އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރ އެޗް.އީ. ޑޭވިޑް ޖެސަޕް އަދި އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ކަންނީ ވިގްނަރާޖާ ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި، އޮސްޓްރޭލިއާއިން ދިވެހިރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަސައްކަތްތަކަށް އެހީތެރިވުމަށް ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި 5 މިލިއަން އޮސްޓްރޭލިއަން ޑޮލަރު ހަދިޔާ ކުރައްވާނެ ކަމަށް އިޢުލާން ކުރެއްވިއެވެ.
މި އެހީގެ ދަށުން، އޮސްޓްރޭލިއާއިން ގްލޯބަލް ފަންޑް ފޯރ ކޯރަލްސްގެ ދަށުން ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްއިން ތަންފީޒުކުރާ މޯލްޑިވްސް ރީފް ރިސިލިއެންސް އެންޑް އެކްސްޓްރެކްޝަން ފެސިލިޓޭޝަން (އާރް.އާރް.އީ.އީ.އެފް) ޕްރޮޖެކްޓަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މީގެ އިތުރުން، 2028 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގެ ހަކަތައިގެ 33 އިންސައްތަ އައުކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ އަމާޒަށް އެހީތެރިވެދިނުމަށް އޮސްޓްރޭލިއާއިން މަސައްކަތް ކުރާނެ ކަމަށްވެސް ވަނީ ހާމަކުރައްވާފައެވެ. މި މަސައްކަތުގައި މޫސުމީބަދަލުތަކާ ތިމާވެއްޓާ ހަކަތައާއިބެހޭ ވުޒާރާއާއި، ފުވައްމުލަކު ސިޓީ ކައުންސިލް އަދި އައްޑޫ ސިޓީ ކައުންސިލް ބައިވެރިވާނެއެވެ.
މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.