މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން، މާލެ ސިޓީއަށް ނިސްބަތްވާ އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކީރިތި ޤުރްޢާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚާއި ގަޑިއަކީ މި މަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ 13:30 ކަމަށެވެ. އަދި މިި މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅުއްވާނީ https://forms.gle/TdWK5YeoRg1W7wgq5 ގޫގުލް ލިންކް މެދުވެރިކޮށް ކަމަށެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި، ނުބަލައި ކިޔެވުމުގެ ގޮތްޕެވެ. ކޮންމެ ގޮތްޕެއްގައި ވެސް 4 އުމުރުފުރާ ހިމެނޭނެއެވެ. އެއީ 25 އަހަރާއި 35 އަހަރާ ދެމެދު، 36 އަހަރާއި 45 އަހަރާ ދެމެދު، 46 އަހަރާއި 55 އަހަރާ ދެމެދު އަދި 56 އަހަރުން މައްޗެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުން، މި މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ކިޔެވުން ހޮވާނެއެވެ. އަދި ކޮންމެ އުމުރުފުރާއަކުން، 1 ވަނަ ، 2 ވަނަ 3 ވަނަ ހޮވާނެއެވެ. މި ވަނަތައް ހޮވޭނީ ދެ ގޮފި ވަކިންނެވެ.
މީގެއިތުރުން ކޮންމެ ގޮތްޕަކުން އެންމެ މޮޅު 5 ކިޔެވުން ހޮވުމާއެކު ކޮންމެ ގޮތްޕަކުން 1 ވަނަ، 2ވަނަ، 3 ވަނަ ހޮވާނެއެވެ.
ކޮންމެ އުމުރުފުރާއަކުން 1 ވަނައަށް ދާ ފަރާތަކަށް 10000 ރުފިޔާއާއި، ޓްރޮފީއާއި، ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައިވާއިރު، 2 ވަނައަށް ދާ ފަރާތަކަށް 7000 ރުފިޔާއާއި، ޓްރޮފީއާއި، ސެޓްފިކެޓް އަދި 3 ވަނައަށް ދާ ފަރާތަކަށް ވެސް 5000 ރުފިޔާއާއި، ޓްރޮފީއާއި، ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ކޮންމެ ގޮތްޕަކުން 1 ވަނައަށް 15000 ރުފިޔާ، 2 ވަނައަށް 10000 ރުފިޔާ، 3 ވަނައަށް 7000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ވަނަތަކަށް ދާ ފަރާތްތަކަށް ވެސް ޓްރޮފީއާއި، ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

