ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ 7 އަންހެނަކާއި އެމީހުންގެ އެޖެންޓުން އަތުލައިގަނެފި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި، މި އޮކްޓޯބަރު މަހު އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އިންސްޕެކްޝަން ތަކެއްގައި މި މީހުން އަތުލައިގަނެވުނެވެ. މިގޮތުން ފަސް މައްސަލައަކާ ގުޅިގެން ހަތް އަންހެނަކާއި، އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ދެ ފިރިހެނަކު އަތުލައި ގަނެވުނެވެ.
އިމިގްރޭޝަނުން އިތުރަށް ހާމަކުރިގޮތުގައި، މި މައްސަލަތައް ތަހުގީގު ކުރުމަށްފަހު، ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ފަސް އަންހެނަކާއި އެއް ފިރިހެނަކު މިހާރު ވަނީ ޑިޕޯޓްކޮށްފައެވެ. އަދި އަނެއް ތިން ބިދޭސީން ޑިޕޯޓްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
އަތުލައިގަނެވުނު މީހުންގެ ތެރޭގައި ބަންގްލަދޭޝް، ވިއެޓްނާމް އަދި އެފްރިކާގެ ގައުމުތަކުގެ ރައްޔިތުން ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. މީގެއިތުރުން، ރާއްޖޭގައި ހަށި ވިއްކުމުގެ މަސައްކަތަށް ހާސަކޮށް ބޭނުން ކުރަމުން ދިޔަ ޓެލެގްރާމް އެކައުންޓްތަކެއް ވެސް ފުލުހުން ވަނީ އަތުލައިގަނެފައެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރު ތަފްޞީލު ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުނުވިއެވެ. ނަމަވެސް، ރާއްޖޭގައި ހަށި ވިއްކުމުގެ މައްސަލަ އިތުރުވަމުންދާތީ، މިކަމާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ހަރުދަނާކުރަމުންދާކަން ފާހަގަކުރެވެއެވެ.