މާލެއިން ހުޅުމާލެ ލަކުޑި ޖެޓީއަށް ދަތުރު ކުރި ޓެކްސީއެއްގެ ޑިކީގެ ތެރެއިން ފެނުނު ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން މިއަދު ފަށައިފިއެވެ.
ފުލުހުންގެ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި، މިއަދު މެންދުރުފަހުގެ ވަގުތެއްގައި މާލެއިން ހުޅުމާލެ ލަކުޑި ޖެޓީއަށް ދަތުރުކުރި ޓެކްސީއެއްގެ ޑިކީ ތެރެއިން ގަނޑުކުރި ކުކުޅުތަކަކާއި، ޗިކަން ނަގެޓްސް އަދި ފިޔާތަކެއް ފެނިފައިވެއެވެ.
މި ތަކެތީގެ ވެރި ފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުން ގެންދާ ކަމަށް އެ ފަރާތުން މައުލޫމާތު ދެއްވިއެވެ.
ފުލުހުންގެ ފަރާތުން ނެރުނު މެސެޖެއްގައި ބަޔާން ކޮށްފައި ވަނީ، މި ތަކެތީގެ ވެރި ފަރާތުން ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ، ތަކެއްޗާ ހަވާލުވުމަށް އެދިފައެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފު ކުރުމަށް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ގުޅުމަށް އަންގާފައި ވެއެވެ.