އަދުގެ މުޖުތަމަޢުގައި ފެންނަމުންދާ އެންމެ ނުރައްކާތެރި އަދި ހިތާމަވެރި މަންޒަރުތަކުގެ ތެރޭގައި ހިމެނެނީ ބައެއް ފިރިހެނުން އެމީހުންގެ އަނބިންނާއި އަންހެން ދަރިން ހިލޭ ފިރިހެނުންނާއެކު އެކަހެރިވެ އުޅުމަށް ފުރުޞަތު ދިނުމެވެ. މިފަދަ ފިރިހެނުން ދެކޭގޮތުގައި އަނބިމީހާއަށް އިތުބާރުކުރުމަކީ ހެޔޮ ފިރިއެއްގެ ސިފައެކެވެ. އެހެންނަމަވެސް، އިސްލާމްދީނުގައި އަންގަވާފައިވާ ގޮތުގައި މިއީ ހެޔޮ ފިރިއެއްގެ ސިފައެއް ނޫނެވެ. ހަގީގަތުގައި މިއީ ދައްޔޫޘެއްގެ ސިފައެވެ.
ދައްޔޫޘަކީ ތިމާގެ އަނބިމީހާ ނުވަތަ އަންހެން ދަރިން ޒިނޭ ކުރާކަން، (ހިލޭ ފިރިހެނުންނާއެކު ހުޅުވިފައިވާ ގުޅުން ބޭއްވުމާއި އައުރަ ނިވާ ކުރުމެއް ނެތި ހިލޭ ފިރިހެނުންނާއެކު ޕާޓީތަކަށް ގޮސް އެކަހެރިިވުންފަދަ ޒިނޭއަށް މަގުފަހިކުރުމަކީވެސް) އެނގިހުރެ އެކަމާމެދު އަޅާނުލާ ހުންނަ މީހާއެވެ. މިފަދަ މީހުންނަށް ސުވަރުގެ ވަނީ ޙަރާމްވެގެންނެވެ. މިކަން ސާބިތުވަނީ ޞަޙީޙް ޙަދީޘްތަކުންނެވެ.
މިޒަމާނުގައި ބައެއް ފިރިހެނުން އެމީހުންގެ އަނބިން ކޮފީތަކަށް، ޕާޓީތަކަށް އަދި ރިސޯޓުތަކަށް ދިޔުމަށް ހުއްދަދެއެވެ. އަދި ނިވާކަން ކުޑަ ހެދުންތަކުގައި އުޅުމަށް “ފެޝަން” ގެ ނަމުގައި ހުއްދަދެއެވެ. މިއީ ހެޔޮ ފިރިއެއްގެ ސިފައެއް ނޫނެވެ. އެކަމަކު މިއީ ދައްޔޫޘެއްގެ ސިފައެވެ.
ހަމައެހެންމެ، ބައެއް ފިރިހެނުން އެމީހުންގެ އަނބިން ހިލޭ ފިރިހެނުންނާއެކު ގައިގޯޅިވެ އުޅުމަށް “ޒަމާނީ ތަހުޒީބު” އަދި “ހައިސޮސައިޓީގެ ސްޓައިލް” ގެ ނަމުގައި ހުއްދަދެއެވެ. މިއީވެސް ހެޔޮ ފިރިއެއްގެ ސިފައެއް ނޫނެވެ. މިއީވެސް ދައްޔޫޘެއްގެ ސިފައެވެ.
އިސްލާމްދީނުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާގެ އަނބިމީހާ އަދި އަންހެން ދަރިން ހިލޭ ފިރިހެނުންގެ ނަޒަރުން ސަލާމަތްކުރުމެވެ. މިގޮތުން އެކަނބަލުންގެ ޢައުރަ ނިވާކުރުމަށް އަމުރުކުރުމާއި، ހިލޭ ފިރިހެނުންނާ އެކަހެރިވުމުން މަނާކުރުން ހިމެނެއެވެ. އަޅުގަނޑުމެން ހަނދާންކުރަންޖެހޭ މުހިންމު ޙަޤީޤަތަކީ، ތިމާގެ އަނބިމީހާ ނުވަތަ އަންހެން ދަރިން ކުރާ ކަންތައްތަކާ ގުޅިގެން ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެކަމެވެ. އެހެންކަމުން، އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަޅުގަނޑުމެންގެ އަނބިންނާއި އަންހެން ދަރިން ނަރަކައިގެ އަލިފާނުން ސަލާމަތްކުރުމަށް މަސައްކަތްކުރަންޖެހެއެވެ.

ސޮސައިޓީގެ ޒަމާނާގުޅޭ ތަހުޒީބު ޕާޓީތަކުން ދުރުހެލިވެ އަދި ތިމާގެ އަނބިދަރިންވެސް ދުރުކުރާށެވެ……………ފޮޓޯ:..އައިސްޓޮކް
ހަގީގީ ހެޔޮ ފިރިއަކަށް ވުމަކީ އަނބިމީހާއަށް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މިންގަނޑުތަކުގެ ތެރެއިން މިނިވަންކަން ދިނުމެވެ. އެއީ އަނބިމީހާގެ ޢައުރަ ނިވާކުރުމަށް އަމުރުކުރުމާއި، ހިލޭ ފިރިހެނުންނާ އެކަހެރިވުމުން މަނާކުރުމާއި، އިސްލާމީ އަހުލާގާ ހިލާފު ތަންތަނަށް ދިއުމުން ދުރުހެލިކުރުވުމެވެ.
މިއަދުގެ މުޖުތަމަޢުގައި “ޒަމާނީ” އަދި “ތަހުޒީބީ” ގެ ނަމުގައި ފެތުރެމުންދާ ނުބައި އާދަތަކުން އަޅުގަނޑުމެންގެ އަނބިންނާއި އަންހެން ދަރިން ސަލާމަތްކުރުމަކީ ކޮންމެ ފިރިހެނެއްގެވެސް ޒިންމާއެކެވެ. އަޅުގަނޑުމެން ހަނދާންކުރަންޖެހޭ މުހިންމު ކަމަކީ، އަޅުގަނޑުމެންގެ އަނބިންނާއި އަންހެން ދަރިންގެ ޢިއްފަތްތެރިކަން ހިފެހެއްޓުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަމެވެ. ދައްޔޫޘުންނަށް ސުވަރުގެ ޙަރާމްވެގެންވާކަން ޞައްޙަ ޙަދީޘްތަކުން ސާބިތުވެފައިވާއިރު، އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވިސްނަންޖެހެނީ އަޅުގަނޑުމެންގެ އަމަލުތަކުން އަޅުގަނޑުމެން ވަނީ ދައްޔޫޘުންގެ ސިފަ ޖެހިފައިތޯއެވެ. އަޅުގަނޑުމެންގެ އަނބިންނާއި އަންހެން ދަރިން “ފެޝަން” އަދި “ހައިސޮސައިޓީ” ގެ ނަމުގައި އިސްލާމީ އަހުލާގާ ހިލާފަށް އުޅުމަށް ފުރުސަތު ދީފައިވޭތޯއެވެ.
އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާ ސުވާލުކުރަންޖެހެނީ، އަޅުގަނޑުމެންގެ އަނބިންނާއި އަންހެން ދަރިން ނަރަކައިގެ އަލިފާނުން ސަލާމަތްކުރުމަށް އަޅުގަނޑުމެން ކުރަމުން ދަނީ ކޮން މަސައްކަތެއްތޯއެވެ. އަޅުގަނޑުމެންގެ އަމަލުތަކުން އަޅުގަނޑުމެން ވަނީ ހެޔޮ ފިރިންގެ ގޮތުގައި ވެފައިތޯ ނުވަތަ ދައްޔޫޘުންގެ ގޮތުގައި ވެފައިތޯއެވެ.
އެހެންކަމުން، އަޅުގަނޑުމެން ކޮންމެ މީހަކުވެސް އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތަށް އަޅުގަނޑުމެންގެ އަނބިންނާއި އަންހެން ދަރިން ތަރުބިއްޔަތުކޮށް، އެކަނބަލުންގެ އިއްފަތްތެރިކަން ހިފެހެއްޓުމަށް މަސައްކަތް ކުރަން ޖެހެއެވެ. އޭރުން އަޅުގަނޑުމެންނަށް ދުނިޔެއާއި އާހިރަތުގައި ކާމިޔާބު ލިބޭނެއެވެ. އަދި ދައްޔޫޘުންނަށް ކަނޑައެޅިފައިވާ ނަރަކައިގެ ޢަޛާބުން ސަލާމަތްވެވޭނެއެވެ.