ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ކުރީ ސަރުކާރުން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ކޮންމެ ހަފުތާއަކު ފިނޭންސް މިނިސްޓްރީން ނެރެމުންއައި ދައުލަތުގެ މާލީ ހާލަތު އަންގައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު މިދިޔަ ޖޫންމަހުން ފެށިގެން އާންމުކޮށްފައެއް ނުވެއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އަހަރު ދެބައިވިއިރު ޚަރަދުތަކުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ފާހަގަކުރެވުމުން ކުރީގެ ފިނޭންސް މިނިސްޓަރު މުޙައްމަދު ޝަފީޤް އެ ރިޕޯޓު ނެރުން ހުއްޓާލައްވައި އެކަން ހިނގާފައިވާ ގޮތް ބެއްލެވި ކަމަށެވެ.
އެކަން ހިނގާދިޔަ ގޮތް ބެލިއިރު، ހިނގަމުންދާ މަޝްރޫއުތަކަށް ފައިސާ ދޫކުރުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
އެގޮތުން މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުތަކުގައި ޕޯސްޓްކުރަން އެދިފައިވާ ޖުމްލަ 2.5 ބިލިއަން ރުފިޔާގެ ބިލުތަކަށް މި އަހަރުގެ ބަޖެޓުން ޖާގަދޭން ޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިފަދަ ބިލުތައް މިނިސްޓްރީތަކުގައި ހުރުން އެކަށީގެންވާކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ އެކަން ދެނެގަތުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހާއެކު މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރުގެ ބަޖެޓުގައި ޕޯސްޓްކޮށްފައި ހުރި ނަމަވެސް، ކޭޝްފްލޯއިން ފައިސާ އަދާނުކުރެވި ހުރި 3 ބިލިއަނެއްހައި ރުފިޔާ މިއަހަރުގެ ކޭޝްފްލޯއިން އަދާކޮށްފައިވާ ކަމަށެވެ. އަހަރުން އަހަރަށް ކޭޝްފްލޯ މިސްމެޗުތައް އުޅޭނެ ކަމަށާއި ނަމަވެސް މިވަރުގެ ބޮޑެތި އަދަދުތައް މިގޮތަށް ފާހަގަކުރެވިފައިވަނީ ނިޒާމީ ގޮތުން ކުރީ ސަރުކާރުގައި ފިސްކަލް ޕޮލިސީ ރާވައިފައިވާ ގޮތުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޑިސްބާސްމަންޓް ކޯޑުން ބަޖެޓު އުނިކޮށްގެން އެހެން ޚަރަދުތައް ކުރުމަށްފަހު، ސަޕްލިމަންޓް ބަޖެޓު ހުށަހަޅައިގެން އެ ކަންތައް ކޮށްފައިވަނީ މަތިއޮމާންކޮށްފައި ކަމަށާއި، އެއީ ކަމުގެ ހަގީގަތް ފޮރުވުމަށްޓަކައި އުސޫލާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
މިހާރު އަޅުގަނޑުމެންނަށް ފާހަގަވަނީ ރިކޯޑު ކުރުމުގައި ގާތްގަނޑަކަށް 2 ބިލިއަނެއްހައި ރުފިޔާގެ ތަފާތު އެބައުޅޭ ކަމަށް. މާނައަކީ އަޅުގަނޑުމެން މިއަހަރުގެ ބަޖެޓުގައި އެ ހިމަނައިފިނަމަ މިދިޔަ އަހަރު ފާސްކުރި ބަޖެޓަށްވުރެ 2 ބިލިއަން ރުފިޔާ އިތުރުވާނެޔޭ.
މިނިސްޓަރު ވިދާޅުވީ މިކަމާ ގުޅޭ ގޮތުން ކުރިއަށްދާނީ ބަންޑާރަނައިބާއި، އޮޑިޓަރ ޖެނެރަލުން ދޭ ލަފަޔާ ވެސް އެއްގޮތަށް ކަމަށާއި، ކުރިއަށްދާނެ ގޮތުގެ ލަފަޔަކަށް އެދި އޮޑިޓަރ ޖެނެރަލަށް ހުށަހަޅާފައިވާ ކަމަށެވެ.