ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީއަކު ފިލަން ދުވަނިކޮށް އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ ޚާއްސަ ރެއިޑު އޮޕަރޭޝަންގައި އިއްޔެ މާލެއިން 02 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 02 ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އިމިގްރޭޝަންގެ ޕޯސްޓާއެކު ވަނީ އިއްޔެ ހިންގި އޮޕަރޭޝަނުގެ ވީޑިއޯއެއް ހިއްސާކޮށްފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އިމިގްރޭޝަންގެ އޮފިސަރުންނަށް ފިލަންވެގެން ބިދޭސީއަކު މަގުމަތިން ދުވެފައިދާ މަންޒަރު ފެނެއެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި މިވަގުތު 135 މީހުން ތިބި ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްޢާން ވަޙީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގެ ދަށުން މިއަހަރުގެ މިހާތަނަށް 4,361 ބިދޭސީން ޑީޕޯޓްކޮށްލާފައިވާ ކަމަށް ވެސް ޝަމްޢާން ވަނީ ވިދާޅުވެފައެވެ.