަކު އަހަންބޭނުންވާނެ އަޑެއް ނޫނެވެ. 5 އަހަރުކުރިން ފަޔަށްވާންފެށި ތަދާއެކު ޑޮކްޓަރަށް ދެއްކުމުން އެނގުނީ އަސްމާގެ ފައިގައި ކެންސަރު ޖެހިފައިވާ ކަމެވެ. އަދި އެ ބަލި އެއް ފަޔަށް ޖެހުނު ކަމަށް ޑޮކްޓަރުން ބުނި ނަމަވެސް އަނެއްފައިގަވެސް ދަނީ އޭގެ އަސަރު ކުރަމުން ކަމަށް އަސްމާ އަސަރާއެކު ބުންޏެވެ.
ތިން ކުދިންގެ އެ މަންމަ މިހާޜު ހުރީ މާލޭގައެވެ. ފަރުވާއަށް މާލެ އައި ގޮތަށް ހުންނާނެ ވަކި ތަނެއް ނެތުމުން ތަނެއް ކުށްޔަށް ނަގައިގެންނެވެ. އަމިއްލަ ޒަރޫރީ ބޭނުންތައް ފުއްދުމަށް ފައިސާ ނެތް މި މަންމައަށް މަޖުބޫރުވަނީ މާލޭގައި ފަރުވާ ލިބޭނެ ގޮތެއް ހޯދުމަށް ހުންނާށެވެ.

އަސްމާއާއި އޭނާގެ ތިން ކުދިން އަސްމާ ބަލިވުމުގެ ކުރިން
އަސްމާއަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރި އަންހެނެކެވެ. ކުއްލިއަކަށް ދިމާވި ހާލަތުގެ ސަބަބުން އޭނާގެ ހާލަތު ވަނީ ބަދަލުވެފައެވެ. ހީވާގި މުރާލި އަންހެނެކެވެ. އަމިއްލަ ދަރިންނަށްޓަކާ ޤުރުބާންވި މަޔެކެވެ. ލިބިފަތިބި ތިން ދަރިންނަށްޓަކާ އަމިއްލަ ރަށް ދޫކޮށް އެހެންރަށަކަށް ބަދަލުވެ އެ ކުދިންނަށް މަތީ ތައުލީމް ހޯދައިދިނުމަށް މަސައްކަތް ކުރި އަންހެކެވެ.
ނަމަވެސް މިއަދު އަސްމާގެ ދިރިއުޅުން ބަދަލުވެއްޖެއެވެ. 5 އަހަރު ކުރިން ވާތުފައިގެ ފައިތިލަމައްޗަށް ވާންފެށި ތަދާއެކު ފައިތިލަ ދުޅަވެ އޮޕަރޭޝަނަކަށް ދާންޖެހުނެވެ. ގދ. ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކުރެވުނު އޮޕަރޭޝަނަކަށްފަހުވެސް އޭނާގެ ފަޔަށް މާބޮޑު ފަރުވާއެއް ނުލިބި ދުވަސްތައް ގުނަންޖެހުނު ކަމަށް އަސްމާ ބުންޏެވެ.

އަސްމާގެ ފައި އޮޕަރޭޝަނަށްފަހު

އަސްމާހެ ފައި އޮޕަރޭޝަނަށްފަހު
ތަދު ބޮޑުވެ ހާލަތު ދިޔައީ ގޯހުން ގޯހަށް ކަމަށާއި، ގދ. ތިނަދޫގައި ހުންނަ ޑިޓެންޝަން ސެންޓަރުގައި ވަޒީފާ އަދާކުރަމުންދިޔަ އަސްމާ އެންމެފަހުން ވަޒީފާއިން ކަނޑާލީވެސް ބަލި ބޮޑުވެ ގިނަދުވަހު ވަޒީފާއަށް ނުދެވޭތީ ކަމަށެވެ. ބަލިބޮޑުވެގެންދިޔައިރުވެސް ވަޒީފާ ދެމެހެއްޓޭތޯ އޭނާ ދިޔައީ މަސައްކަތް ކުރަމުން ކަމަށާއި، ނަމަވެސް ފަޔަށް ވާންފެށި ތަދާއެކު އުޅެންޖެހުމުން އޭނާ އަށް ކެތް ނުކުރެވޭތީ ސަލާމް ބުނުން ގިނަވެ ފަރުވާކުޑަކަމަށް ނިންމާ ވަޒީފާއިން ކަނޑާލީ ކަމަށެވެ.
އެހާ ހިސާބުން ދަރިންނަށްޓަކާއި ޤުރުބާންވަމުން އައި އަސްމާ އެންމެފަހުން އަމިއްލަ ރަށަށް ބަދަލުވާން މަޖުބޫރުވީ ކަމަށެވެ. ތިން ދަރިން ގޮވައިގެން އަމިއްލަ ރަށަށް ގއ. ކަނޑުހުޅުދޫ އަށް ބަދަލުވިއެވެ. ރަށުގައި އުޅުނީ އަމިއްލަ މަންމަ ކައިރީގައިކަމަށްވިޔަސް ތިން ދަރިންނާއެކު އުޅެންޖެހިފައިވުމުން ތަކުލީފްތައް ދިޔައީ ބޮޑުވަމުން ކަމަށް ވެސް އަސްމާ ބުންނެވެ.
ސަބަބަކީ ކަނޑުހުޅުދޫގައި ސިއްހީ ހާލަތު ދަށްވުމާއި އެފަދަ ބައްޔަކަށް ފަރުވާ އެރަށުން ލިބޭނެ ވަސީލަތެއް ނެތުމުން ކަމަށެވެ. އޭރުވެސް ފައިގެ ރިހުންބޮޑުވާ ގަޑިތަކުގައި ވަރަށް ބޮޑަށް ރިއްސާ ކަމަށް އަސްމާ ބުންޏެވެ. އަސްމާ އޭނާގެ ބަލީގެ ވާހަކަތައް”ހުވަދޫ” އަށް ކިޔައިދެމުން ބުނީ ވޭން ބޮޑުވެ އެންމެފަހުން މާލެ އައި ކަމަށާއި، އަދި ޑޮކްޓަރަށް ދެއްކުމުން ކެންސަރަށް ބަދަލުވެފައިވާ ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށެވެ.

އަސްމާގެ ބަލީގެ ހާލަތު އަންގައިދޭ ލިޔުމެއް
“އަސްމާއަށް ޖެހިފައިވާ ކެންސަރުގެ ފަރުވާ ރާއްޖެއިން ނުދެވޭ. ޑޮކްޓަރު ވިދާޅުވީ ވީހާވެސް އަވަހަކަށް ރާއްޖޭން ބޭރަށް ދިއުމަށް” އަސްމާ
އަސްމާ ބުނީ އޭނާގެ ވާތުފަޔަށް ބޮޑުވަރުވި ނަމަވެސް މިހާރު ކަނާތު ފަޔަށްވެސް އޭގެ އަސަރު ދަނީ ކުރަމުން ކަމަށެވެ. ވާތުފައިގައި ކުރި އޮޕަރޭޝަނަށްފަހު ޑޮކްޓަރުން ލަފާ ދެއްވާފައިވަނީ ރާއްޖޭން ބޭރަށްދާން ކަމަށާއި، ނަމަވެސް އޭނާގެ މާލީ ހާލަތު އަދި އެވަރަށް ތަންނުދޭ ކަމަށެވެ. އަސްމާގެ އާއިލާއަކީ ވެސް އެހާ ފުދުންތެރި އާއިލާއެނޫން ކަމަށާއި، މަންމަ ކުރާ ބުރަ މަސައްކަތުން ހަމައެކަނި ކިރިޔާ ކެއުމާއި އަންނައުނު ލިބުންފިޔަވާ ޒަރޫރީ ބޭނުން ވެސް ނުފުދިފަވާ ކަމަށެވެ.
އަސްމާ ބުނީ އޭނާގެ ބައްޔަށް ރާއްޖޭން ބޭރަށްފުރުމަށް މިހާރު ވަނީ އާސަންދަ ލިބިފައި ކަމަށެވެ. ނަމަވެސް ފަރުވާގެ މުއްދަތުގައިވާނީ ކިތައް ދުވަސްކަމެއް ނޭނގޭތީއާއެކު ހުރުމާއި ކެއުން ބޭނުންވާތީ އާންމުންގެ ދީލަތި އެހީތެރިކަމެއް ބޭނުންވާ ކަމަށެވެ.
ކޮންމެ ކަމަކީ ވެސް އަދި ކޮންމެ ނިމުމަކީ މާކުރިން ނިންމަވާފައިވާ ކަންތައްތަކެވެ. އިންސާނުން ދުނިޔެމަތީގައި އުޅޭއިރު އޭނާ އުފުލަންޖެހިދާނެ ތަކްލީފްތަކާއި އޭނާ އޭނާއަށްވާންހުރި ހުރިހާ ގޮތެއްވެސް މެއެވެ. ބަލިމަޑުކަމާވެސް އިންސާނުން ކުރިމަތިލާންޖެހެނީ އޭނާ ދުނިޔެމަތީގައި އިމްތިހާން ކުރުމަށްޓަކައެވެ. ކޮންމެ އިންސާނަކަށް އޮތީ ބަލިމަޑުކަމެއް ކުރިމަތިލާންޖެހިއްޖެނަމަ ކެތްތެރިކަމާއެކު ހެއްދެވި ފަރާތަށް ދުޢާ ކުރުންމަތީގައި ސާބިތުވެ ހުރުމެވެ.
ގައިންގަޔަށް ނާރާ ބަލިތައް ގިނަ މި ރާއްޖޭގައި އެންމެގިނަ އެއްބައްޔަކަށް މިހާރުވެފައިވަނީ ކެންސަރު ބައްޔެވެ. މި ބަލި ނޭނގިހުއްޓާ ކުރިމަތިވަމުންދާއިރު، މި ބަލިން ފަރުވާ ހޯދުމަށްވެސް އެތައްބަޔަކު ދަނީ އެދެމުންނެއެވެ. އެގޮތުން މިއަދު އަސްމާ ވެސް އެދެނީ އޭނާގެ ބައްޔަށް ފަރުވާ ލިބޭނެ ގޮތެކެވެ. އެކަނިވެރި މަޔެއް އުފުލަމުންދާ ވޭނީ އެ ބަލިމަޑުކަމުން އަރައިގަތުމަށް ކޮންމެވެސް ވަރެއްގެ ދީލަތި އެހީތެރިކަމެއް މިއަދު އަސްމާ ބޭނުންވެފައިވާއިރު، ތިޔައިންގެ ތެރެއިން ކޮންމެ މީހަކު 100 ރުފިޔާ ދިން ކަމަށްވިނަމަވެސް އަސްމާ ކުރިމަތިވެފައިވ ބަލީގެ ފަރުވާއަށް ރާއްޖެއިން ބޭރަށްދެވޭނެ މަގު އޭނާއަށް ފަހިވެގެންދާނެއެވެ.
ގުޅޭނެ ނަންބަރު 7543732 ( އަސްމާ އިސްމާއިލް)
އެކައުންޓް ނަމްބަރު 7701484307101 (ބިމީއެމްއެލް) އަސްމާ އިސްމާއީލް
ނޯޓު: ހުވަދޫ އެހީގެ ދަށުން ލިޔެފައިވާ އާޓިކަލްތަކުގައި ވާ ފަރާތްތަކަށް އެހީވުމުގެ ކަންކަން އެ ފަރަތާއި ގުޅައިގެން ކުރިއަށް ގެންދިއުން އެދެމެވެ.
ކެނސަރުކަމަށް ލިޔުމުން ނުދައްކާ. އަޅުގެ ހެޔޮދުޢާއަކީ ކެނސަރަށް ނުވުން. އަދި މިހާރު އަޅަމުންދާ ވޭނަށް މާތްﷲ ޝިފާ މިންވަރުކުރެއްވުން
ހާދަހާ ދެރައޭ. ވަޒީފާއިން ކަނޑާލާއިރު މިއޮއް ހޭލުންތެރި ޒަމާނުގަ ނުބަލާ ދޯ ކިހިނެއް ވެގެންތޯ ސަލާން ބުނަނީ. އަހަރެން ވެސް މީ ހަމަ އެކަހަލަ ހާލަތެއް ދިމާވި އެކަނިވެރި މައެއް. މަހަކުން އެއް ދުވަހު ވެސް ސަލާން ނުބުނަން. އެކަމަކު ފަރުވާކުޑަ ކަމަށް ލިޔުންދީފަ ވަޒީފާއިން ކަނޑާލީ އަހަރެންނާ ކުޑަ ދެ ދަރިން ކޮވިޑް ޖެހިގެން ވަޒީފާއަށް ނުދެވި ހަފުތާއެއް ވީތީ. އަހަރެން ހިމެނޭނެ އެތާ އެންމެ ފަރުވާތެރިކޮށް މަސައްކަތްކުރި އެކަކަށް. ވަރަށް ނުލަފާކޮށް ކަންކަން ކުރާ މީހުން.
އަސްމާއަށް ހެޔޮ ސިއްހަތެއް މިންވަރު ކޮށްދެއްވާށި!
ކޮންމެ މީހަކުވެސް ގިނައިން އެހީ ނުފޮނުވޭތި އެހީ ނުދެނީ. އެކަމް މަދު އަދަދެއް ގިނަ ބަޔަކު ފޮނުވައިފިއްޔާ އަތަ ލުއިކޮއް އެހީ ކަވަރުވާނެ. 5000 މީހުން -/20 ފޮނުވިޔަސް އެއީ ـ/100000.