އައްޑޫ ސިޓީ ވަކި މަންޒިލެއްގެ ގޮތުގައި އާ ބްރޭންޑްއެއްގެ ދަށުން އިޝްތިހާރުކުރަން ފަށައިފި އެވެ.
“އައްޑޫ؛ ބިޔޯންޑް ދަ އީކުއޭޓާ” ގެ ނަމުގައި މި އައު ބްރޭންޑް އިފްތިތާހު ކޮށްފައި ވަނީ ކެނެރީފް ރިސޯޓުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ބްރޭންޑަކީ އައްޑޫ ކައުންސިލްގެ ދަށުން އުފެއްދި “އައްޑޫ ޑެސްޓިނޭޝަން މެނޭޖްމަންޓް އޮފީސް” އިން އިފްތިތާހުކުރި ބްރޭންޑެކެވެ. މީގެ މައިގަނޑު މަގުސަދަކީ އައްޑޫއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހާއްސަ ކަންތައްތަކެއް ލިބިފައިވާ ޕްރީމިއަމް މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމެވެ.
އައްޑޫގެ ގުދދުރަތީ ރީތިކަމާއި، ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުގެ ހިތްގައިމުކަން އަދި ސަގާފީ މުއްސަނދިކަން ދައްކުވައިދޭ ގޮތަށް މި ބްރޭންޑް ފަރުމާކުރެވިފައިވެއެވެ. ބްރޭންޑްގެ ކުލަތަކުގެ އެލެމެންޓްސް ގެނެވިފައިވަނީ އައްޑޫގެ ކަނޑާއި، ގުދުރަތީ މާޙައުލު އަދި ދިރުންތައް ހިމަނައިގެންނެވެ.

“އައްޑޫ؛ ބިޔޯންޑް ދަ އީކުއޭޓާ” ގެ ނަމުގައި މި އައު ބްރޭންޑް އިފްތިތާހުކުރުން؛ ކެނެރީފް ރިސޯޓުގައި………….ފޮޓޯ: އައްޑޫސިޓީކައުންސިލް
“ބިޔޯންޑް ދަ އީކުއޭޓާ” މި ނަން ހޮވާފައިވަނީ އައްޑޫއަކީ ދުނިޔޭގެ ޗާޓުގެ އީކުއޭޓާގައި އޮންނަ މަދު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭތީކަމަށް ބްރޭންޑްގެ ކޮންސެޕްޓް އެކުލަވާލި އެންރީކާ ސްޓޫޑިއޯއިން ބުނެފައިވެއެވެ.
މި ބްރޭންޑް އިފްތިތާހުކުރުމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އައްޑޫގައި ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން، ބްރޭންޑް ލޯންޗްކުރުމުގެ ވީޑިއޯއާއި އައްޑޫ ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަކުރެވިގެން ތައްޔާރުކުރެވިފައިވާ ވެބްސައިޓެއްވެސް މި ރަސްމިއްޔާތުގައި ލޯންޗްކުރެވުނެވެ.

“އައްޑޫ؛ ބިޔޯންޑް ދަ އީކުއޭޓާ” ގެ ނަމުގައި މި އައު ބްރޭންޑް އިފްތިތާހު ކޮށްފައި ވަނީ ކެނެރީފް ރިސޯޓުގައި………….ފޮޓޯ: އައްޑޫސިޓީކައުންސިލް
މި އިވެންޓުގެ މައިގަނޑު މަގުސަދަކީ އައްޑޫގެ ޓޫރިޒަމް ރާއްޖެއިންނާއި ރާއްޖެއިން ބޭރުގައި ޕްރޮމޯޓްކޮށް، އެ ދާއިރާ އައްޑޫގައި ފުޅާކޮށް ކުރިއެރުވުމެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއާއި އައްޑޫގެ މޭޔަރު އަލީ ނިޒާރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އަމާޒަކީ ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ “ބަކެޓް ލިސްޓް” ގައި ހިމެނޭ ތަނަކަށް އައްޑޫ ހެދުން ކަމަށެވެ. މި އައު ބްރޭންޑާއެކު، އައްޑޫ ސިޓީގެ ފަތުރުވެރިކަން އިތުރަށް ކުރިއަރައި، ބައިނަލްއަގުވާމީ ފެންވަރުގައި މަޝްހޫރު ވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

“އައްޑޫ؛ ބިޔޯންޑް ދަ އީކުއޭޓާ” ގެ ނަމުގައި މި އައު ބްރޭންޑް އިފްތިތާހުކުރުން، އައްޑޫސިޓީ މޭޔަރާއި އެހެނިހެން އިއްޒަތްތެރި ބައވެރިން؛ ކެނެރީފް ރިސޯޓުގައި………….ފޮޓޯ: އައްޑޫސިޓީކައުންސިލް
މި އައު ބްރޭންޑް ތަޢާރަފުކުރުމާއެކު، އައްޑޫގެ ޚާއްޞަ ސިފަތައް ފާހަގަކޮށް، އެ ސަރަޙައްދުގެ ޔުނީކް ތަޖުރިބާތައް ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށް އިތުރު އަހައްމިއްޔަތުކަމެއް ދެވވޭނެ ކަމަށް ބެލެވެއެވެ. މީގެ ތެރޭގައި އައްޑޫގެ ތާރީޚީ އަދި ސަގާފީ ތަރިކަ، ދިރޭތަކެތީގެ ނަސްލުތަކުގެ ތަނަވަސްކަން، އަދި ފަރުތަކާއި ކަނޑުގެ މުއްސަނދިކަން ހިމެނެއެވެ.
އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، މި އައު ބްރޭންޑްގެ ދަށުން އެކި ބާވަތުގެ މާކެޓިޓިންގ ކެމްޕެއިންތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވެއެވެ. މީގެ ތެރޭގައި ސޯޝަލް މީޑިއާ މާކެޓިންގ، ޓްރެވަލް ބްލޮގަރުންނާއި އިންފްލުއެންސަރުން މެދުވެރިކޮށް ޕްރޮމޯޝަން ހިންގުން، އަދި ބައިނަލްއަޤްވާމީ ޓްރެވަލް އެކްސްޕޯތަކުގައި ބައިވެރިވުން ހިމެނެއެވެ.

“އައްޑޫ؛ ބިޔޯންޑް ދަ އީކުއޭޓާ” ގެ ނަމުގައި މި އައު ބްރޭންޑް އިފްތިތާހުކުރުން، އައްޑޫސިޓީ މޭޔަރާއި ވަޒީރު ފައިސަލް އަދި އެހެނިހެން އިއްޒަތްތެރި ބައވެރިން؛ ކެނެރީފް ރިސޯޓުގައި………….ފޮޓޯ: އައްޑޫސިޓީކައުންސިލް
މީގެއިތުރުން، އައްޑޫގައި ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ކުރިއެރުވުމަށްޓަކައި، ތިމާވެށި ރައްކާތެރިކުރުމުގެ މަޝްރޫއުތަކާއި، ރަށުގެ މުޖުތަމައު ބާރުވެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށްވެސް ރޭވިފައިވާ ކަމަށް ކައުންސިލުން ހާމަކުރެއްވިއެވެ.
އައްޑޫ ސިޓީގެ މި އައު ބްރޭންޑް “ބިޔޯންޑް ދަ އީކުއޭޓާ” އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި އައައު ބާބެއް ފެށިގެންދާނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، މިބްރޭންޑު ތައާރަފު ކުރުމާއެކު މި އައު ސިޓީއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، އެ ސަރަހައްދުގެ އިގުތިސާދަށް ފައިދާކުރާނެ ކަމަށް އަދި މި މަސައްކަތުގެ ސަބަބުން އައްޑޫ ސިޓީއަކީ ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި އެންމެ މަަގުބޫލު އަދި ހާއްސަ މަންޒިލުތަކުގެ ތެރެއިން އެއް މަންޒިލަކަށް ވުމާއެކު، މިކަމުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެން ދާނެ ކަމަށްވެސް ބެލެވެއެވެ.