އިސްލާމީ މަރުކަޒުގެ ފެންގަނޑު މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ސްޓޭޓް އިލެކްޓްރީކް ކޮމްޕެނީ ލިމިޓެޑް ( ސްޓެލްކޯ) އިން އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ފަށައިފިއެވެ.
އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަ ކުރުމަށް މުންނާރު ކައިރީގައި މަސް ފެންގަނޑެއް ހެދުމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީ އިން އިއުލާނު ކުރިއެވެ. ނަމަވެސް މި އިއުލާނު ބާތިލު ކޮށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިޞާދީ ހާލަތު އޮތް ގޮތުން، މި ވަގުތު މިފަދަ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާނެ ކަމަކަށް ވާތީ އެ އިއުލާނު ބާތިލު ކުރުމަށް އަންގާފައިވާ ކަމަށެވެ.
މި މަސައްކަތް ސްޓެލްކޯގެ ސީއެސްއާރު ގެ ދަށުން ކުރިއަށް ގެންދިއުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ މިދިޔަ ހަފްތާގައި ޝައުގުވެރިކަން ފާޅުކޮށް ހަމަ އެ ހަފްތާގައި ފަހުމީ ވަނީ މިނިސްޓަރާއި ބައްދަލު ކުރައްވާފައެވެ.
މި މަސައްކަތް ފެށިކަން ހާމަކުރައްވައި ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިސްލާމީ މަރުކަޒުގެ މުންނާރުގެ ދަށުގައި ހުރި މަސްފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކީއިން ރަސްމީކޮށް ފަށާފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ މުޖުތަމަޢަށް ތާރީޚީ އަދި ޘަޤާފީ މުހިންމު އެތަން ޙިމާޔަތްކޮށް ކުރިއެކޭ އެއްގޮތަށް އެތަނަށް ދިރުން ގެނައުން ކަމަށް ވެސް ފަހުމީ ވިދާޅުވެފައިވެއެވެ.
އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން އެ ސަރަހައްދު ޒީނަތްތެރިކޮށް އެކަން ކުލަ ގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.