ޖަލުތަކަށް މަސްތުވާތަކެއްޗާއި، ފޯނާއި އެ ނޫންވެސް ބައެއް ތަކެތި ވައްދާ ކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 19 އޮފިސަރަކު ވަޒީފާއިން އެކަހެރި ކުރި ހިސާބުން ފެށިގެން، ޖަލުތަކުން ކުރާ ސްކޭމް ކޯލުތަކުގެ އަދަދު ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިޙްސާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ޖަލުތަކުގައި ސްކޭމް ކޯލުތައް ކުރުމާއި ސްކޭމް ކޯލްތައް ކުރުމުގައި ބައިވެރިވާ މިންވަރު ވަރަށް ބޮޑަށް އިތުރުކަން ފާހަގަކުރެވުނު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެކަން ހައްލުކުރަން ފެށި މަސައްކަތުގެ ތެރެއިން، ޖަލަށް މަސްތުވާތަކެއްޗާއި، ފޯނާއި އެ ނޫންވެސް ބައެއް ތަކެތި ވައްދާ ކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 19 އޮފިސަރަކު ވަކިކޮށް، ގިނަ އަދަދެއްގެ ފޯނު ޖަލުތަކުން އަތުލައިގަނެފައިވާ ކަމަށެވެ.
އެ ފަހުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ޖަލުން މިކަމުގެ ތެރޭގަ ބައިވެރިވާލެއް ވަރަށް ބޮޑުތަނުން ކުޑަވެފަ މިއޮތީ. އެހެންނަމަވެސް %100 ހައްލެއްނުވޭ.
މިނިސްޓަރު ވިދާޅުވީ ޖަލުން ކުރާ ސްކޭމް ކޯލްތައް އެއްކޮށް ހުއްޓުވުމަށްޓަކައި ޖިއޯ ފެންސިން ހަދައި ޖަލުގައި ފޯނު ނުކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު، ޖަލުތަކުގެ ހާލަތު އޮތީ މަނާ ތަކެތި ވެއްދޭފަދަ ގޮތަށް އެކަމަށް މަގުފަހިވާ ގޮތަށް ކަމަށެވެ. އަދި ޖަލަށް ވަންނަ އޮފިސަރުން ޗެކްކުރެވޭނެ ގޮތެއް އޭރު ނެތްކަން ވެސް ފާހަގަކުރެއްވިއެވެ.
ނަމަވެސް މިހާރު ވަގުތީ ގޮތުން މެޓަލް ޑިޓެކްޓާއެއް ހަރުކޮށް، ފުލްބޮޑީ ސްކޭން ކުރެވޭ މެޝިނެއް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.