ވާރޭވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށް ގާއިމުކުރަމުންދާ ވަގުތީ ނިޒާމުގެ މަސައްކަތް މި މަސްތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނެފިއެވެ.
ފެން ބޮޑުވާ މައްސަލަ ހައްލު ކުރުމަށްޓަކައި މާލޭގެ 6 ސަރަހައްދެއްގައި ފެން ހިންދާ ވަގުތީ ނިޒާމު ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އޭގެތެރެއިން ވެސްޓް ޕާކް ސަރަހައްދާއި، އައިޖީއެމްއެޗް ސަރަހައްދާއި، ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ގާއިމުކުރި ނިޒާމުތައް މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ.
މީގެއިތުރުން މި ނިޒާމު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ރަސްފަންނު ސަރަހައްދާއި، އަމީނީ މަގު ޓީވީ ބިލްޑިންގ ސަރަހައްދާއި، އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންވކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޒީމް ރޭ ވިދާޅުވީ އަމާޒަކީ މި މަސް ނިމުމުގެ ކުރިން އެ ސަރަހައްދުތަކުގައި ފެން ހިންދާ ނިޒާމުތައް ގާއިމުކޮށް ނިންމުން ކަމަށެވެ.
މިނިސްޓަރު ޢަބްދުﷲ މުއްޠަލިބް އިއްޔެ ވިދާޅުވި ގޮތުގައި މި ކުރެވޭ މަސައްކަތުން ފެންބޮޑުވާ މައްސަލައަށް އެއްކޮށް ހައްލު ނުލިބުނު ނަމަވެސް މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެންދެން ރައްޔިތުންނަށް ފޯރާ ދަތިތައް ކުޑަކުރެވި، ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމަށް ފަސޭހަވެގެންދާނެއެވެ.

