ރާއްޖޭގެ ޓެކްސް ނިޒާމާށް ދައުލަތުގެ ފަރާތުން މިއަދު ހުށައެޅި އިސްލާހުތަކަކުން ދިވެހިންނަށް ނޫސީދާގޮތައިވެސް އެއްވެސް އަސަރެއް ނުކުރާނެއެވެ. އިގްތިސާދު ހީނަރުވެފައިވާ މިދަނޑިވަޅުގައި ރާއްޖެއިން ދަތުރުކުރާ ފަތުރުވެރިންނާއި ބިދޭސީންގެ އަދި ޓޫރިޒަމް ދާއިރާގެ %40 ވަރަކަށް އިންސައްތައަށް ގެނައި ބަދަަލަކީ މިވަގުތައް ކޮންމެހެންވެސް ގެންނަން ޖެހޭ މުހިންމު ބަދަލެއް ކަމަށް އިގްތިސާދީ ތަޖުރިބާ ކާރުން ދެކެއެވެ.
ރާއްޖޭގެ އިޤްތިޞާދީ ޙާލަތާގުޅޭގޮތުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ ރާއްޖޭގެ މާލީ ޙާލަތު އޮތް ގޮތުގެ ސަބަބުންނެވެ. ރާއްޖޭގެ އިޤްތިޞާދީ ހާލަތު ސިފަކުރަމުން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ބުނެފައިވަނީ ރާއްޖެ އޮތީ ބަނގުރޫޓް ވުމުގެ މަގުމަތީގައިކަމަށެވެ. ދަރަނި ބޮޑުވެ، ޚަރަދުތައް އިތުރުވެ، އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް ހޯދާފައި ނެތުމުން އިޤްތިޞާދީ ބޮޑު ހީނަރުކަމަކާއި ދިމާލަށް ޤައުމު ދަތުރުކުރަމުންދާކަމަށް އެ އިދާރާތަކުން ދިޔައީ ފާހަގަކުރަމުންނެވެ.
ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެދަށުން ސަރުކާރުން ވަނީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ފަށްޓަވާފައެވެ. އެކަމަށްޓަކައި ޤާނޫނަށް ބައެއް އިޞްލާހުތައް ގެނައުމަށް މަޖިލީހަށް މިހާރު ވަނީ ހުށައަޅަފައެވެ.
އެގޮތުން ޓޫރިޒަމްގެ ޚިދުމަތްދޭ ފެސިލިޓީތަކުން ނަގާ ޓީޖީއެސްޓީ ހިމެނޭހެން 3 ޓެކުހެއް ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވެއެވެ. އޭގެތެރޭގައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާއި، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުން ހިމެނެއެވެ.
މި އިޞްލާހުތަކުގެ ދަށުން ބޮޑުކުރަން ނިންމާފައިވަނީ ޓީޖީއެސްޓީއާއި ގްރީން ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ފީގެ ރޭޓެވެ.
ގްރީން ޓެކްސް ބޮޑުކުރުމަށް ނިންމާފައިވަނީ 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތްދޭ ތަންތަން ނުވަތަ ގެސްޓްހައުސްތަކުން 3 ޑޮލަރުގެ ބަދަލުގައި 6 ޑޮލަރު ނަގާ ގޮތަށެވެ. އަދި ރިސޯޓުތަކުން ނަގާނީ ޓޫރިސްޓެއްގެ ބޮލަކަށް 6 ޑޮލަރުގެ ބަދަލުގައި 12 ޑޮލަރެވެ. މީގެއިތުރުން 16ޕަސެންޓުގައި ހުރި ޓީޖީއެސްޓީ 17 ޕަސެންޓުގައި ނަގަން ފެށުމަށްވެސް ވަނީ ނިންމާފައެވެ.
ޓެކްސް ބޮޑު ކުރިޔަސް ދިވެހިންނަށް އަދި ވިޔަފާރީތަކަށް އަސަރެއް ނުކުރާނެ!
ސަރުކާރުން ބޮޑުކުރަން ނިންމާފައިވާ ޓެކްސްތަކަށް ބަލާއިރު ޓީޖީއެސްޓީއާއި ގްރީން ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ފީ އަކީ ދިވެހީން އަތުން އަދި ވިޔަފާރިތަކުގެ އަތުން ނެގޭ ޓެކުހެއް ނޫނެވެ.
މިއީ ރާއްޖެ އަންނަ ފަތުރުވެރިޔާގެ އަތުން ނަގާ ޓެކުހެކެވެ. މިކަމުގެ ސަބަބުން އެއްވެސް ވިޔަފާރިއަކަށްވެވެސް އަސަރެއް ނުކުރާނެއެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުގެ ނިސްބަތަށްވެސް އެއްވެސް އަސަރު ނުކުރާނެކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ. ހަމައެހެންމެ ތަކެތީގެ އަގަކަށްވެސް އަދި ޢާއްމުންގެ ދިރިއުޅުމުގެ އެއްވެސް ޚަރަދެއް ބޮޑުނުވާނެކަމުގެ ޔަޤީންކަންވެސް ސަރުކާރުން ދެއެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ޓީޖީއެސްޓީއާއި ގްރީން ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ފީގެ ރޭޓް ބޮޑުކުރަން ނިންމާފައިވާއިރު މިކަމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވެ، ޑޮލަރުގެ މައްސަލަވެސް ހައްލުވެގެންދާނެކަމުގެ އުންމީދު މިވަނީ ބޮޑުވެފައެވެ. އައިއެމްއެފާއި ވޯލްޑް ބެންކުން ބުނަނީ އިޤްތިޞާދު ހަމައަކަށް އެޅުމަށް ރާއްޖެއިން ކުރަމުންދަނީ ތައުރީފް ހައްގު މަސައްކަތްތަކެއްކަމަށެވެ