ްދައުލަތުގެ އެއްވެސް ބާރެއްގެ ތެރެއަށްވަދެ ނުފޫޒް ފޯރުވުމަކީ ދުވަހަކުވެސް ކުރެއްވި ކަމެއްނޫންކަމަށް ރައީސުލް ޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސޯޝަލް މީޑިއާ މެދުވެރިކޮށް ނެރުއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އެމަނިކުފާނު މިއަދާ ހަމަޔަށްވެސް ކުރިކަމެއްނޫން ކަމަށާއި އަދި ކުރިޔަށް އޮތް ތާނގައިވެސް ކުރާނޭކަމެއްނޫން ކަމަށެވެ.
އަދި އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން ޢަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ޤާނޫނާއި ޤަވާޢިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާޙެއް ގެންނަން އެމަނިކުފާނު ހުށަހަޅަމުން ގެންދާނެ ކަމަށެވެ.
ރައީސް މިހެން ވިދާޅުވީ ސަރުކާރުން ރާއްޖޭގެ މިނިވަން މުއައްސަސާތަކަށް ނުފޫޒް ފޯރުވާކަމަށް ބުނެ ފަތުރާ ވާހަކަތަކާއި ގުޅިގެންނެވެ.
ރާއްޖޭގެ އެއްވެސް މިނިވަން މުއައްސަސާއަކަށް ނުފޫޒް ފޯރުވުމަކީ މި ސަރުކާރުން ކުރާނެ ކަމެއްނޫންކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ތަކުރާރުކޮށް ރައީސް ވިދާޅުވިއެވެ.