ދިވެހި ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްޓަކައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި ތުރުކީގެ ފަރާތުން ސޮއިކުރެއްވީ ޓްރޭޑް މިނިސްޓަރު ޕްރޮފެސަރ ޑރ. އިމާރ ބޮލަޓްއެވެ.
އިގުތިސާދީ ތަރައްގީއާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވިގޮތުގައި، މި އެއްބަސްވުމަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސް، ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް، ރަޖަބު ތައްޔިބު އުރުދުއާންއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ގުޅުން ބަދަހި ކުރުމަށްޓަކައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މި އެއްބަސްވުމުގެ ދަށުން، ތުރުކީ ވިލާތަށް އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކަށް ލުއިތައް ހޯދައިދިނުމުގެ އިތުރުން ވިޔަފާރީގެ ހުރަސްތައް ކުޑަކުރެވި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމާއި ވިޔަފާރި އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި ރާއްޖޭން މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ތުރުކީގެ މާކެޓްގައި ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކަށް ތުރުކީގެ އުފެއްދުންތައް އަގުހެޔޮކޮށް ލިބުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އިގުތިސާދީ ތަރައްގީއާ ބެހޭ ވުޒާރާއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއާއި ތުރުކީއާ ދެމެދު އިގުތިސާދީ ގޮތުން ގާތް ގުޅުމެއް މިހާރު ވަނީ ގާއިމްކުރެވިފައެވެ. މި އެއްބަސްވުމުގެ ސަބަބުން އެ ގުޅުން އިތުރަށް ހަރުދަނާކުރެވި، ކުރިއަށް އޮތްތާގައި ވިޔަފާރި އަދި އިގުތިސާދީ ދާއިރާއިން މަސައްކަތްތައް އިތުރުކުރެވި، އާ ފުރުސަތުތައް ވިޔަފާރިތަކަށް ހުޅުވިގެންދާނެ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

