ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ގިނަ ޢަދަދެއްގެ ބިދޭސީން ފޮނުވާލަމުގެ ސަބަބުން އެމީހުން ކޮންޓްރޯލް ކުރަމުންދިޔަ އެތައް ވިޔަފާރިއެއް ދިވެހިންގެ އަތްމައްޗަށް ލިބިފައިވާކަމަށާއި، ރާއްޖޭގެ އިގުތިސާދަށް އޭގެ ފައިދާ ކުރާނެކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިދިޔަމަހުގެ ނިޔަލަށް 4428 ބިދޭސީން ޑީޕޯޓް ކޮށްލާފައިވާކަމަށް ވަޒީރު އަލީ އިހުސާން ވިދާޅުވިއެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުން އޭގެ ފައިދާ އިގުތިސާދަށް ކުރާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
“މީގެތެރެއިން އުފެދިގެން އަންނާނީ ދިވެހި ވިޔަފާރިތަކަށް ފުރުސަތު. މިކަންކަމަށް ޖާގަ ލިބި ދިވެހި އިގުތިސާދުގެތެރޭގައި ހިފެހެއްޓެން ޖެހޭ ފައިސާ ހިފެހެއްޓުމަށް މިހާރު ކުރިއަށްވުރެ ރަނގަޅުވާނެ.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން، ދައުލަތަށް ދައްކަންޖެހޭ 1.7 ބިލިޔަން ރުފިޔާގެ ތެރެއިން 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ހޯދާފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދާ “އޮޕަރޭޝަން ކުރަނގި” މުޅި ރާއްޖެއަށް ފުޅާ ކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ޖޫން މަހުގެ 3 ވަނަ ދުވަހު ފެށި މި އޮޕަރޭޝަނުގައި މިހާތަނަށް 8385 ބިދޭސީއެއްގެ “ބަޔޯމެޓްރިކް ޑޭޓާ” އެއްކޮށްފައިވާ ކަމަށާއި، މިހާތަނަށް 96 ރަށެއްގައި މި މަސައްކަތް ފަށައި 21 ރަށެއްގައި އެމަސައްކަތް ނިންމާފައިވާ ކަމަށް ވެސް ވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.
“ޓާގެޓު މިކުރީ އަންނަ އަހަރުގެ އޭޕްރީލަށް މިމަސައްކަތް ނިންމަން. އެހެންނަމަވެސް އަންނަ އަހަރުގެ ފެބްރުއަރީއަށް މިހާރު މިފެންނަ ގޮތުންނަމަ މި މަސައްކަތް ނިންމާލެވޭނެ.” ވަޒީރު އިހުސާން ވިދާޅުވިއެވެ.
ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިހުސާން އިތުރަށް ވިދާޅުވީ މި އޮޕަރޭޝަން އަންނަ މަހުގެ އެއްވަނަ ދުވަހު މާލޭ ސަރަހައްދުގައިވެސް ފަަށްޓަވާނެކަމަށެވެ. އަދި އަމާޒަކީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ ހައްލެއް ގެނައުންކަމަށް ވަޒީރު ވިދާޅުވިއެވެ.
އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ގާނޫނާއި ގަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މި އޮޕަރޭޝަނަށް ބޭނުންވާ މަޢުލޫމާތު އެއްކުރަނީ ކައުންސިލް އިދާރާތަކުގައި ބިދޭސީންގެ ބަޔޯ މެޓްރިކްސް ނެގުމުގެ އިންތިޒާމު ޤާއިމްކުރުމަށްފަހުއެވެ. އެ މައުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލާނެކަމަށް ދާޚިލީ ސަލާމާތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
އެއީހަމައެއްމެރަގަޅުކަމެއް މިސަރުކާރުންއެކުރަނީ،ވީއެއްމެއަވަހަކަ އެމީހުންޑީޕޯޓްކުރަންވީ،އަޅުގަޑުތާއީދުއެކަމައް