އަވަށްޓެރި ސްރީލަންކާގައި ޓެރަރިޒަމް ލަންކާގައި ހަމަލާ ދޭން އުޅުނު ކަމަށް ހައްޔަރު ކުރި މީހުންގެ ތެރޭ ދިވެއްސެއްގެ ދަރިއެއް ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި މައްސަލައިގައި ލަންކާގެ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފައި ވަނީ، ހ. ފީރޯޒް ހިޔާ، އުމުރުން 30 އަހަރުގެ ބިލާލު މުހައްމަދު އަހްމަދު ކަމަށާއި މި މައްސަލައިގައި ސްރީލަންކާގެ ސަލާމަތީ ބާރުތަކުން ބިލާލު ނޫން އިތުރު މީހުންތަކެއްވެސް ހައްޔަރުކޮށްފައިވާ ކަމަށް ލަންކާގެ ހަބަރުތަކުގައި ބުނެފައިވެއެވެ.
ސްރީލަންކާގެ ފަތުރުވެރިންގެ މަޝްހޫރު މަންޒިލެއް ކަމަށްވާ އަރުގަމް ބޭ ސަރަހައްދަށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ބިލާލު ހިމެނެއެވެ.
މި މައްސަލައިގައި ހައްޔަރު ކުރެވުނު މީހުންގެ މައުލޫމާތު ސްރީލަންކާގެ ޓެރަރިޒަމް އިންވެސްޓިގޭޝަން ޑިވިޝަން (ޓީއައިޑީ) އާ ހިއްސާކޮށްފައިވަނީ އިންޑިއާގެ އިންޓެލިޖެންސް އެޖެންސީން ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
އަރުގަމް ބޭ ސަރަހައްދަށް ހަމަލާއެއް ދޭން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް އިއްޔެ ސްރީލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން އެމެރިކާގެ ރައްޔިތުންނަށް ނެރުނު ޓްރެވަލް އެޑްވައިޒަރީ އެލާޓެއްގައި ހާމަކޮށްފައިވެއެވެ.
ސްރީލަންކާގެ ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ހަމަލާ ދޭން ރާވާފައިވަނީ އެ ސަރަހައްދުގައި އިޒްރޭލުގެ ބަޔަކު ހިންގާ “ޗަބާދް ހައުސް” އަށެވެ. މުސްލިމުން ގިނަ އަރުގަމް ބޭ ސަރަހައްދުގައި، ޗަބާދް ހައުސްއަށް ދާ އިޒްރޭލުގެ ފަތުރުވެރިންނާއި މުސްލިމުންނާ ދެމެދު ފަހަކަށް އައިސް ކުރިމަތިލުންތަކެއް ހިނގާފައިވާކަންވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.
މިހާރު އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށް ސްރީލަންކާގެ އިސް ފަރާތްތަކުން މަޢުލޫމާތު ދީފައިވެއެވެ.
މި މައްސަލައާ ގުޅޭ ގޮތުން ދިވެހި ފުލުހުން ބުނެފައި ވަނީ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމުގައެވެ.