ރާއްޖޭގެ ގައުމީ ބޭންކު، ބޭންކު އޮފް މޯލްޑީވްސް (ބީއެމްއެލް) އިން ކިޑްސް ސޭވަރ އެކައުންޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
އެ ބޭންކުން ހާމަކުރާ ގޮތުގައި އެ ބޭންކުން ވަނީ އެ ބޭންކުގެ ކިޑްސް ސޭވާ ިދިވެހިރުފިޔާ އެކައުންޓްތަކަށް %3 ފައިދާ އަދި ޔޫއެސް ޑޮލަރު އެކައުންޓްތަކަށް %3.5 ފައިދާ ލިބޭ ގޮތަށް ހަމަޖައްސާފައެވެ. އަދި އެ ބޭންކުގައި މިހާރުވެސް ހުޅުވާލާފައިވާ އަދި އަލަށް ހުޅުވާ ކިޑްސް ސޭވާ އެކައުންޓްތަކަށް ހާއްސަކޮށް އައު ޕްރޮމޯޝަނެއްވެސް ފަށާފައެވެ.
އެ ގޮތުން އަލަށް ހުޅުވާލާފައިވާ ޕްރޮމޯޝަންގައި ބޮޑު އިނާމެއްގެ ގޮތުގައި ގުރުއަތުން ހޮވޭ 5 ފަރާތަކަށް، ކޮންމެ އެކައުންޓަކަށް 10،000 ރުފިޔާ ދޭނެ ކަމަށާއި އަދި ކޮންމެ އަހަރަކު ދެވޭ އިނާމުގެ ގޮތުގައި އެކްޓިވް 20 އެކައުންޓަކަށް 2،500 ރުފިޔާ. ވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
މީގެ އިތުރުން ބީއެމްއެލް އިން ބުނީ އަލަށް ހުޅުވާ އެކައުންޓްތަކާއި މިހާރު ހުޅުވާފައިވާ ކިޑްސް ސޭވަރ އެކައުންޓްތަކަށްވެސް އަލަށް ކަނޑައެޅިފައިވާ އިންޓަރެސްޓް ރޭޓް އަދި ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވަރ އެކައުންޓްތަކަށް ކަނޑައެޅިފައިވާ ފައިދާގެ ރޭޓަށް އަމަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ޕްރޮމޯޝަން އާއި ގުޅިގެން އެ ބޭންކުގެ ސީއީއޯ އަދި އިންޗާރޖް އޮފް ދަ ބޭންކް ޢާއިޝަތު ނޫރައްދީން ވިދާޅުވީ އެ ބޭންކުގެ ގެ ކިޑްސް ސޭވާ އެކައުންޓްތަކުގެ ރޭޓްތަކަށް
ބަދަލުގެނެސް ރަނގަޅު އިނާމުތަކާއެކު ޕްރޮމޯޝަނެއް ހިންގުމުގެ ބޭނުމަކީ މުސްތަގްބަލަށްޓަކައި ފައިސާ ރައްކާކުރުމަށް ހިތްވަރުދިނުން ކަމަށާއި އަދި ކުރިއަށް އޮތް ޖީލުތަކަށް ފައިސާ ރައްކާކުރުމާއި ހަރަދުކުރުމުގައި ގެންގުޅެންޖެހޭ މާލީ ހުނަރުތައް ދަސްކޮށްދިނުމަކީ ނުހަނު މުހިންމުކަމެއްކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މިއަދުން ފެށިގެން އަލަށް ހުޅުވާ ކޮންމެ ކިޑްސް ސޭވަރ އެކައުންޓަކާއެކު، ބެލެނިވެރިންނަށް ހިލޭ ރީލޯޑްކުރެވޭ މާސްޓަރކާޑް ޕްރީޕެއިޑް ކާޑަކަށް އެދި ހުށަހެޅޭނެ.ކަމަށާއި އަދި މި ކާޑަށް ފައިސާ އަޅައި، ދުވަހުން ދުވަހަށް ކުރާ ހަރަދުތަކަށް މި ކާޑު ބޭނުންކުރެވޭނެ ކަމަށް ވެސް ނޫރައްދީން ވިދާޅުވިއެވެ.
މީގެ އިތުރުން ނޫރައްދީން ވިދާޅުވީ މިއީ ކުދިންނަށް ހަރަދު ބެލެހެއްޓުމާއި ވިސްނުންތެރިކަމާއެކު ހަރަދުކުރުމުގެ އަސާސްތައް ދަސްކޮށްދިނުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށެވެ.