ދިވެހި ރާއްޖެއިން އިންޑިޔާއަށް ކަނޑައަޅާ އައު ސަފީރުގެ މަގާމަށް މ.ބީނާފުށި އާއިޝަތު އަޒީމާ އައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިންޑިއާ ސަފީރު ކަމަށް އަޒީމާ އައްޔަނު ކުރުމަށް ފޮނުވާފައިވާ މައްސަލައިގެ ސިޓީ އިއްވައި އެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.
އަޒީމާ އަކީ ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ލިބިފައިވާ ކަނބަލެކެވެ. އަޒީމާ މިހާރު ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކެޓްރީގެ މަޤާމެވެ. މިދިޔަ ސަރުކާރުގައި އަޒީމާ ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމު އަދާކުރައްވާފައެވެ. އަދި 2009 އިން ފެށިގެން 2014 އާއި ހަމައަށް އިންޑިއާގައި ހުންނަ ދިވެހި އެމްބަސީގައި އިސް މާޤާމުތަކެއް ފުރުއްވާފައި ވާ ކަން ވެސް ފާހަގަކޮށްލެވެއެވެ.
މިހާރު އެ މަޤާމުގައި ހުންނެވީ އިބްރާހިމް ޝަހީބުއެވެ. އެ މަގާމަށް އަޒީމާގެ ނަން ހުށަހަޅާފައި ވަނީ ޝަހީބުގެ ސަފީރު ކަމުގެ ދައުރު ހަމަވާތީ އެވެ. ޝަހީބު އިންޑިއާ ސަފީރު ކަމުގެ މަގާމަށް އައްޔަނު ކޮށްފައިވަނީ 20 ނޮވެމްބަރު 2022 ގަ އެވެ

