ހުޅުމާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގާ ތަނެއްގައި ހަށިވިއްކަމުންދިޔަ ކަމުގެ ތުހުމަތުގައި 7 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގާ ތަނެއްގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައި ފާސްކޮށް 7 މީހަކު ހައްޔަރުކޮށްފައިވަ ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ތިން އަންހެނުންނާއި ދިވެހި ފިރިހެނެއްގެ އިތުރުން ތައިލެންޑު ތިން އަންހެނުންނެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ތައިލެންޑު ތިން އަންހެނުން 10 ދުވަހަށް އަދި ދިވެހި ތިން އަންހެނުން 7 ދުވަހަށް އަދި ފިރިހެން މީހާ ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.