ރާއްޖޭގެ 60 ރަށެއްގައި ޕޮލިސް ސްޓޭޝަން ހަދަން ހަވާލުކޮށް ދިވެހި ދައުލަތުން ފައިސާ ދީފައިވާ އިންޑިއާގެ އިންދިރާ ޕްރޮޖެކްޓްސް ކުންފުނިން ބިގް ކުންފުނީގެ ހިއްސާ ގަތުމަށްފަހު މާލޭގައި ގެއެއް އިމާރަތްކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޕޮލިސް ސްޓޭޝަން ހެދުމުގެ މަޝްރޫއުގެ ފައިސާއިން މިދިޔަ ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން ހުޅުމާލެއިން ގޯތިތަކެއް ބައްލަވައިގަތް ކަމަށް ތުހުމަތު ކުރައްވައި އެ މަޝްރޫއުއާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މި މައްސަލާގައި މިދިޔަ މާޗުމަހުގައި މިނިސްޓަރު ވިދާޅުވެފައިވަނީ މިދިޔަ ސަރުކާރުގައި ޖުލައި 2021 ގައި ޕޮލިސް ސްޓޭޝަން ހަދަން އިންދިރާ ކުންފުންޏާ ހަވާލުކޮށް، އެ މަޝްރޫއުގެ 15 އިންސައްތައަށް ބޭނުންވާ 3.6 މިލިއަން ޑޮލަރު ނުވަތަ 55 މިލިއަން ރުފިޔާ ދިން ނަމަވެސް އަމަލީ މަސައްކަތް އޮތީ ނުފެށި ކަމަށެވެ. އަދި އެ ކުންފުންޏަށް ނުގުޅި، ވީ ގޮތެއް ވެސް ނޭނގި އޮތް ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ޕޮލިސް ސްޓޭޝަން ހެދުމުގެ މަޝްރޫއުގެ ޕްރޮޕޯސަލް ފުރަތަމަ އައީ ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީއަށް ކަމަށާއި، އެ މިނިސްޓްރީގައި ދެ އަހަރު ވަންދެން އެ ޕްރޮޕޯސަލް އޮތް ކަމަށެވެ. އެއަށްފަހު 2021 ވަނަ އަަހަރު މަޝްރޫއު ރާވައިފައިވަނީ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ ޚިދުމަތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
2021 ވަނަ އަހަރު ހިސާބުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހިސާބަށް ގެނެސްގެން، 60 ޕޮލިސް ސްޓޭޝަނެއް އެޅުމަށްޓަކައި ގާތްގަނޑަކަށް 60 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށް ޕްރޮޖެކްޓް ރޭވިގެން، އެ ޕްރޮޖެކްޓްގެ ފައިނޭންސް ކުރާނީ އިންޑިއާ އެގްޒިމް ތުރޫކޮށްކަން ރޭވިގެން އެގްރިމަންޓްތަކެއްގައި ސޮއިކުރެވިގެން މަސައްކަތް ފެށްޓުމަށްޓަކައި ވަރަށް ބާރަށް މަަސައްކަތްކޮށްފަ އޮތްކަން އަޅުގަނޑުމެންނަށް ލިޔެކިޔުންތަކުން އެބަދައްކާ. އެހެންނަމަވެސް މި މަސައްކަތުގެ އަމަލީ އެއްވެސް މަސައްކަތެއް ހިނގާފައެއް ނެތް. އިންދިރާ ޕްރޮޖެކްޓްސްގެ ފަރާތުން ރާއްޖޭގަ ޖޮއިންޓް ވެންޗަރއެއް ހިނގައިގެން އެންމެ ފުރަތަމަ ކަމަކަށް ކޮށްފަ އޮތް ކަމަކީ ދިވެހި ސަރުކާރަށް މި އެދެނީ އެއްކަލަ ލޯނުގެ %15 އެންމެ ފުރަތަމަ ދިވެހި ސަރުކާރުން ތިމަންނަމެންނަށް ދޭށޭ.
މިނިސްޓަރު ވިދާޅުވީ އެ ހިސާބުން ލިޔެކިޔުންތަކުން ފެންނަ އޮތް ގޮތުގައި އެ ކުންފުންޏަށް އޭރުގެ ސަރުކާރުން 3.6 ބިލިއަން ޑޮލަރު ދީފައިވާ ކަމަށެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އައިއިރުގައި ވެސް އެ ކުންފުނިން އެ ލާރިއަށް ކުރި ކަމެއްގެ ތަފުސީލެއް ނުދޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ އެއް ބައްދަލުވުމުގަ އެ ލާރި ހުރިކަމަށް ބުނެފަ އެބައޮތް. އެހެންނަމަވެސް ފިޒިކަލީ އެއްވެސް ކަމެއް ކޮށްފައެއް ނެތް. ދިވެހި ދައުލަތުގެ ފައިސާ ވަނީ އެ ކުންފުނީގަ. އަޅުގަނޑުމެން ދެން އެ ކުންފުނިން ރާއްޖޭގަ ކޮންކަމެއްތޯ ރާއްޖޭގަ ކުރަނީ ބަލާލިއިރުގަ އަޅުގަނޑުމެންނަށް ފާހަގަކުރެވިފަ އެބައޮތް ބިގް ނަމަކަށް ކިޔާ ކުންފުނީގެ ޝެއާ އެ ކުންފުނިން ގަނެގެން މިހާރު މޫނިމާގެ ކިޔާ ގޭގެ އިމާރާތް ގަނެގެން އެތަން ވަރަށް ބާރަށް ކުރިއަށް ހިނގަމުން ގޮސް ނިމެމުންދާކަން ފާހަގަކުރެވޭ.
ބިގް ކުންފުންޏަކީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލްގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެކެވެ. އެ ކުންފުނީގައި 2014 އާ ހަމައަށް އޭނާގެ ހިއްސާ އޮތެވެ. އެ ކުންފުނީގެ ވެރިންގެ ތެރޭގައި ފައްޔާޟްގެ ބޭބެ ޙަސަން އިސްމާޢީލް ހިމެނެއެވެ.