ދިމާވި ތެލުގެ ދަތިކަމުގެ ސަބަބުން މުޅި ގައުމުން ކަރަންޓު ކެނޑި ކިއުބާ ނޭޝަންވައިޑް ބްލެކްއައުޓެއްގައި އޮންނަތާ 24 ގަޑިއިރަށްވުރެ ގިނައިރު ވެއްޖެއެވެ.
ކިއުބާގެ މައި ހަކަތަ އުފެއްދުމުގެ މަރުކަޒު ކަމުގައިވާ މަޓަންޒާސްގެ އެންޓޯނިއޯ ގިޓެރާސް އިންޖީނުގެ ހަލާކުވުމާ ގުޅިގެން، މުޅި ޤައުމަށް ކަރަންޓު ކެނޑުމުގެ ނުރައްކާ ކުރިމަތިވިތާ 24 ގަޑިިރަށްވުރެ ގިނައިރުވެފައިވާއިރު، މި ހާދިސާގެ ސަބަބުން ގާތްގަނޑަކަށް 10 މިލިއަން ރައްޔިތުން ވަނީ ކަރަންޓުން މަޙުރޫމުވެފައެވެ. ދިވެހިރާއްޖޭގެ ގަޑިން ހުކުރު ދުވަހުގެ ހެނދުނު(އިއްޔެ ހެނދުނު) 8:00 ހާއިރު ކަރަންޓު ކެނޑުނު ކަމަށް އެނަރޖީ މިނިސްޓްރީން ވަނީ މީޑިއާ މެދުވެރިކޮށް އިޢުލާނުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ކިއުބާގެ ރައީސް މިގްއެލް ޑިއާޒް-ކެނެލް ބެރްމޫޑޭޒް ވަނީ ޙާލަތުގެ ނާޒުކުކަން ފާހަގަކުރައްވައި، މައްސަލަ ޙައްލުކުރުމަށް އިސްކަންދެއްވާނެ ކަމަށާއި، އެކަން ނުނިމެނީސް އަރާމެއް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން ވެސް މަސްތަކެއް ވަންދެން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެފައިވާއިރު، އެންމެ ފަހުން ކަރަންޓު ކެނޑުނު ދުވަހުގެ ކުރިން ބޮޑުވަޒީރު ވަނީ “ހަކަތައިގެ ކުއްލި ނުރައްކަލުގެ ޙާލަތު” އިޢުލާނު ކުރައްވާފައެވެ.
އެނަރޖީ މިނިސްޓްރީގެ ކަރަންޓު ސަޕްލައިގެ ވެރިޔާ ލާޒާރާ ގުއެރާ ވިދާޅުވި ގޮތުގައި ކަރަންޓު އަލުން ރުޖޫޢަކުރުމުގެ މަސައްކަތް ފުރަތަމަ މަރުޙަލާގައި ކުރިއަށްދާއިރު، އެކި ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް އަލުން ހިންގުމަށްޓަކައި ވަގުތީ ގޮތުން ކަރަންޓު އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކިއުބާ ނޭޝަންވައިޑް ބްލެކްއައުޓެއްގައި އޮންނަތާ 24 ގަޑިއިރަށްވުރެ ގިނައިރު ވެއްޖެ…….ފޮޓޯ:ސީއެންއެން (ގަޑިއެއްހާއިރު ކުރީގެ ފޮޓޯއެއް)
ކުއްލި ނުރައްކަލުގެ މި ޙާލަތާ ގުޅިގެން، ކިއުބާގެ ސަރުކާރުން ވަނީ ނައިޓް ކްލަބްތަކާއި ސްކޫލުތައް ހިމެނޭ ގޮތަށް ކޮންމެހެން ބޭނުންނުވާ ހުރިހާ ޙަރަކާތްތަކެއް ހޯމަ ދުވަހުގެ ނިޔަލަށް ހުއްޓާލާފައެވެ. އަދި ކަރަންޓު ޚިދުމަތް ރައްކާތެރިކުރުމަށްޓަކައި، ކޮންމެހެން ބޭނުންނޭނުންނުވާ މުވައްޒަފުން ގޭގައި މަޑުކުރުމަށް އިލްތިމާސްކޮށް، ސަރުކާރުގެ މުހިންމު ނޫން ޚިދުމަތްތައް މެދުކަނޑާލާފައިވެއެވެ. މީގެ އިތުރުން، ޕީކް ގަޑިތަކުގައި ގިނައިން ބޭނުންކުރާ ކަރަންޓުގެ ސާމާނު ނިއްވާލުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައިވެއެވެ.
މި ޙާދިސާއާ ގުޅިގެން ކިއުބާގެ ކަރަންޓު ނިޒާމުގެ ހާލަތު އޮތް ހިސާބު ހާމަވެފައިވާއިރު، ބޮޑުވަޒީރު މެނުއަލް މާރެރޯ އާއި ނޭޝަނަލް އިލެކްޓްރިކް ޔޫނިއަންގެ ވެރިޔާ އަލްފްރެޑޯ ލޮޕޭޒް ވަލްޑޭސް ވެސް ވަނީ މި ގޮންޖެހުންތައް ގަބޫލު ކުރައްވާފައެވެ. އަދި ކަރަންޓު ކެނޑުމުގެ މައިގަނޑު ސަބަބަކީ ތެލުގެ ދަތިކަން ކަމުގައި ފާހަގަ ކުރައްވާފައިވެއެވެ.
މި ޙާލަތުގައި، ކިއުބާގެ ސަރުކާރުން ވަނީ ރައްޔިތުންނަށް ކެތްތެރިވުމަށާއި، އެއްބައިވަންތަކަމާއެކު މި ދަތި ދުވަސްވަރު ހޭދަކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި ކަރަންޓުގެ ޚިދުމަތް އަވަހަށް އަނބުރާ ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ.

ކިއުބާ ނޭޝަންވައިޑް ބްލެކްއައުޓެއްގައި އޮންނަތާ 24 ގަޑިއިރަށްވުރެ ގިނައިރު ވެއްޖެ…….ފޮޓޯ:ސީއެންއެން
މި ޙާދިސާގެ ސަބަބުން ކިއުބާގެ ސަރުކާރުން ވަނީ ދުރު ރާސްތާގެ ޕްލޭނެއް އެކުލަވާލުމުގެ މުހިންމުކަން ފާހަގަ ކޮށްފައެވެ. މީގެ ތެރޭގައި ހަކަތައިގެ ވަސީލަތްތައް އިތުރަށް ތަރައްޤީކުރުމާއި، އިޔާދަކުރަނިވި ހަކަތައަށް ބަރޯސާވުން އިތުރުކުރުން ހިމެނެއެވެ. މިފަދަ ފިޔަވަޅުތަކަކީ މުސްތަޤުބަލުގައި މިފަދަ ކުއްލި ނުރައްކަލުގެ ޙާލަތްތަކުން ރައްކާތެރިވުމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ބެލެވެއެވެ.
ގައުމަށް ދިމާވެފައިވާ ކަރަންޓު ނެތުމުގެ ދަތިކަމުގައި، ރައްޔިތުންގެ ދުވަހުގެ ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ކަރަންޓާއި މޯބައިލް ޑޭޓާގެ ޚިދުމަތް ނުލިބުމުގެ ސަބަބުން ގިނަ ރައްޔިތުން ވަނީ މާޔޫސްކަމާއި ކަންބބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން، މި ޙާލަތުގެ ސަބަބުން މަސައްކަތްކުރުމާއި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކާއި އެހެނިހެން އެތައްކަމަކަކަށްވެސް ވަނީ އަސަރުކޮށްފައެވެ.
މި ކުއްލި ނުރައްކަލުގެ ޙާލަތުން އަރައިގަތުމަށްޓަކައި، ކިއުބާގެ ސަރުކާރުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މީގެ ތެރޭގައި ކަރަންޓު އަލުން ރުޖޫޢަކުރުމަށް ޚާއްޞަ އިސްކަމެއް ދިނުމާއި، އެހެނިހެން ހަކަތަ އުފެއްދުމުގެ ވަސީލަތްތައް ވަގުތީގޮތުން ބޭނުންކުރުން ހިމެނެއެވެ. އަދި ކޮންމެހެން ބޭނުންނުވާ ޚިދުމަތްތައް ވަގުތީގޮތުން ހުއްޓާލުމާއެކު، ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް އިސްކަންދީފައިވެއެވެ.