ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރާ ބައްދަލުކުރައްވައިފިއެވެ.
ރައީސް ޑރ. މުޢިއްޒު، ޖައިޝަންކަރާ ބައްދަލުކުރެއްވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް، އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި، ޖައިޝަންކަރު ދެ ބޭފުޅުން ވަނީ، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ގިނަ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.
މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ޖައިޝަންކަރު ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ރައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ބަލައިގަންނަކަން ފާހަގަކުރައްވާފައެވެ. އަދި މާދަމާ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގެ ސަބަބުން ދެ ގައުމުގެ ރަހުމަތްތެރި ގުޅުމަށް އިތުރު ބާރެއް ލިބިގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ޖައިޝަންކަރު ވިދާޅުވިއެވެ.
މިއަދުން ފެށިގެން މި މަހުގެ 10 އަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާއި، އެ ގައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ މި ދަތުރުފުޅަކީ މިދިޔަ ނޮވެމްބަރުމަހު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

