މިސަރުކާރުން މިހާތަނަށް މަސްވެރިންނަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު، އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، މަސްވެރިންނަށް ދޭންޖެހޭ ވަރަށް ގިނަ ފައިސާ ނުދެއްކި އޮތް ކަމަށެވެ.
ވަޒީރު ޝިޔާމު ފާހަގަކުރެއްވި ގޮތުގައި، މިދިޔަ ސަރުކާރުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމި، ދެވަނަ ބުރާ ދޭތެރޭގައި މަސްވެރިން އަތުން މިފްކޯއިން މަސް ގަންނަމުން ދިޔައީ 17 ރުފިޔާއަށް ކަމަށާއި، ނަމަވެސް އެ މުއްދަތުގައި އެ އަގު 25 ރުފިޔާއަށް ޖެއްސި ކަމަށެވެ. މި ބަދަލު ގެނައީ އެއްވެސް ދިރާސާއަކަށް ބެލުމެއްނެތި ސިޔާސީ ބޭނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
“މި ދަންނަވަނީ ދައުރެއް ނިމިގެން އިންތިހާބެއް ތެރޭގައި ހިނގަމުން ދިޔަ ކަމެއްގެ ވާހަކަ. އެއީ ކޮން ކަހަލަ ނިޔަތެއްގައި ކުރި ކަމެއްކަން އަޅުގަނޑުމެންނަށް ވަރަށް ސާފު,” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޝިޔާމު އިތުރަށް ވިދާޅުވީ، ރައީސް ޑރ މުއިއްޒު ވެރިކަމަށް ވަޑައިގެން އެންމެ އިސްކަމެއް ދެއްވި އެއް ކަމަކީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުން ކަމަށެވެ. މި މަސައްކަތުގެ ތެރެއިން 17 ނޮވެމްބަރު 2023 އިން ފެށިގެން 27 އޮކްޓޯބަރު 2024 އާ ހަމައަށް 1،042،060،897 ރުފިޔާ މަސްވެރިންނަށް މި ސަރުކާރުން ދީފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
“އިރާދަކުރެއްވިއްޔާ ރައީސް ޑރ މުއިއްޒު މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް އިރާދަކުރެއްވިއްޔާ އެގޮތުގައި އަޅުގަނޑުމެން ފުއްދާނެކަމުގެ ޔަގީންކަން މިއަދު ވެސް އަޅުގަނޑުމެން މަސްވެރިންނަށާއިެރިންނަށާއި ދިވެހި އާއިލާތަކަށް އަރުވަން,” ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

