ފަލަސްތީނަށް އެހީ ހޯދުމުގައިވެސް ނަމޫނާ ދައްކާފައިވާ އަދި ދިވެހިންގެގެ ތެރެއިން، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދެވޭނެ ގޮތް ދަތިވެފައި ތިބި އެތައް ބަޔަކަށް އެހީވެފައިވާ އަދިވެސް މިފަދަ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ މަރިޔަމް ސަމާ ޝަރީފް (ޓިކްޓޮކް ސަމާ) ގެ ބޮޑު ހުވަފެނެއްގައި ކުލަޖެހި، އުއްމީދުތައް ހަގީގަތަކަށްވެ، ޓިކްޓޮކް ލައިވް ތަކުން ކުރިއަށް ގެންދިޔަ “ހިތުން ހިތަށް”، ރާއްޖޭގެ ޖަމިއްޔާއެއްގެ ގޮތުގައި ރަސްމީކޮށް ރަޖިސްޓްރީ ވެއްޖެއެވެ.
“ހިތުން ހިތަށް” ޖަމިއްޔާއެއްގެ ގޮތުގައި، ރަޖިސްޓްރީވުމަކީ، ސަމާގެ އެތަކެއް މަސައްކަތަކާއި ހިތްވަރާއި ހިންމަތުން ދުވަސްވީ ހުވަފެނެއް ފުރިހަމަވެގެން ދިއުމެވެ. ޖަމިއްޔާ އެއްގެ ގޮތުގައި ރަޖިސްޓްރީވުމުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އިތުރު ހިތްވަރެއް ލިބި، ގިނަ ބަޔަކަށް އެހީ ފޯރުކޮށްދިނުމަށް ބާރު ލިބިގެންދާނެ ކަމެއްކަމަށް ވެސް ސަމާ ވަނީ ހާމަކޮށްފަ އެވެ.
ސަމާގެ “ހިތުން ހިތަށް” ޕްރޮގްރާމްތަކުގެ ދަށުން މި އަހަރު މިހާތަނަށް ވަރަށް ގިނަ ކޭސްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި އަހަރުގެ ތެރޭގައި އެކަނި ވެސް ހަތް ލައްކަ ރުފިޔާއާ ގާތްކުރާ އަދަދެއްގެ ފައިސާގެ އެހީތެރިކަން، އެކި ގޮތްގޮތުން ބޭނުންޖެހިފައިވާ އެތައް ޢާއިލާއަކަށް ސަމާ އަދި އޭނާގެ ޓީމުން ހޯދައިދީފައިވެއެވެ. ސަމާގެ މި އަހަރުގެ އަމާޒަކީ މި އަދަދު އެއް މިލިއަން ރުފިޔާއަށްވުރެ މަތިކުރުމެވެ.
“ހިތުން ހިތަށް” ރަޖިސްޓަރީ ކުރުމަށް ސަމާ ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ރަޖިސްޓަރީ ވުމުގެ ކުރިން ވެސް ފަލަސްތީނަށް އެހީވުމަށް ފަންޑް ރައިޒް ކޮށް، އެތަކެއް ބަލިމީހުންނަށް އެހީތެރިވުމުގައި ފާހަގަކޮށްލެވޭ ހިތްވަރެއް ދައްކާފައިވެއެވެ.
ޓިކްޓޮކް މެދުވެރިކޮށް އެތައް ޢާއިލާއެއްގެ އުއްމީދުތައް ޙަޤީޤަތަކަށް ހެދުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ސަމާއަށް މިހާ ހިސާބަށް އައުމަށް ދިމާވި ގޮންޖެހުންތަކެއް ވެސް މަދެއް ނޫނެވެ.
އެތަކެއް ފުރައްސާރައަކާއި ދޮގު ބަދުނާމުތަކެއް “ހިތުން ހިތަށް” އާއި ސަމާގެ ބޮލުގައި ނުޙައްޤުން އަޅުވަމުން އައި ދުވަސްތަކުގައި ވެސް، އޭނާ ދެއްކީ އެ ފިޔަވަޅު މަތީ ގުޑާނުލާ، އަޒުމާއެކު ހުރެ ނަމޫނާ ހިތްވަރެކެވެ. އަންހެނަކު އެންމެ ހިތަށް ތަދު ކުރާ ކަމަކަށް ވާނީ އޭނާގެ ދަރިންނަށް ބަސްބުނާ އަޑު އިވުމުން ކަމަށްވާއިރު ސަމާއަށް މިދަތި ހާލަތާ ކުރިމަތިލާންޖެހުނު އެތަކެއް ވަގުތުތަކެއް ވޭތުވެ ހިނގައްޖެއެވެ. އަދިވެސް މިއަދު ވެސް ސަމާއަށް ބަދުބަސް ބުނުމާއި ހަޑިހުތުރު ބަހުން މުޚާޠަބުކޮށް، ހަޖޫ ޖެހުމާއި މަލާމާތް ކުރުމުގައި، ދެމިތިބި ބަޔަކު ޓިކްޓޮކްގައި އުޅެއެވެ. ސަމާއަށް ބަދުބަސް ބުނެ ދޮގު އިލްޒާމު އެޅުވި ބައެއް މީހުން ގޮތް ދޫކޮށް ސަމާއާ އެއް މޭޒަކަށް އައިސް، ދެމެދުގައި ޖެހުނު މައްސަލަތައް ހަމަޖައްސައި އެކުވެރިކަމުގެ ސަލާމްކޮށްފައިވާއިރު އޭނާގެ ކެތްތެރިކަމާއި އޭނާގެ ހިތްވަރު ގުޑުވާލުމަށް ކެނޑިނޭޅި މަސައްކަތް ކުރާ ބައެއް މީހުން އަދިވެސް ދެމިތިބީ ހަމައެގޮތުގައެވެ.
ޓިކްޓޮކް ލައިވެއްގައި ސަމާއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ވެސް ތަޙްޤީޤުގައި ކުރިއަށް ގެންދާ ކަމަށް ފުލުހުން ވަނީ ދާދި ފަހުން ހާމަކޮށްފައެވެ.
މި ހުރިހާ ގޮންޖެހުންތަކާ އެކު ވެސް ސަމާ މިއަދު އެ ހުރީ އޭނާގެ އުއްމީދުތަކާއި ރޯޝަންގެ ހުވަފެންތައް ޙަޤީޤަތަކަށް ވެގެންދިޔަ ކަމުގެ އުފަލުގައެވެ. މި ބުރަ މަސައްކަތުގައި ސަމާގެ ފަހަތުގައި އޮންނަ ވަރުގަދަ، އިތުބާރުހުރި ޓީމަކީ ސަމާގެ މަސައްކަތްތައް ކާމިޔާބު ވުމުގައި އޭނާއާއެކު ދެމިތިބި ބައެއްކަން ފާހަގަކުރަމެވެ.
ހުވަދޫ މީޑިއާ އިން އެދެނީ ސަމާގެ “ހިތުން ހިތަށް” ޖަމްޢިއްޔާއެއްގެ ގޮތުގައި ކާމިޔާބީގެ ހަރުފަތްތަކުން އަރައި، އިތުރަށް ކުރިއަރައިގެން ދިއުމެވެ.
(މި ފުރުސަތުގައި ހުވަދޫޓީމުން ސަމާއާ ބައްދަލުވެ ހާއްސަ ރިޕޯޓެއް ތައްޔާރު ކުރަމުންދާ ވާހަކައާއި ސަމާގެ އެތައް ހަގީގީ ވާހަކަތަކަކާއެކު މި ރިޕޯޓު ތިޔަ ކިޔުންތެރިންނާ ހިއްސާ ކޮށްލާނެ ވާހަކަވެސް ދަންނަވާލަމެވެ.)

