މާލެ ސަރަޙައްދުގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ކުންފުންޏަކާ ޙަވާލުކުރަން ސަރުކާރުން ނިންމައިފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނެވެ.
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ކުންފުންޏަކާ ޙަވާލުކުރެވޭނެއެވެ. އެހެންނަމަވެސް، ވަކި ކުންފުންޏެއްގެ ނަން އެމަނިކުފާނު ހާމައެއް ނުކުރެއްވިއެވެ. ނަމަވެސް، މި ޚިދުމަތް ދިނުމަށް ޙަވާލުކުރާނީ ސަރުކާރު ހިއްސާވާ ކުންފުންޏަކާ ކަމަށާއި، އެމްޓީސީސީއަކީ މިކަމަށް އެންމެ އެކަށޭނަ ކުންފުންޏެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ޓެކްސީގެ ޚިދުމަތް ދިނުމަށް ވިސްނާފައިވަނީ އާރުޓީއެލް ބަހުގެ ޚިދުމަތާ އެއްގޮތަށެވެ. މި ނިޒާމުގެ ދަށުން، ޓެކްސީ ޚިދުމަތުގައި ތިބޭނެ މުވައްޒަފުންގެ 50 އިންސައްތައަކީ ދާއިމީ މުވައްޒަފުން ކަމަށާއި، އަނެއް ބައި މުވައްޒަފުންނަކީ އެކި ގަޑިތަކުގައި ޓެކްސީ ދުއްވުމަށް ބޭނުންވާ މީހުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ޓެކްސީ ދުއްވުމުގެ ހުއްދަ ބިދޭސީންނަށް ނުލިބޭނެ ކަމަށާއި، ޑްރައިވަރުންނަށް ވަކި ތަނަކަށް ދިއުމަށް ދަތުރެއް ނުނެގޭނެ ކަމަށްވެސް މިނިސްޓަރު އަމީން ހާމަކުރެއްވިއެވެ.
ޓެކްސީގެ ޚިދުމަތަކީ ރައްޔިތުންގެ ޝަކުވާ ބޮޑު ޚިދުމަތެއް ކަމަށްވުމާއެކު، ސަރުކާރުން ބުނެފައިވަނީ މި ޚިދުމަތް ދޭނީ މޮނިޓަރ ކުރެވޭ ގޮތަށް ކޮމްޕިއުޓަރައިޒްކޮށް ކަމަށެވެ.