ވަޒީރު މަރިޔަމް މާރިޔާ އަދި ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރ ޖެނެރަލް ޔޫސުފް މާނިއުގެ ބައްޕާފުޅު، މުހައްމަދު ޔޫސުފް، ކުވާ މޮހޮދޭގެ ޖަނާޒާ މިރޭ އިޝާނަމާދަށްފަހު، ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިކަން ހާމަކުރައްވައި ކުވާ މޮހޮދޭގެ ދަރިކަލުން، ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރ ޖެނެރަލް ޔޫސުފް މާނިއު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ، ބައްޕަގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިރޭގެ އިޝާ ނަމާދަށްފަހު، އިސްލާމީ މަރުކަޒުގައި ކަމަށެވެ.
ކުރީގެ ސިޔާސީ ދާއިރާގައި ނުފޫޒުގަދަ އަދި އިގުތިސާދީ ދާއިރާގެ ވަރުގަދަ ޝަހުސިއްޔަތު، މުޙައްމަދު ޔޫސުފް (ކުވާ މޮހޮދޭ) ނިޔާވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ)ގައި ފަރުވާ ދެމުންދަނިކޮށެވެ. ކުވާ މޮހޮދޭއަކީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވުނު އެންމެ ނުފޫޒުގަދަ ޝަހުސިއްޔަތުތަކުގެ ތެރެއިން އެކެކެވެ. މީގެ އިތުރުން، 1970 ގެ އަހަރުތަކުގައި ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ބޮޑަށް ނަގާކިޔާ އަދި އެންމެ ނުފޫޒުގަދަ ވިޔަފާރިވެރިންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ.

ފޮޓޯ: ކަށުނަމާދުޕޭޖް
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި، ކަނޑު ދަތުރުފަތުރުގެ ވިޔަފާރިއާއި، އަދި ފެލިވަރު މަސްކާރުހާނާ ވުޖޫދަށް އައުމުގައި ކުވާ މޮހޮދޭގެ ދައުރު ވަރަށް މުހިންމު ކަމަށް އޭރުގެ ގިނަ ބޭފުޅުން ފާހަގަކުރައްވައެވެ. މިގޮތުން، ރާއްޖޭގެ އިގުތިސާދީ ތަރައްގީގައި އޭނާގެ ހިއްސާ ވަރަށް ބޮޑުކަމަށްވެސް ގިނަ ބޭފުޅުން ގަބޫލުކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުވެސް ވަނީ ކުވާ މޮހޮދޭ ނިޔާވުމާ ގުޅިގެން، މަރުހޫމަށް ހެޔޮދުއާ ކުރައްވައި، އެއާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ،