އަންނަ މަހުން ފެށިގެން އަލުން ޑޮމެއިން ނަންބަރުތައް ވިއްކަން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި ހިދުމަތް ވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހު ހުއްޓާލާފައެވެ.
ޑޮމެއިން ހިދުމަތަކީ ހާއްސަކޮށް ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ހިދުމަތެއް ކަމަށާއި، މި ހިދުމަތް އަލުން ފެށުމަށްޓަކައި ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަކީ މި ސަރުކާރުގެ އިސް އަމާޒެއް ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ފާހަގަކުރެއްވި ގޮތުގައި، ޑޮމެއިންގެ ހިދުމަތް އަލުން ފެށުމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑޮމެއިންގެ ރެކޯޑުތައް ހަރުދަނާ ގޮތެއްގައި މިނިސްޓްރީން ބަލަހައްޓާފައި ނެތުމާއި، ހިދުމަތް ފޯރުކޮށްދިނުމަށް ހަރުދަނާ އުސޫލެއް އެކުލަވާލާފައި ނެތުމެވެ.
އަލުން ޑޮމެއިންގެ ހިދުމަތް ފަށާއިރު މިހާރު އަމަލު މަލު ކުރަމުން އަންނަ އުސޫލުތަކާއި ގަވާއިދުތައްވެސް އިސްލާހުވާނެ ކަމަށާއި، ޑޮމެއިން ޚިދުމަތް ދިނުމާގުޅޭ ލިޔެކިޔުންތަކަކީ ސެކިއުރިޓީ ފީޗާސް އެކުލެވޭ ލިޔެކިޔުންތަކަކަށް ބަދަލުވެގެން ދާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
ޑޮމެއިން ނަންބަރުތައް ވިއްކުމުގެ މަގުސަދަކީ ޑޮމެއިން ހިދުމަތާއި ގުޅިގެން ކުރިމަތިވެފައިވާ މައްސަލަތަކަށް ގާނޫނީ ހައްލު ހޯދައިދީ، އެ ޚިދުމަތަކީ ފަސޭހައިން ލިބޭ ހިދުމަތަކަށް ހެދުން ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި ޑޮމެއިން ނަންބަރު ދޫކުރުމުގެ ހިދުމަތް އަލުން ފެށި ނަމަވެސް އެއްވެސް މީހެއްގެ ހައްގަކަށް އުނިކަން ނާންނާނެކަމުގެ ޔަޤީންކަން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ދީފައެވެ.

