ހުޅުމާލޭ ދެވަނަ ފިޔަވަހި، ވިނަރެސް ފްލެޓް ސަރަހައްދުގައި ޖަހަންޖެހޭ މަގުބައްތިތައް ޖެހުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
އިޖުތިމާޢީ މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަޒުލް ވިދާޅުވެފައިވަނީ، ވިނަރެސް ސަރަހައްދުގައި މަގުބައްތިތައް ޖެހުމުގެ މަސައްކަތް ހުއްޓިފައި ނުވާ ކަމަށެވެ. އަދި މަގުބައްތިތައް ދިއްލުމަށް ބޭނުންވާ ތަކެތި ހޯދުމަށް އޯޑަރު ކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފަޒުލް އިތުރަށް ވިދާޅުވެފައިވަނީ މަގުބައްތިތައް ދިއްލުމަށް ބޭނުންވާ ކަރަންޓް އެ ސަރަހައްދަށް އަޅައި، އޮގަސްޓް މަހު އެ މަސައްކަތް ނިމިފައިވާ ކަމަށެވެ. ނަމަވެސް، މަގުބައްތިތަކަށް އަޅާފައިވާ ކަރަންޓް ކޭބަލްތައް ވަގަށް ނަގާފައިވާކަން ފާހަގަކުރެއްވިއެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިތުރަށް ވިދާޅުވެފައިވަނީ ހުޅުމާލެ ތަރައްޤީކުރުމުގެ މަސައްކަތް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކުރިއަށްދާ ކަމަށެވެ. މިގޮތުން ހުޅުމާލޭގައި ރައްޔިތުންގެ ލާބައަށް ކުރަންޖެހޭ ކަންކަން މިހާރުވެސް އެޗްޑީސީގެ މުވައްޒަފުން ވަރުބަލިކަމެއްނެތި ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެޗްޑީސީން މިހާރުވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ފޭސް ދޭއް ޓަވަރު 12 އާ ދިމާލު އަތިރިމަތީގައި ހެދިކާ ވިއްކުމަށް ހެދި ހަޓްތައް ނިންމައި، އެތަން ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، މިދިޔަ ސަރުކާރުން ފެށުމަށްފަހު ހުއްޓާލާފައިވާ މަޝްރޫޢުތަކުގެ މަސައްކަތްތައްވެސް އެޗްޑީސީން ކުރިއަށް ގެންދާކަމަށް ވެއެވެ.

