ހަޔާތުގައި ދިމާވާ ކަންކަމަކީ އިންސާނާގެ ހަނދާނުގައި އޭގެ އަސަރު ހަރުލާފައި ހުންނަ ގޮތަށް މުޅި އުމުރަށްވެސް އޭގެ އަސަރު ކުރާ ކަންކަމެވެ. އެހެންނަމަވެސް ހިތްވަރާއި އަޒުމުގައި ހަރުދަނާވެއްޖެ ހިނދެއްގައި ކިތަންމެ ބާރު ހުރި އަސަރަކާވެސް ހަނގުރާމަކޮށް ކުރިއަށް ދިއުމުގެ ބާރު ލިބިގެންދެއެވެ. ކޮންމެ އަންހެނަކުވެސް ދިރިއުޅުމެއް ފަށަނީ އަދަދުނުކުރެވޭހާ ގިނަ އުއްމީދުތަކާއި ހުވަފެންތަކަކާއެކުގައެވެ. ހަޔާތުގެ ނަވުގެ ހުންގާނު ހަވާލު ކުރާ ފިރިމީހާއާއެކު ދިރިއުޅުމުގެ ފުންމިންނޭނގޭ ކަނޑުގައި ހޮޅިލާނަގާ ރާޅުތަކުގެ ތެރޭގައި ހަމަޖެހިގެން ހުންނަނީ އެހުވަފެންތަކާއި އުއްމީދުތައް ސީދާކުރުމަށް ތިމާ ހިޔާރުކުރި މީހާއަށް ކުރާ އިތުބާރުގައި ހިތްހަމަޖެހިފައިހުރެއެވެ. އެހެންނަމަވެސް އެއްދުވަހެއްގެ ހެނދުނު ހޭލެވޭއިރު އެތައް އަހަރެއްވީ ފިރިމީހާ ނުދަންނަ ބީރައްޓެއްސަކަށްވެ، ގަދަ ކަނޑުގައި ދެއަތަކަށް ހެލެމުން ގުނޑެމުންދާ ނަވުގެ ހުންގާނުގައި މީހަކު ނެތްކަމުގެ އިހުސާސް އިންތިހާއަށް ވޭންދެއެވެ. އަދި އެހުންގާނު ސީދާކޮށް އަމާން މަންޒިލަކާހަމައަށް ނަވުގައި ތިބި ތިމާގެ އަމިއްލަ ފުރާނަައަށްވުރެ ލޯބިވާ މީހުންނާއި މުދާ ގެންދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ބުރަވެފައި އެމަސައްކަތް ކޮށް، އަމާން މަންޒިލަކަށް ވާސިލު ވުމަށް ކުރަން ޖެހޭ ހިތްވަރުވެސް އެހާބޮޑެވެ.
މިއަދު އާއިދާ އެހެރީ މިދެންނެވި ފަދަ ގަދަ ކަނޑެއް ހުރަސްކޮށް އަމާން ފިނި ފެހި ވާދީއަކަށް ބަނދަރުކޮށް ހަމަޖެހުމުގެ ނޭވާއެއް ލައި ހިނިތުންވެގެންނެވެ.
އިންތިހާއަށް ފޮނި އުއްމީދުތަކަކާއެކު، ހަމައެންމެ 15 އަހަރުގަައި ކުރި ކައިވެނި ދިގު 38 އަހަރަށްފަހު ރޫޅުނު އިރު އޭނާގެ ކޮނޑުގައި 4 ދަރިންގެ ޒިންމާ އޮތީ އެޅިފައެެވެ. ފެހުމުގެ މަސައްކަތުން އާމްދަނީ ހޯދަމުން ދިޔަ އާއިދާގެ ވޭނާއި ކެކުޅުމުން ފުރިގެންވީ ދިރިއުޅުމުގެ އަނދިރިދުވަސްތައް ފާއިތުވެގޮސް ފިނި އުފާވެރިދުވަހަކަށް ވަނީ އަލިވިލިފައެވެ. މިއަދު އޭނާއަކީ ކީރިތި ޤުރުއާން އުނގަންނައި ދިނުމާއި ކުޑަކުދިން ނަމާދަށް އަހުލުވެރި ކުރުވުމުގެ ހެޔޮމަސައްކަރްވެސް ކުރާ މީހެެކެވެ.
ދިގު 38 އަހަރުގެ ކައިވެނިން ލިބުނު ގެވެށި އަނިޔާގެ ވޭނުގައި ލިބުނު ނަފްސާނީ ގެއްލުން ފޫނުބެދިދާނެއެެވެ، އެކަމަކު ޔަގީނުންވެސް ދުނިޔޭގެ ރީތިކަން މިއަދު އިހުސާސް ކުރެވެއެވެ. އަދި ދިރިއުޅުން އުފާވެރި ކުރުމަށް ބޭނުންވަނީ ހަމައެކަނި ފިރިއެއްގެ އަޅާލުމާއި އަނބިފިރިކަމުގެ ލޯބި ނޫންކަންވެސް މިއަދު އާއިދާއަށް ވަނީ އިހުސާސްކުރެވި ތަޖުރިބާވެސް ކުރެވިފައެވެ.
އާއިދާގެ މާޒީގައި އޭނާ އެތަކެއް ވޭން އުފުލާފައިވާކަމަކީ ހަގީގަތެކެވެ. ކެތްކުރަމުން ގޮސް ވަރުބަލިވެ ދެން ނުވާނެއޭ ހީވި ފަހަރުތައްވެސް މާޒީގެ ސޮފްހާތަކާއެކު އުކާލެވިގެން ހިނގައްޖެއެވެ. ގެވެށި އަނިޔާގެ ވޭނާ ކުރިމަތިލާން ޖެހުނު އާއިދާގެ ހަޔާތުގައި އެންމެ ބޮޑު ހިތާމައެއް ކުރިމަތިވީ 38 އަހަރުގެ ކައިވެނި ނިމުމަކަށް އައުމުންނެވެ. އެންމެ ބޭނުންވެފައިވާ ދަނޑިވަޅުގައި ފިރިމީހާގެ ލޯތްބާއި އަޅާލުމުން މަހުރޫމުވެ އެކަނިވެރިވިއެވެ. އެވަގުތުގެ ހާލަތުގައި ދިމާވި ހިތްދަތިކަމުން ނަފުސާނީ ގޮތުން ބަލިކަށިވެ، އެހިތާމައިގެ ސަބަބުން އެކި ބަލިތަކުގެ ޝިކާރައަކަށްވެ، ހަރަކާތްތެރިވުމަށް ދަތިވާ ހިސާބަށް ވެސް ކަންތައް ދިޔައެވެ.
ނަމަވެސް، 38 އަހަރުވީ ކައިވެނިން އާއިދާއަށް ލިބުނު އަގުނުކުރެވޭނެ ހަދިޔާ ވެގެންދިޔައީ އޭނާގެ ހިތްވަރަށެވެ. ބަލިކަށިވެ ވަރުދެރަވެ ކަކުލުހުޅުން ވާގިދޫވެގެންދާން ފެށިހިނދު، އާއިދާއަށް ލިބުނު ބާރަކީ އޭނާގެ 4 ކުދިންނެވެ. ލޮބުވެތި ދަރިންގެ ފަރާތުން ލިބުނު ހިތްވަރާއެކު އާއިދާ އަލުން ދިރިއުޅުމުގައި ކުރިއަށްދިއުމަށް އަޒުމް ކަނޑައެޅިއެވެ. އޭނާގެ ދެ އަންހެން ދަރިން އޭނާ ސިފަކުރަނީ އެންމެ ގާތް ރައްޓެހިންގެ ގޮތުގައެވެ. އަދި އޭނާގެ ހުރިހާ ދަރިންނަކީވެސް އަޚްލާޤު ރަނގަޅު، މަންމައަށް އިޙްތިރާމްކުރާ، އަޅާލާ ދަރިންކަން އާއިދާ ފަޚުރުވެރިކަމާއެކު ފާހަގަކުރެއެވެ.
މަޑުމަޑުން ގޭތެރޭގެ އެކަނިވެރި މާޙައުލުން ނުކުމެ، މުޖުތަމަޢުގެ ތެރެއަށް އައުމަށް އާއިދާ މަސައްކަތް ފެށިއެވެ. ގިނަ ވަގުތު ގޮނޑުދޮށުގައި ހޭދަކުރަމުން ދިޔައެވެ. މިގޮތަށް އުޅެމުންދަނިކޮށް، އާއިދާއަށް ރައްޓެހިންގެ ފަރާތުން ތައާރަފްވީ އިސްރަށްވެހިންގެ ނާދީގެ ވާހަކައެވެ. އެތަނާ ބެހޭ މަޢުލޫމާތުތައް ރައްޓެހިންގެ ފަރާތުން ލިބުނެވެ.
އިސްރަށްވެހިންގެ ނާދީއަށް ފުރަތަމަ ޒިޔާރަތްކުރި ދުވަހުން ފެށިގެން، އެތަނުގެ އުފާވެރި މާޙައުލު އާއިދާއަށް އިޙްސާސްކުރެވުނެވެ. އެތަނުގެ މެންބަރުންގެ ހިތްހެޔޮކަމާއި ގާތްކަމާއެކު، އޭނާ މަޑުމަޑުން ނާދީގެ ޙަރަކާތްތަކުގައި ބައިވެރިވާން ފެށިއެވެ. މިހާރު އޭނާ އެންމެ ޝައުޤުވެރިކަން ބޮޑު އަތްތެރި މަސައްކަތުގެ ކްލާހުގައި ބައިވެރިވެ، އަމިއްލައަށް ހެދުން ފަހައި ތައްޔާރުކުރަން ދަސްވެފައިވާކަން އުފަލާއެކު ފާހަގަކުރިއެވެ.
އާއިދާ އަމިއްލަ ނަފްސު ސިފަކުރަނީ ހިތާމަތަކުން އަރައިގަނެ، އަމިއްލަ ދިރިއުޅުން އަމިއްލަ މަސައްކަތުން ކޮޅަށް ޖެހޭނެކަމުގެ ދިރިހުރި މިސާލެއްގެ ގޮތުގައެވެ. އަދި އަންހެނަކަށް އެންމެ މުހިންމީ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުންކަން ގަދަބަހުން އާއިދާ ވަނީ ބުނެފައެވެ.
ހަޔާތުގެ އަނދިރި ދުވަސްތައް އުފާވެރި ދުވަސްތަކަށް ބަދަލު ކޮށްލުމުގައި އިސްރަށްވެހިންގެ ނާދީގެ މާޙައުލާއި، ގާތް އެކުވެރިންގެ ފަރާތުން ލިބުނު ލޯތްބާއި އަޅާލުމަށް އާއިދާ ޝުކުރުވެރިވެއެވެ. އާއިދާ އެދެނީ އޭނާ ފަދަ އެހެން މީހުންވެސް އަނދިރީގެ ތެރެއިން ނުކުމެ މިއަލިކަމުން އެހީ ހޯދުމެވެ. މި ފަދަ ތަންތަނުގެ ބޭނުން ހިފުމަށް އާއިދާ އޭނާފަދައިން މާޔޫސްވެފައިތިބި އެންމެނަށް އިލްތިމާސް ކުރެއެވެ.
އާއިދާގެ ދިރިއުޅުމުގައި ކީރިތި ޤުރުއާނަށް ވަރަށް މުހިންމު މަގާމެއް ދީފައިވެއެވެ. ޤުރުއާން ކިޔެވުމާއި ދީނީ ކަންކަމަށް ސަމާލުކަން ދިނުމަކީ އޭނާގެ ދިރިއުޅުމުގެ މުހިންމު ބައެކެވެ. އޭނާ ދެކޭގޮތުގައި، ޤުރުއާނާއި ދީނީ ކަންކަމަށް އަހަންމިއްޔަތުކަން ދިނުމާއެކު، އުންމީދު ކަނޑާނުލައި ކުރިއަށް ދިއުމަކީ ކާމިޔާބީގެ އެންމެ ފަހި މަގެވެ.
ދިރިއުޅުމުގައި ކިތަންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ހިތްވަރާއި ޢަޒުމާއެކު ކުރިއަށް ދިއުން މުހިންމެވެ. ޒަމާންވީ އުއްމީދެއް ފެނަށްވުމަކުން ދިރިހުރުމެއް ނުހުއްޓޭނެއެވެ. އެހެންކަމުން ތިމާގެ ގާތުގައި ތިބި ލޯބިވާ މީހުން، އެއީ އާއިލާކަމަށްވިޔަސް ދުރުބީރައްޓެހިން ކަމަށް ވިޔަސް އެހީވާން ތިބި ބައެއްގެ އެހީތެރިކަމާއި، މުޖުތަމަޢަގެ އެހީތެރިކަން ހޯދުމުގެ މުހިންމެވެ.
އާއިދާގެ ވާހަކައަކީ އެކަނިވެރި މައިންނަށާއި، ދިރިއުޅުމުގައި ދަތި އުނދަގޫ ވަގުތުތަކާ ކުރިމަތިލާންޖެހޭ އެންމެންނަށް ހިތްވަރާއި އުންމީދު ދޭ ވާހަކައެކެވެ.
އާއިދާއަކީ ހިތްވަރާއި މިންނަތުގެ ދިރިހުރި ފުރިހަމަ ނަމޫނާ އެކެވެ. އަދި ދިރިއުޅުމުގައި ދިމާވާ ދަތިތަކުން އަރައިގަތުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މިސާލެކެވެ. އާއިދާއަކީ، އެކަނިވެރި މައިންނަށް ފުރިހަމަ މިސާލެކެވެ. އަމިއްލަ ނަފްސަށް އިތުބާރު ކުރުމާއި، މުޖުތަމަޢުގެ އެހީތެރިކަން ހޯދުމާއި، ދީނީ ކަންކަމަށް ސަމާލުކަން ދިނުމަކީ ދިރިއުޅުމުގައި ކުރިއަށް ދިއުމަށް ވަރަށް މުހިންމު ކަންތަައްތަކެކެވެ. އަދި މާޔޫސީއާއި ނާއުއްމީދަކީ މީހާގެ އުފާވެރި ދިގު އުމުރު އަމިއްލައަށް ކުރުކޮށްލުމަށް ނޭނގި ކޮށާލެވޭ މަގެކެވެ.
ހުވަދޫމީޑިޔާ އެދެނީ އާއިދާއާއި އާއިދާގެ އާއިލާއަށް އަދަށްވުރެ ފެހިފަހި މާދަމާ އެއް ލިބުމެވެ.
އާއިދާއަށް އަލުން ހަޔާތެއް ހޯދައިދިން އެފަދަ އެތަކެއް އާއިދާތަކެއްގެ އެހީތެރިޔާ އިސްރަށްވެހިންގެ ނާދީގެ ބެލެހެއްޓުންތެރިންނަށާއި ހިންގުންތެރިންނަށް ހުވަދޫމީޑިޔާ ސެލިއުޓް ދެމެވެ. އަނެކުންގެ ހައްގުގައި ޝަރުތަކާނުލާ ތެދުވެ ހުރުމަކީ ކިހާ މާތް ކަމެއްކަން އެނގޭނަމަ އެކަން ކުރަން އެންމެންވެސް ބޭނުންވާނެކަން ގައިމެވެ.