ކައުންސިލްތަކަށް ނިކަމެތިކަން ލިބޭނެކަމެއް ރައީސް ނުކުރައްވާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމް ޝަރީފް އުމަރު މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ފޭސްބުކް ޕޯސްޓެއްގައެވެ.
މިއަދު ކެޓްޝެލްޓަރ ފެސިލިޓީ، އޮޅުހިޔާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ކައުންސިލްތަކަށް ނިކަމެތިކަން ލިބޭނެކަމެއް ރައީސް ނުކުރައްވާނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އެރަސްމިއްޔާތުގައި ވިދާޅުވެފައިވަނީ މިސަރުކާރަކީ ބަހާއި އަމަލު ދިމާވާ، ވައުދު ފުއްދާ އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންތައް ކުރުމަށް އިސްކަންދޭ ސަރުކާރެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވެފައިވަނީ ކައުންސިލްތަކަށް މިސަރުކާރުން އިސްކަންދޭކަމާއި، ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ އިތުރުން ލޯކަލް ޓޫރިޒަމުން ލިބޭ ޓެކްސްގެ ވަކި އިންސައްތައެއް ލިބޭނެ ކަމަށެވެ.
ވަޒީރު އާދަމް ޝަރީފް އުމަރުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާއި ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި 160 އަށް ވުރެ ގިނަ ކައުންސިލްތަކާ ބައްދަލުކުރައްވައި، ކައުންސިލްތަކުގެ އަޑުއެއްސެވި ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަކީ ޑރ. މުޙައްމަދު މުޢިއްޒު ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި 120 އަށް ވުރެ ގިނަ ކައުންސިލް އިމާރާތް ކުރެވޭނެ ކަމަށާއި، 2025 ވަނަ އަހަރު ވެސް ޤާނޫނާ އެއްގޮތަށް ކައުންސިލަށް ބަޖެޓު ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
“ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާއި ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއް. 160 އަށް ވުރެ ގިނަ ކައުންސިލްތަކާ ބައްދަލުކުރައްވައި، ކައުންސިލްތަކުގެ އަޑުއެއްސެވި ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަކީ ޑރ. މުޙައްމަދު މުޢިއްޒު. ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި 120 އަށް ވުރެ ގިނަ ކައުންސިލް އަޅުއްވާނެ.
ކައުންސިލްތަކަށް ނިކަމެތިކަމެއް ލިބޭނެ ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ނުކުރައްވާނެކަމުގެ ޔަޤީންކަން އެބަ އޮތް.
2025 ވަނަ އަހަރު ވެސް ޤާނޫނާ އެއްގޮތަށް ކައުންސިލަށް ބަޖެޓު ލިބޭނެ ކަމަށް ރައީސް ޑރ. މުޢިއްޒު މިއަދު ވަނީ ވިދާޅުވެދެއްވާފައި. ޝުކުރިއްޔާ، ރައީސް ޑރ މުހައްމަދު މުއިއްޒު،”
ވަޒީރު ވަނީ މިކަމަށް ރައީސް ޑރ މުއިއްޒަށް ޝުކުރުވެސް އަދާ ކުރައްވާފައެވެ.