އަމާޒަކީ ހއ.ދިއްދުއާއި، ނ.ވެލިދޫގައި ތަރައްގީކުރަމުންދާ ޖޫނިއަރ ކޮލެޖު ބިނާކުރުމުގެ މަސައްކަތް ނިންމައި، އަންނަ އަހަރު ކިޔަވައިދޭން ފެށުން ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެފިއެވެ.
މިދިޔަ ބުދަ ދުވަހު އެ މިނިސްޓްރީން ބުނީ މަތީ ތައުލީމު ކުރިއެރުވުމަށް އަމާޒުކޮށް، ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ބިނާކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ކޮލެޖު ބިނާކުރުމުގެ %90 މަސައްކަތް މިހާރު ފުރިހަމަވެފައިވާ ކަމަށެވެ.
އެގޮތުން ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް ނިމި، ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތުގެ ބޮޑުބައެއް ވެސް މިހާރު ނިމިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެއިތުރުން މި އިންސްޓިޓިއުޓް ހިންގުމުގެ އިދާރީ މަސައްކަތްތަށް ކުރުމަށް ތައްޔާރުވުމުގެ އިތުރުން ކިޔަވައިދިނުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މޯލްޑިވިސް ޓްރާންސްޕޯޓް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ވެލިދޫގައި ތަރައްގީކުރަމުންދާ ޖޫނިއަރ ކޮލެޖުގެ %30 މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މި ކޮލެޖް އިމާރާތްކުރުމުގެ މަސައްކަތް ނިމިގެންދާއިރު، ސްމާޓް ކްލާސް ރޫމްތަކުގެ އިތުރުން އައިސީޓީ ލެބޯޓްރީތަށް ބިނާކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި ދެ ކޮލެޖުގެ މަސައްކަތް ނިމި ކިޔަވައިދޭން ފެށޭނެކަމަށް ލަފާކުރަނީ 2025 ވަނަ އަހަރު ކަމަށެވެ.

