ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުންގެ ޚިދުމަތުން ރޭ އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ކަނޑުތައް ގަދަވެ، ކަނޑުމަތީގެ ހާދިސާތައް ހިނގަމުންދާ ކަމަށެވެ. އެހެންކަމުން ކަނޑު ދަތުރުތައް ފެށުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދޭ ކަމަށެވެ.
އެގޮތުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަވެފައިވޭތޯ ޔަގީންކުރުމަށާއި، އުޅަނދަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުން ނޭރުވުމާއި، އުޅަނދަކަށް ކަނޑައެޅިފައިވާ މިންގަނޑަށްވުރެ އިތުރަށް މުދާ ބަރުނުކުރުމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކަނޑު ދަތުރުތަށް ފެށުމުގެ ކުރިން ސަމާލުކަން ދޭންވީ ކަންކަން.
ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާތީ، ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވަނީ ލަފާކޮށްފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.