ރާއްޖެއަށް އެހީ ބޭނުންވާ ކޮންމެ އިރެއްގައި އެންމެ ފުރަތަމަ އެހީވާ ގައުމަކީ އިންޑިއާކަމަށް، ބޮޑުވަޒީރު ނަރެންދެރަ މޯދީ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ރައީސް ޑރ މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ބޮޑުވަޒީރު މޯދީއާ ދެ ބޭފުޅުން ވަނީ ވެރިރަށް ދިއްލީގައި ހުންނަ ހައިދްރައާބަދު ހައުސްގައި ޖޮއިންޓް ޕްރެސްކޮންފަރެންސް އެއް ބާއްވާފަ އެވެ.
ރާއްޖެއަށް އެހީ ބޭނުންވާ ކޮންމެ އިރެއްގައި އެންމެ ފުރަތަމަ އެހީވާ ގައުމަކީ އިންޑިއާކަން މޯދީ ފާހަގަކުރެއްވި އެވެ. ޒަރުރީތަކެތި ފޯރުކޮށް ދިނުމާއި، ކާރިސާތަކުގައި އިންޑިއާއިން ފޯރުކޮށްދީފައިވާ އެހީތެރިކަން މޯދީ ފާހަގަކުރެއްވި އެވެ. ކޮވިޑް-19 ގެ ވެކްސިން އިންޑިއާއިން ފޯރުކޮށްދިންކަންވެސް މޯދީގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ބޮޑުވަޒީރު މޯދީ ވިދާޅުވީ ރާއްޖެއާއި އިންޑިއާ ދެމެދު އޮންނަނީ ވަރަށް ޒަމާންވި ގާތް ގުޅުމެއް ކަމަށެވެ. އިންޑިއާގެ ބޮޑުވަޒީރުކަމުގެ 3 ވަނަ ދައުރު ފުރުއްވަމުން ގެންދަވާ މޯދީ ސިފަކުރެއްވީ ރާއްޖެ އާއި އިންޑިއާ އަކީ “މިތުރުން” ގޮތުގަ އެވެ. އިންޑިއާ އަކީ ރާއްޖެއާ އެންމެ ގާތް އެއް ގައުމުކަން ފާހަގަކުރައްވާ މޯދީ ވިދާޅުވީ އިންޑިއާ ނެއިބާ ހޫޑް ޕޮލިސީއާ އާއި އިންޑިއާގެ ކަނޑުގައި ހިމެނޭ ގައުމުތަކަށް ހާއްސަކުރާ “ސާގްރް ވިޝަން” ގައި ރާއްޖެއިން އަދާކުރަނީ މުހިއްމު ރޯލެއް ކަމަށެވެ.
ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައްދަލުކުރެއްވުމަށް ފަހު، ދެ ބޭފުޅުން އެކުގައި ދެއްވި މީޑިއާ ސްޓޭޓްމެންޓް ފެއްޓެވުމުގެ ކުރިން ވަނީ ރާއްޖޭގައި ރުޕޭގެ ފުރަތަމަ ޓްރާންސެކްޝަން ހެދި މަންޒަރު ލައިވްކޮށް ދައްކާލައިފަ އެވެ.
ޔުޕީއައި ޕޭމެންޓް އިންޑިއާގައި ތައާރަފުކޮށްފައި ވަނީ 2016 ވަނަ އަހަރެވެ. އެއީ މޯބައިލް ފޯނު މެދުވެރިކޮށް އިންޓަ ބޭންކް މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެންޕީސީއައި އިން އުފައްދާފައިވާ ރިއަލް ޓައިމް ޕޭމަންޓް ސިސްޓަމެކެވެ.