ތިން ރަށެއްގެ އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަންތައް އަންނަ ޑިސެމްބަރުގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އީސީއިން މިއަދު ބުނީ ހދ.ކުރިނބި، މ.ރަތްމަންދޫ އަދި ގއ.ދެއްވަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން ބާއްވަންޖެހޭ ބައި-އިލެކްޝަންތައް އޮންނާނީ ޑިސެމްބަރު 14 ގައި ކަމަށެވެ.
މި ބައި-އިލެކްޝަންތަކުގައި އިންތިޚާބު ކުރަންޖެހެނީ ހދ.ކުރިނބީ އަދި ގއ.ދެއްވަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް 3 މެންބަރުންނާއި، މ.ރަތްމަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް 2 މެންބަރުންނެވެ.
އީސީއިން ބުނީ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު މާދަމާ 10:00 އިން ފެށިގެން މި މަހުގެ 29 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލެވޭނެ ކަމަށެވެ.
މި ބައި-އިލެކްޝަންތަކުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، ޑިސެމްބަރު 14 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 16:00 އަށެވެ. އަދި ވޯޓު ގުނަން ފެށުމަށް ހަމަޖެހިފައިވަނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ.
މި އިންތިޚާބުތަކުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 16 ވާ ހޯމަ ދުވަހުއެވެ.