މިއީ ސަރުކާރަށް ހިދުމަތް ކޮށްދިނުމުގައި، އަމިއްލަ ވަތަނާއި ދީނަށްޓަކައި ޝަހީީދު ނުވި ނަމަވެސް، މަރުގެ އަސަރުތައްް ފެނި، ވޭން ތަހައްމަލުކޮށް، ދުޝްމިނުން ދޫކޮށްލި އެތަކެއް ވަޒަނަކުން ޒަހަމްވެ، އެ ތަދާއި ރިހުން، ތަޖުރިބާކޮށްފައިވާ މީހެއްގެ ވާހަކައެވެ. ދިވެހިރާއްޖޭގައި ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެންމެން އެއްއަޑަކުން އެއްރާގެއްގައި، ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔައި، އެދުވަހުގެ ހަނދާންތައް އާލާކޮށް، ޝަހީދުންނަށާއި ޝަހީދުންގެ އާއިލާގެ ވާހަކަތައް ދައްކައި، ސާބަސް ދިނުމާއި ތައުރީފު ކުރުމާއި، އަދި އެދުވަހުގެ ތަޖުރިބާކުރި މީހުންގެ ތެރެއިން ދުނިޔޭގައި މިވަގުތު ތިބި މީހުންގެ ވާހަކަތައް ދައްކާއިރުު، ވޭތުވެދިޔަ 36 އަހަރުު ތެރޭގައި ރަސްމީ ހައިސިއްޔަތަކުން އެއްވެސް ތަނެއްގައި، މި މީހާގެ ވާހަކަ ދެއްކި އިވިފައިނެތް ވާހަކަ ދަންނަވާލަނީ ހިތާމައާއެކުގައެވެ. ހަމައެކަނި އެދުވަހުގެ ހާދިސާ ލިޔެފައިވާ “އައްޑަނަ” ފޮތުގައި އޮތުން ފިޔަވައި އެހެން އެއްވެސް ލިޔުމަކުން ވެސް މިމީހާގެ ނަމެއްވެސް، ހިދުމަތުގެ ވާހަކައެއްވެސް ފެނިފައި ނެތެވެ. އަދި މިވަގުތާ ހަމައަށް މިމީހާ ދިރިއުޅެމުން އައި ގޮތާއި މިވަގުތު މިމީހާގެ ހާލަތެއްވެސް ހާމަކުރި ބަޔަކުވެސް ނެތެެވެ. މިމީހާއާއި އޭނާގެ އާއިލާ ފިޔަވައެވެ.

ނޮވެމްބަރު 3 ގެ ހަނދާނީ މޮނިއުމަންޓް
މިއީ ގދ މަޑަވެއްޔަށް އުފަން އެރަށު ވިއުގަ، އަހުމަދު ބުޝްރީގެ ވާހަކައެވެ. 66 އަހަރުގެ ބުޝްރީގެ އުމުރުން 30 އަހަރުގައި ލިބުނު އަނިޔާގެ ސަބަބުން ވޭތުވެދިޔަ 36 އަހަރު އޭނާ ތަހައްމަލު ކުރަމުންދާ ތަކުލީފުތަކާއި އޭނާގެ ކެތްތެރިކަމަށް ސާބަސް ދޭވަރުވެއެވެ. އެދުވަހު ލިބުނު ޒަހަމުގެ ވޭން އަދިވެސް، މިއަދުގެ މި ހިނދުގައިވެސް އުފުލަމުންދާ ބުޝްރީ ހުވަދޫމީޑިއާ އަށް އޭނާގެ ނޮވެމްބަރު 3 އެއްގެ ތަޖުރިބާ އާއެކު ހިއްސާ ކުރީ ހިތަށް އަސަރު ކުރާ ފަދަ ވާހަކަތަކެކެވެ.
އެހުރިހާ ވާހަކައެއް އަޑުއެހުމަށްފަހު، ސުވާލު އުފެދުނީ، ގައުމަށްޓަކައި ދީނަށްޓަކައި، ސިފައިންގެ ޔުނިފޯމުގައި، ސިފައިންގެ ހިދުމަތުގައި ހުރެ ޒަހަމުވެ، ލިބުނު އަނިޔާގައި ނުކުޅެދޭ ހާލަކަށް ގޮސްފައިވާ ދިވެއްސަކު ބޭސްފަރުވާއަށްޓަކައި ސަލާންޖެހުން ހައްގުތޯއެވެ. ފަރުވާ ނުކުރެވި، ހަށިގަނޑުގެ ގުނަވަނެއް ވަކިކޮށްލާ ހިސާބަށް މިއަދު އޭނާގެ ހާލަތު ގޮސްފައިވާއިރު، އަތްމަތީގައި ފައިސާ ނެތުމުން އެކަށީގެންވާ ފަރުވާ ނުކުރެވި އެއުޅެނީ ކީއްވެގެންބާވައެވެ. ހައްތަހާވެސް ސުވާލެވެ.

ނޮވެމްބަރު3 ގެ އުދުވާނީ ހަމަލައިން…………….ފޮޓޯ: ރާއްޖެއާކައިވް
ގަޔަށް އެރި ވަޒަންތަކެއްގެ އަސަރު، އެތައް ލަކުނުތައް ކިޔައިދޭ އެތައް ވާހަކައެއް، ބުޝްރީގެ ގައިން ފެންނަން އެހެރީ ނޮވެމްބަރު 3، ބަޑިބުރާސްފަތީގެ ނިޝާންތަކެވެ. ހިނގައިބިނގައިވެ އުޅެނީ މީހެއްގެ އެހީގައެވެ. އެކަމަކު ބޭސްފަރުވާއަށް އެހީއަށް އެދި، ދިވެހި ސަރުކާރަށް ދެންނެވުމުން ޖަވާބު ލިބުނީ ސާފު “ނޫނެކޭ” އަކުންނެވެ. އާދެ، ސާފު އިންކާރުގެ ޖަވާބެކެވެ.
“23 އަހަރު ސިފައިންގެ ވަޒީފާގައި ހޭދަކުރުމަށްފަހު، ސަރުކާރަށް ހިދުމަތް ކުރުމުގައި 22 އަހަރު ވުމުން ޕެންޝަން ލިބިގެެން، އަމިއްލައަށް ރާއްޖެއިން ބޭރަށް ގޮސް މަތީ ތައުލީމު ހާސިލުކޮށްގެން އައިސް ސިވިލްސާވިސް ވަޒީފާއެއްގައި އުޅެމުންގޮސް މިއަދު ރިޓަޔަރ ވެފައި ހުރި އިރު، ނޮވެމްބަރު 3 ގެ އަނިޔާލިބުނު މީހެކޭ ކިޔާފައި ދިން ޝަރަފެއް ނެތްތަނުގައި ފަރުވާއަށް ބައިސެންޓެއް ހާމިންވަރުވެސް ދީފައެއް ނެތް، އެ ދުވަހުގެ އެހާދިސާއަށް ފަހު އެވަގުތުގެ ބޭސްފަރުވާއަށް ދިން 6 މަސްދުވަހުގެ ފައިސާކޮޅު، އެއީ 300 ޑޮލަރު، ރަމްޒީ އެހީއެއްގެ ގޮތުގައި 10،000 ރުފިޔާ، މިއަށްވުރެ އިތުރަށް އެންމެ ބައިލާރިވެސް ދީފައެއް ނެތް، ވަކި ހާއްސަ މީހަކަށް ވީތީ، އެތައް އުންޑަ އަރައި ޒަހަމްވެ، މިއަދު އެ ވަޒަން އެރި ފަޔާ ހެދި ދިރިއުޅުން ނުކުޅެދޭ މީހަކަށްވެފަ އިނުމަކުން ވީ ހާއްސައެއް ނެތް،”
މިއީ ރުޅިއެއް ނަފުރަތެއް ނޫނެވެ. މިބަސްތަކަކީ އާއިލާއެއްގެ އެތައް ބައެއްގެ ޝަކުވާއެވެ. 1988 ނޮވެމްބަރުގެ 3 ވަނަ ދުވަހުގެ ހާދިސާގައި ޒަހަމްވީ ބުޝްރީ ކަމަށްވިޔަސް އެޒަހަމުތަކުގެ ވޭނުގެ އަސަރުގައި ތަކުލީފު އުފުލަމުން އަންނަނީ މުޅި އެއާއިލާއެވެ.

އޭރުގެ ނޭޝަނަލް ސެކިއުރިޓީ ސާވިސް……………ފޮޓޯ: އާކައިވް ރާއްޖެ
“ވީ ގޮތަކީ، 1988 ވަނަ އަހަރުގެ 2ވަނަ ދުވަހަކީ ޑިއުޓީ ދުވަސް ވީމަ އެރޭ ޑިއުޓީގައި ހުއްޓާ އަންހެނުން ބަލިވެގެން ޑިއުޓީއިން ދޫކޮށްލީ، އޭރުގެ ރީޖަނަލް މިހާރު އޭޑީކޭގައި އުޅެފައި އައިސް ނިދުނީ، ހޭލެވުނީ 4 އެއްޖަހަން 5 މިނެޓު ހުއްޓާ، އަޅުގަނޑު ވަޒީފާ އަދާ ކުރަނީ ސިފައިންގޭގެ ދެ ކަމެއްގައި، މިޔުޒިކު ބޭންޑުގައާއި ޓާސްކްފޯސްގެ 80 މީހުންގެ ތެރޭގައިވެސް އަޅުގަނޑު ހިމެނޭ. އެއީ ހާދިސާ ހިނގި ދުވަސް… އެދުވަހުގެ ފަތިހު ޑިއުޓީއަށް ދިޔައިރު ފުރަތަމަ އަޑު އިވުނީމަ އަޅުގަނޑު ހީކުރީ ސިފައިންގެ ތެރެއިން ކަމަށް… އަޅުގަނޑު ޑިއުޓީއަށް ދާން ނުކުމެގެން ދިޔަ މަގުމަތީގައި ޓީވީ މޯލްޑިވްސް ޑިއުޓީ މީހާ ގާތު އެހީމަ، ބުނީ ނޭނގެއޭ، ޑިއުޓީއަށް އައިއްސުރެ އެބަ އިވެއޭ، ދެން އަޅުގަނޑު މިދިޔައީ އިންޖީނުގޭ ހުޅަނގުމަގުން މަޖީދީމަގަށް މަޖީދީ މަގުން އަލިކިލެގެފާނު މަގުން، ގޮސް މެދުޒިޔާރަތްމަގު، މުލީއާގޭ ހުޅަނގުމަގަށް، މުލީއާގޭ މައިގޭޓުގައި ޑިއުޓީއަށް ހުންނަ މީހާ ކޮބައިތޯ ބަލާލިއިރު އޭނައެއް ނެތް، ވެއްޓިފައި އޮތް ސައިކަލެއް ސްޓާޓުކޮށްފައި އޮތް، ކާކުގެ ސައިކަލެއް ކަމެއް ނޭނގޭ،

ނޮވެމްބަރު3 ގެ އުދުވާނީ ހަމަލައިން…………….ފޮޓޯ: ރާއްޖެއާކައިވް
ސިފައިންގޭ ފާރުކައިރީ އަޅުގަނޑު ބައިސްކަލުގެ ހަރު ޖައްސަން އުޅެނިކޮށް އިވިއްޖެ އިނގިރޭސިބަހުން ބުނިއަޑެއް، ކަލޭގެ ކަނާތުގައި ތިހިރީ ދުޝްމިނެކޭ، ފަޔަރ އޭ، އަޅުގަނޑަށް ކޮމާންޑު އެނގޭތީ އެނގިއްޖެ. އެއީ ފުރަތަމަ ވަޒަން، ޖެހިމީހެއް ނޭނގޭ ، ފުލުސް އޮފީސް ފާރު ހުންނާނ ތިރިކޮށް، ފާރުގައި ޖެހިފައި ރިފްލެކްސް ވެގެން އައިސް ފުރަގަސްފަރާތުން އުކުޅުވަޅާދިމާއަށް ނުކުމެގެން ދިޔައީ ކުރިމަތިފަރާތާ އެއްއިންޗި ކައިރިން، އެހިސާބުން ބިންމައްޗަށް ވެއްޓިއްޖެ، ބަޑިޖަހާ އަޑު މެދުނުކެނޑި އިވޭ، ކަރަންޓު ކަނޑައިގެން ހިނގައްޖެ، ހުކުރު މިސްކިތުގެ ފާރު ތެރެއަށް ޖެހި ވަޒަން ސިފައިންގެ ފާރަށް އެރީ … އަޅުގަނޑު އޮތީ ފާރުކައިރީގައި…އެހެން އޮއްވާ ސިފައިންގޭ ބަދިގޭގައި ކައްކަން އުޅޭ މަކުނުދޫ ސުލައިމާނު އައީ، 6:10 އެއްހާއިރު، ލޯ ހުޅުވާލި ތަނުން، އަޅުގަނޑު އޭނާ ގާތުން ކިހިނެއްވެގެންހޭ މިއުޅެނީ، އޭނާ ބުނީ ދޮރު ބަންދޭ، ނުވަދެވުނޭ، އަޅުގަނޑު ބުނެފިން މިއޮތީ ގަޔަށް ވަޒަން އަރާފައޭ، އޭނަވެސް ދިޔައީ…..
ދެން ކުޑަކޮށް އަނެއްކާވެސް ހޭވެރިކަމެއް ވީއިރު އެހެން އައޫ ހުކުރުމިސްކިތް ބަލަހައްޓާ ގިރާވަރު މުދިންބެ، ގަޑިން ވީއިރެއް ނޭނގެއޭ، އޭނަވެސް ދިޔައީ، އަޅުގަނޑު ހަމަ އެހެން އެތަނުގައި….އޭރުއިވޭ ސިފައިންގެއިން ގޮވާއަޑު “އާންމު ރައްޔިތަކުވެސް ސިފައިންގެ މީހަކުވެެސް ސިފައިންގެއަށް ނާންނާށޭ.” އޭރު ހުންނާނެ އެދިމާލުގައި ބޮޑު މޫނިމާ ގަހެއް، ލަފާކުރެވެނީ ހެނދުނު 7 އެއްޖަހާ އެހާކަށްހާއިރު ކަމަށް، އެ މޫނިމާގަސް ދަށުގައި އަޅުގަނޑާ ދިމާއަށް ބަޑިއެއް އަމާޒުކޮށް ގެން އޮތް މީހެއް.
10:30 11 ޖަހާއިރު ދެމީހަކު އައި، އެއީ ހެންވޭރު އޮނުތުރިގޭ އިބްރާހީމް ޝަރީފު އާއި ފުއްކަފަގޭ ދޮންތުއްތު ދެބޭކަލުން ގާތު ނަންގަތިން އަޅުގަނޑު ގެންދަންވީނޫންހޭ، ޖަވާބަކަށްވީ ތިމަންނަމެންނަށް ހުއްދަ އެއް ނެތޭ މަގުމަތީ އޮތް މީހަކު ވައްދާކަށް. ފުލުސް އޮފީސް ގޭޓުން ވަންނާށޭ ވަނުމަށް ފަހު އެހީވާނަމޭ. އެދިޔައީ،
11:45 އެހާކަށްހާއިރު އާޒީ ގޯޅިތެރެއިން އެތާ ތިބިބަޔަކު ޖެހި ވަޒަންތައް ވާތުފަޔަށް އެރީ، ކަކުލާ ދިމާއަށް އަރާފަ ދިޔައީ، ކުރިން ދެންނެވި މޫނިމާ ގަސްދޮށުގައި އޮތްމީހާގެ ހަރަކާތެއް ނެތުމުން އެނގިއްޖެ އެއީވެސް މަރުވެފައި އޮތް މީހެއްކަން، އޭރު އިވިއްޖެ، ސިފައިންގެއިން ގޮވާ އަޑު އިވޭ، ސިފައިންގެ މީހެއް ވެއްޖެއްޔާ ވަންނާށޭ، އަޅުގަނޑު ގަޔަށް ވަރުލައިގެން ބިންމަތީގައި ދެމެމުން ސިފައިންގެއަށް ވަދެވޭތޯ މިދަނީ، ލެޕަޑްރޯލުގައި، އަނެއްކާވެސް އަނެއް ވަޒަން، ކުޑަހުޅުން ތިރިއަށް އެރީ ކަނާއަތާ ކަނާތު ފަޔަށް،
މުހައްމަދު އިބްރާޙީމް މެކާނޯ ވެސް ވެއްޓުނީ އަޅުގަނޑުގެ ގައި މައްޗަށް. އެމީހުންގެ ތެރެއިން މީހުން ގަޔަށް ޖެހި ބަޑީގެ ވަޒަން ބިންމަތީގައި ޖެހިފައި އައިސް ފަޔަށް އެރީ. ލެޕަޑްރޯލުކޮށްގެން ވައަތަށް އެރީ ވަޒަން ކަނައަތާއި ކަނާތު ފައި ބޭނުން ކުރަމުން ދެމެމުން ގޮސް ސިފައިންގެއަށް ވަދެވުނުއިރު ނޭނގޭ ގަޔަށް އަރާފައި ހުރީ ކިތައް ވަޒަން ކިތައް ތަނަށް ކަމެއް،

ނޮވެމްބަރު3 ގެ އުދުވާނީ ހަމަލައިން…………….ފޮޓޯ: ރާއްޖެއާކައިވް
އެތަނުގައި ހުންނެވީ ޓޫޓޫ މުހައްމަދު ޒާހިރު. އެތަނުން ދެމީހަކު އަތަށް ނަގައިގެން ގޮސް ވެއްދީ، އެތަނުގައި ކާއެއްޗެއް ބޯއެއްޗެއް ނުލިބި ފޮތިގަނޑެއް އޮޅާފައި އޮތް، އިރުތަކެއް ފަހުން ލިބުނީ ޓޭންގް ޖޫސް، ބޭހެއް ނުލިބުނު. މީހުންވެސް ފެންނަނީ ރަތްކުލައިގަ، އެހެންތާ ވާނީ ގައިގަ ލޭ ހުސްވެފައި މިއޮތީ، އަނެއްދުވަހު އިވުނީ ކިޔާއަޑު އިންޑިޔާ މީހުން އެބައާދެއޭ، ދެން އެގެންދިޔައީ ޕިކަަޕަށް އަރުވައިގެން، ހޭވެރިކަން ވީއިރު ސެންޓްރަލް ހޮސްޕިޓަލުގައި އޮތީ، ކަރުން ފެށިގެން ކަނައަތާއި ކަނާއަތުފައި ފިޔަވައި މުޅިން ޕްލާސްޓަރުގައި، އެއިވުނީ ބުނި އަޑު މިރޭ ފުރަން ތައްޔާރުވާށޭ،”
ބުޝްރީއަށް ދެންވެސް ތަހައްމަލު ކުރަން ޖެހުނީ ދަތި ހިތި ތަޖުރިބާއެކެވެ. ބުޝްރީ ކިޔައިދިން ގޮތުގައި ފުރަތަމަ ފުރަން ދިއުމުން ފުރޭ ގޮތެއް ނުވެގެން އެނބުރި ސެންޓްރަލް ހޮސްޕިޓަލަށް ގެންދިޔައެވެ، ފުރޭގޮތް ވީ އަނެއް ދުވަހުގެ މާނައަކީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ކަމަށް ބުޝްރީ ބުންޏެވެ. އިންޑިޔާގެ މިވެނި ތަނަކަށޭ ބުނަން ނޭނގޭ ކަމަށާއި ވަކިތަނެއް ނޭނގޭ ހޮސްޕިޓަލަކަށް ވައްދާފައި ތިއްބާ، ދެން ދިމާވީ އަނެއް ހިތި ތަޖުރިބާއާއެވެ.
“ސައިކުރާ ނައީމުގެ ބައްޕަ މި ނެރުނީ އިނގިލި ބުރިކޮށްލާފައި، ދެން އޭރުގެ ޓްރާންސްޕޯޓުގައި ހުންނެވި މުޖުތަބާ، އޭނާ ނެރުނު އިރު ފައިގެ އިނގިއްޔެއް ބުރިކޮށްލާފައި، އަޅުގަނޑު ހޭވެރިކަމެއް މިވީ ހޮޅިބުރިކުރާ ކަހަލަ މެޝިނަކަށް ފައިލާފައި ބުރިކޮށްލަަން ތައްޔާރު ވެފައި އޮއްވާ، ދެކޮޅުހަދައި އަޑުގަދަކޮށްގެން ހުއްޓާލީ،، ހެލްތުން ވަޑައިގެން ހުންނެވީ، އިބްރާހީމް ޝަހީމް ވިދާޅުވީ އެއްވެސް މީހެއްގެ ގުނަވަނެއް ބުރިކޮށްލަން ސޮއި ނުކުރަމޭ، ދެން ގުޅުއްވީ އޭރުގެ ރައީސް މައުމޫނު ގައްޔޫމަށް، ރައީސް ވިދާޅުވީ ވަގުތުން އެއްވެސް މީހެއްގެ އެއްވެސް ގުނަވަނެއް ބުރިނުކުރެވޭނެ ކަމަށާއި ހޮސްޕިޓަލުން ބަދަލުކުރުމަށް،”

ނޮވެމްބަރު3 ގެ އުދުވާނީ ހަމަލައިން…………….ފޮޓޯ: ރާއްޖެއާކައިވް
އެތައް ހާލަކުން ބޭސްފަރުވާއާ ހަމައަަށް ދެވުނު ކަމަށް ބުޝްރީ ބުންޏެވެ. އަދި ދެން އިންޑިޔާގެ ޕޫނާ ހޮސްޕިޓަލަކުން ބުޝްރީގެ 27 އޮޕަރޭޝަން ކުރިއިރު ހަށިގަނޑުން ވަޒަންތަކެއް ނެގި ކަމަށް ބުޝްރީ ކިޔައިދިނެވެ. އިންސާނެއްގެ ގަޔަށް އެތަކެއް ވަޒަނެއް އެރުމާއެކުވެސް ﷲތައާލާ އޭނާއަށް ދިރިހުރުމުގެ ނިއުމަތް އަލުން ދެއްވީއެވެ. ފަރުވާއަށް ފަހު އެނބުރި އައުމުން ދެން އަދި ނިމުނީ ނޫންކަމަށާއި ފަރުވާއަށްފަހު 6 މަސްވީތަނާ އެހާލުގައިވެސް ޑިއުޓީއަށް ނުކުންނަން އަމުރު އައުމުން ބުޝްރީ އިސްކުރީ ވަޒީފާއެވެ. އަނބިދަރިންނާއި އާއިލާގެ އެހީތެރިއަކީ އޭނާކަމަށްވުމުންނެވެ. ގައުމީ މަސައްކަތަށް ފަސްނުޖެހެން ވެގެންނެވެ. ޑިއުޓީގައި އުޅުމުގެ ތެރޭގައި އޭނާގެ ލަކުނުތަކުން ދޮސްފައިބާ، ފާރުތައް ގޯސްވެގެން ޑޮކްޓަރަށް ދިއުމުން އެނގުނީ ބޭރުފުށުން ރަނގަޅުކަމަށް ފެންނަން ހުރިނަމަވެސް އެތެރޭގައި ރޯފާރު ނުހިކި ހުރިކަމެވެ، ބުޝްރީގެ ހަޔާތެކޭ އެއްގޮތަށެވެ.
“ރަނގަޅު، ދެތިން ހަތަރު މެޑެއްޔެއް ދެއްވި، ޕްރޮމޯޝަން ދެއްވި، ސިފައިންގެ ސަރުދާރަކަށް ވީމަ، އޮޕަރޭޝަން ކުރިތަން ނުބައިވީމަ ސިފައިންގެ މީހަކު ލާފައި ލަންކާއަށް، އޭގެ ފަހުން އަނެއްކާވެސް ފާރުތައް ފަޅައިގެން ގޮސް ލޭއައިސް ދޮސް އައިސް ވުމުން އައްޑު އަތޮޅު ހޮސްޕިޓަލުން އެނގުނީ ބޭރަށް ރަނގަޅުވެފައި ހުއްޓަސް އެތެރެއިން ފާރުހެދިފައި ހުރިކަން،”
ބުޝްރީގެ އަޑުގައި ހުރީ ޝަކުވާގެ އަސަރެވެ. މިއަދަކު އެލޮލަކުން ކަރުނައެއް ނާންނާނެއެވެ. މިއަދު އެމޫނުން އުދާސްކަމުގެ ބަދަލުގައި ފެންނާނީ ފޫހިކަމާއި ޝަކުވާގެ އަސަރެވެ. ހިތާމައާއި ކަރުނައިގެ ބަދަލުގައި ބުޝްރީގެ ލޮލުގައި ހުރީ ޔަގީންކަމެއް ދޭން ބޭނުންނުވާ އުއްމީދެއް ނެތް ކަމުގެ އަސަރެވެ.
އެހުރިހާ ވާހަަކަތައް ދެފަހަރެއްގެ މަތިން ކިޔައިދިން އިރުވެސް އެއިން އެއްވެސް ވާހަކައެއްގެ އެންމެ އަކުރެއް ކީއްކުރަން ތޯއެވެ. އެންމެ ފިއްޔެއްވެސް ތަފާތެއް ނޫނެވެ. ދޮގުގެ އަސަރެއް ހުރިވާހަކައެއް ނަމަ ތަކުރާރުކޮށް އެއްވާހަކައެއް އެހާ ތަފުސީލުކޮށް ކިޔައިދިނުމަކީ އިންސާނަކަށް ވާނެ ކަމެއް ނޫނެވެ.
“ދިވެހި ސިިފައިންގެ ހިދުމަތުގައި 22 އަަހަރު ހުރިން، ޕެންޝަން ލިބުމަށްފަހު އަލުން ވަޒީފާއަށް ޖޮއިން ވުމަށްފަހު ދެން ކިޔަވަން ދިޔައީ، އަޒުހަރުން ކިޔަވައިގެން އައިސް ސިވިސްސާވިސް ވަޒީފާގައި އުޅުނީ. މިއަދު މިހިރީ ރިޓަޔަރ ވެފައި، މިވޭތުވި އަހަރުތަކުގައި ބޭސްފަރުވާއަށްވިޔަސް އަދި އެހެންކަމަކަށް ވިޔަސް އެދުވަހުގެ ކަމަކުން ލިބުނު އަނިޔާއަކަށް ފަރުވާ ކުރުމުގެ ނަމުގައި އެއްވެސް ކަމެއް ނެތް ކޮށްދީފައެއް. 300 ވަރަކަށް ޑޮލަރާއި ރަމްޒީ އެހީއަށް 10،000 ރުފިޔާ ލިބުނު،” ބުޝްރީއަށް އެލިބުނު ފައިސާއަކީ، އެހީނަމަ ދެން ބުނާނެ އެއްވެސް ބަހެއް ނެތް އެހެންނޫންތޯއެވެ!
“އަޅުގަނޑުގެ ހަޔާތުގެ އެންމެ ބޮޑު ނަސީބަކީ އަޅުގަނޑުގެ އަނބިމީހާ، އެވަރުގެ އަތްނބެއް ނުލިބުނު ނަމަ މިހާލުގައި މިހިސާބަކަށް އަޅުގަނޑެއް ނާންނާނެ،” ބުޝްރީގެ ފުރަތަމަ އަނބިމީހާ، ކުދިންގެ މަންމައަކީވެސް ބުޝްރީއަށްޓަކައި ހެޔޮފާލެކެވެ. އެހެންނަމަވެސް އެނިޔަނެތި އަނބިމީހާ މިދުނިޔެއާ ވަކިވުމަށްފަހު ދެންވެސް ބުޝްރީގެ ހަޔާތަށް އައީ މިސާލެއްނެތް ފަދަ ހެޔޮލަފާ ސޯލިހު އަތްނބެކެވެ. އަދު ބުޝްރީގެ ހުރިހާ ކުދިންވެސް ބޮޑުވެ، އަމިއްލަ އަމިއްލަ ދިރިއުޅުންތަކުގައި އުޅެމުންދާއިރު ބުޝްރީގެ މުޅި އާއިލާގެ ހިތާމައަކީ ބުޝްރީގެ މިއަދާހަމައަށް އުފުލަމުން އައި 1988 ވަނަ އަހަރުގެ އެ ނޮވެމްބަރު 3 ގެ ޒަހަމްތަކުގެ ވޭނަށް ކެތްނުވެގެން އެހަށިގަނޑުން ގުނަވަނެއް ވަކިކޮށް، ނުކުޅެދޭ ހާލަށް ދާން ޖެހިދާނެ ކަމުގެ ބިރެވެ.

ޝަހީދު ހުސައިން އާދަމް، ނޮވެމްބަރު 3 އުދުވާނީ ހަމަލާގެ ތެރެއިން……………….ފޮޓޯ:އާކައިވް ރާއްޖެ
“ގައިގައި 27 ލަކުނު، ހިނގާބިނގާވެ އުޅެނީ މީހެއްގެ އެހީގައި، މިއީ އަޅުގަނޑުގެ ހަޔާތް، މިހަޔާތުގެ ބުރައިގެ ބަރު މިނަކީ އަދު އެފައިގެ ވޭނުގެ ރިހުމާއި ތަދު ކޮންމެ ހިނދަކުވެސް އިހުސާސްކުރަން ޖެހޭކަން. އެންމެ ފަހުން އެފައި ބުރިކޮށްލަން ޖެހޭ ހިސާބަށް މިދަނީ، ހުޅުބަދަލު ކުރާނެ ފެންވަރެއް ނެތް، އެހެންވީމަ ޑޮކްޓަރުން ދެން ދިން ޖަވާބަކީ އެއީ،”
“ބޭބެގެ ކަކުލުހުޅު ހުރީ ވަރަށް ގޯސްވެފައި، ބޭބެއަކީ އަޅުގަނޑުމެން އެންމެންގެ ލޯބިވާ ލޮޮބުވެތި ބޭބެ، ބޭބެގެ ހާލު ފެނުމުން އަސަރު ނުކުރާ ދުވަހެއް ނުދާނެ،
ސަރުކާރަށް އެންމެ ފަހުންވެސް ފައި ބުރިކުރުމުގެ ބަދަލުގައި ހުޅު ބަދަލުކުރަން ޖެހޭތީ އެހީއަށް އެދި ލިޔުނީ އަޅުގަނޑުގެ މިދެއަތުން، މެއިލް ކުރީ އަޅުގަނޑުގެ ދަރިފުޅުގެ މެއިލްއެޑުން، ޖަވާބު އައީ ސާފު ނޫނެކޭ އަކުން، މިއަދާ ހަމައަށް އެންމެ ކުޑަމިނުން ސިފައިންގޭގެ ޖަލްސާއެއްވެސް، އެއްވެސް ރަސްމިއްޔާތަކަށްވެސް ދައުވަތެއް ނުލިބޭ، ނުކުޅެދޭމީހަކަށްވިއޭ ކިޔާފައި ދިން އެއްޗެއް ވެސް ނެތް، މިއަދާ ހަމައަށް ބޭބެގެ ވާހަކަ ދެއްކި އަޑު އިވުނީ އިހަށް ދުވަހު ޓީވީއަށް އެރިމީހަކު ދެއްކި ވާހަކައިގެ ތެރެއިން ތިމަންނާއާ ދިމާވި މީހެކޭ ބުނެ ދެއްކި ވާހަކައެއްގެތެރޭ، އާނ، އެދުވަހުގެ ހާދިސާ ލިޔެފައިވާ “އައްޑަނަ” ފޮތުގައި އެވާހަކަ ލިޔެފައި އޮތް އިރު އެބައޮތް ބޭބެގެ ވާހަކަ، އެކަމަކު އެވާހަކަ އޮތުމަކުން ބޭބެއަކަށް ބޭސްފަރުވާއެއް ނުކުރެވޭނެ، ދެއްތޯ!” މިއީ ބުޝްރީގެ އަންހެންކޮއްކޮގެ ހިތުގެ އަޑެވެ. ހުރިހާ އަސަރެއް ކުރާނީ އާއިލާމީހުންނަށްކަން ޔަގީނެވެ. އެކަމަކު މިއަދު އެއަންހެންކޮއްކޮގެ އަޑުގައިވެސް އެއްވެސް އުއްމީދެއްގެ އަސަރެއް އަދި ލިބިދާނެ އެހީއަކަށް އިންތިޒާރުގެ ރާގެއް ނެތެވެ. ހުރީ މާޔޫސްކަމާއި ފޫއްސާއި ނުރުހުންތެރިކަމެވެ.
ބުޝްރީގެ ސުވާލަކީ މިހުރިހާ ވާހަކަ އިވުމުން ދެން ވަކި ވާނީ ކޮންކަމެއްތޯއެވެ. އަޅުގަނޑުގެ ޖަވާބަކީ ސަރުކާރަށް މިއަދު މިގައުމުގައި، ގައުމާއި ދީނަށްޓަކައި ނަސްރުގެ ދުވަހުގެ އަނިޔާލިބިފައިވާ މީހަކަށް ގަދަރެއް، އެހީއެއް ދޭނަމަ ބުޝްރީއަށް ވުރެ ވަކިން އެކަމަށް ހައްގު ދެވަނަ އިންސާނަކު އެބަހުރިތޯއެވެ. މިވާހަކަތައް ކިޔުމަށްފަހު، ކިޔާ ކޮންމެ މީހަކުވެސް ވިސްނާލައި ޖަވާބެއް ދިނުން ކީއްތޯއެވެ. އަޅުގަނޑުގެ ނަޒަރުގައި، ހުވަދޫމީޑިޔާގެ މުޅި ޓީމުގެ ނަޒަރުގައިވެސް ބުޝްރީއަކީ ހަގީގީ ހީރޯ އެކެވެ. އަދި ހީރޯގެ މަގާމަކީ ޔަގީނުންވެސް ބުޝްރީ އެއުފުލާ ވޭނެއް ނޫނެވެ. ހުވަދޫމީޑިޔާގެ މުޅި ޓީމުންވެސް އެދެނީ ބުޝްރީއަށް، ގައުމުގެ މިވަރުގެ ދިރިހުރި ނަމޫނާމިސާލަކަށް ހައްގު ޝަރަފާއި ގަދަރާއި އެހީތެރިކަން ލިބިގެންދިއުމެވެ.