އެއްރަށުން އަނެއްރަށަށް މީހުން ފަސޭހަކަމާއެކު ދަތުރުކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ ލަކުޑި ފެރީތައް އޮޕަރޭޓް ކުރުމުގައި ދިމާވާ ކަންކަމާ ގުޅޭގޮތުން މިނިސްޓްރީއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
އެ ބައްދަލުވުމުގައި ލަކުޑި ފެރީތަކުން ގެންދާ މުދާތައް ގެންދިއުމުގައި ހުރި ދަތިތަކާއި މި ފެރީތައް އޮޕަރޭޓް ކުރުމުގައި ހަރުދަނާ ކުރުމަށް ހުރި ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މިނިސްޓްރީގެ އިސްވެރިންނާއި އެލްޖީއޭ އަދި އެމްޓީސީސީގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ލަކުޑި ފެރީތަކުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.
ލަކުޑި ފެރީތަކަކީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ވަރަށް މުހިންމު ޚިދުމަތެކެވެ. އަދި މިނިސްޓްރީއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މި ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށެވެ. އަދި މި ބައްދަލުވުމުގައި ފާހަގަކުރެވުނު މައްސަލަތަކަށް އަވަސް ޙައްލެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކާއިއެކު މި މިނިސްޓްރީއިން މަސައްކަތްކުރާނެއެވެ.

