އިސްރަށްވެހިންނަށް ހާއްސަ މެޑިކަލް ކޭމްޕެއް އިސްރަށްވެހިންގެ ނާދީގައި ބާއްވައިފި އެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނީ މެޑިކަލް ކޭމްޕް ބާއްވާފައި ވަނީ އައިކެއަރ، އެމް.އެން.ޑީ.އެފް މާލެ އޭރިއާ ކޮމާންޑާއި ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް، ދަމަނަވެށި، ހުޅުމާލެ ހޮސްޕިޓަލްގެ ވެލް ވިމަން ކްލިނިކް، މާސްޓަރ ޑެންޓަލް ކެއަރ ސެންޓަރ، ކޮމިއުނިޓީ ވޮލަންޓިއަރ ނަރސަސް އަދި އެލްޒައިމާޒް ސޮސައިޓީ އޮފް މޯލްޑިވްސް އާއި ގުޅިގެންކަމަށެވެ.
މި ކޭމްޕުގައި އިސްކޮޅާއި ބަރުދަން (ބީ.އެމް.އައި) ބެލުމާއި، ލޭގެ ޕްރެޝަރ ބެލުމާއި، ހަކުރު ޓެސްޓްކުރުމާއި ލޯ ޓެސްޓުކުރުން ކުރިއަށް ގެންގޮސްފައިވާކަމަށާއި، މީގެ އިތުރުންވެސް، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ބެލުމާއި، ކެންސަރ ސްކްރީނިންއާއި ގުޅޭ މަޢުލޫތުވެސް ހިއްސާކޮށްފައިވާކަމަށް އެ ވުޒާރާއިން ބުނެއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ހާމަކުރިގޮތުގައި، މި ކޭމްޕަށް 114 މީހުން ވަނީ ޒިޔާރަތްކޮށް ހިދުމަތް ހޯދާފައެވެ.