އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ވަކިކުރުމާއި ގުޅިގެން އިސްރާއީލުގެ މަޝްރަހު ހޫނުވެފައިވާ ދަނޑިވަޅުގައި ހިޒްބުﷲގެ ހަމަލާތަކެއް އިސްރާއީލަށް އަމާޒުކޮށްފިއެވެ.
ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތުން ބުނެފައިވަނީ މި ހަމަލާ އުތުރު އިސްރާއީލުގެ މަރްގަލިއޯޓް ސަރަޙައްދުގައި އެއްވެފައިވާ އިސްރާއީލު ބާރުތަކަށް މިސައިލްތަކުން ޙަމަލާދިން ކަމަށާއި އަދި އެ ހަމަލާތައް އަމާޒަށް ވާސިލް ވެފައިވާ ކަމަށެވެ.
އަދި މި ހަމަލާގެ އިތުރަށް އިސްރާއީލުގެ އުތުރު ނަހަރިޔާ ސިޓީގައި ތިބި އިސްރާއީލު ބާރުތަކަށް ރޮކެޓް ހަމަލާ ދީފައިވާކަމަށެވެ. މީގެ އިތުރުންވެސް
ނަހަލް އޯޒް ސަރަޙައްދުގައި ހުރި އިސްރާއީލު ސިފައިންގެ އާޓިލަރީ ޕޮޒިޝަންތަކަށް އަމާޒުކޮށް ޙަމަލާދީފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލުގެ މަޝްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އިސްރާއީލުގެ ފުލުހުން ނަތަންޔާހޫގެ އޮފީހަށް ވަދެފައިވާއިރު، މިއަދު ނަތަންޔާހޫ ވަނީ އެގައުމުގެ ޑިފެންސް މިނިސްޓަރު، ޔޯވް ގަލަންޓް މަގާމުން ވަކިކޮށްފައެވެ.
ރިޕޯޓްތަކުން ބުނާ ގޮތުގައި ނަތަންޔާހޫ އޭނާ މަގާމުން ވަކިކޮށްފައިވަނީ ދެމީޙުންގެ ދެމުދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއި ގުޅިގެން އިތުބާރު ގެއްލި ރުޅިގަދަ ވެގެންނެވެ.