ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރު 18 އަހަރު އޮތް އޮތުމަށް ގާނޫނީ އިސްލާހެއް ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ.
މިރޭ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މަނާކުރުމުގެ އިތުރުން، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކާ ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އުމުރު ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ދުންފަތުގެ މުއާމަލާތް ކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވާނީ ނިންމާފައި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށްވެސް ގާނޫނަށް އިސްލާހު ގެނެވޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.