އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީގައި މަސްފެންގަނޑެއް ހަދައިދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައި ވަނީ އިސްލާމިކް މިނިސްޓްރީންނެވެ.
އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، މި މަހުގެ 2 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ވަނީ މަސްފެންގަނޑެއް ހެދުމަށް އިޢުލާނެއް ކޮށްފައެވެ. ނަމަވެސް، ޖެހިގެން އައި ދުވަހު އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ އެ އިޢުލާން ބާޠިލުކުރުމަށް އަންގަވާފައެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ، އިޤްތިޞާދީ ޙާލަތު ހުރި ގޮތުން މިވަގުތު އެފަދަ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާތީ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިނިސްޓަރު ޝަހީމްއާ ބައްދަލުކުރައްވައި، އެ މަސައްކަތަށް ޝައުގުވެރިވާކަން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެފަައިވާ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސްޓެލްކޯގެ އިޖްތިމާޢީ ޒިންމާ (ސީއެސްއާރު)ގެ ދަށުން ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ފަހުމީ އެކްސް (ކުރީގެ ޓްވިޓަރ) ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސަޤާފީ އަދި ދީނީ ބިންގާތައް ރައްކާތެރިކުރުމަށް ފުރުޞަތުތައް ލިބުމަކީ ސްޓެލްކޯއަށް ލިބޭނެ ފަޚުރެއް ކަމަށެވެ. އަދި އިސްލާމީ މަރުކަޒުގެ ކައިރީގައި ހަދާ މަސްފެންގަނޑަކީ ވެސް ތާރީޚީ ތަނެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިސްލާމީ މަރުކަޒުގެ ކައިރީގައި އޮންނަ މަސް ފެންގަނޑަކީ މަރުކަޒު އެޅީއްސުރެ މުންނާރު ތިރީގައި އޮންނަ ފެންގަނޑެކެވެ. މި މަޝްރޫޢުގެ ސަބަބުން އެ ސަރަޙައްދުގެ ތާރީޚީ އަދި ސަޤާފީ އަގު އިތުރުވެ، ރައްޔިތުންނަށް އިތުރު މަންފާތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.